ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ވިޔަފާރި ވެރިންގެ ޖަމިއްޔާއަށް ބަދަލު ކުރުމުން މިއަހަރުން ފެށިގެން ދެން ބާއްވާނީ އަހަރު އެންމެ ނައިޓް މާކެޓެއް ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފް ވިދާޅުވީ މިއަހަރުން ފެށިގެން ދެން މާކެޓް އަނެއްކާވެސް ބާއްވަމުން ގެންދާނީ އަހަރަކު އެއްފަހަރު ކަމަށާއި، މާދަމާ މިއަހަރު ބާއްވާ ނައިޓް މާކެޓުން މޭޒު ގަތުމަށް ބޭނުންވާ ފަރާތްތަކަށް ފޯމް ދޫކުރަން ފަށާނެ ކަމަށެވެ. އާސިފް ވިދާޅުވީ ފޯމް މާދަމާ ދޫކުރަން ފެށިޔަސް މާކެޓް ބާއްވާނެ ދުވަހެއް ކަނޑައެޅޭނީ މިމަސް ނިމުމުގެ ކުރިން ކަމަށެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާއިން މަސައްކަތް ކުރަމުންދަނީ ރޯދަ މަހުގެ 20 ވަރަކަށް ދުވަސް ކުރިން ނައިޓް މާކެޓް ބޭއްވުމަށެވެ.
އާސިފް ވިދާޅުވީ، މޭޒު ވިއްކުމުގައި އެ ޖަމިއްޔާއިން ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށާއި، ހުރިހާ މޭޒެއްވެސް ވިއްކާނީ އެއް އަގެއްގައި ކަމަށެވެ. އެގޮތުން މޭޒެއް 3900 އަށް ވިއްކުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ފައިސާ ދައްކާ ހުރިހާ ކަމެއް ނިންމާ ފަރާތްތަކަށް މޭޒު ދޫކުރަމުންދާނީ މާކެޓް ބާއްވާ ސަރަހައްދުން ބޭނުން ތަނަކުން ކަމަށް ވިދާޅުވި އެވެ.
"ހުރިހާ މޭޒެއްވެސް ވިއްކާނި އެއް އަގެއްގައި. އެއީ 3900 އަށް. އެކަމަކު އަންނާނެ ތަފާތަކީ ފުރަތަމަ ފޯމް ފުރުމަށް ފަހު ފައިސާ ދައްކާ ނިންމާ ފަރާތްތަކުން ބޭނުންތަނަކުން މޭޒު ލިބޭނެ. ފުރަތަމަ އަންނަ ބަޔަކަށް އިސްކަން ދޭނި. މާދަމާ ފޯމް ދޫކުރަން ފަށާނެ. އެކަމަކު އަދި ބާއްވާނެ ތާރީހެއް ކަނޑައެއް ނޭޅެ،" އާސިފް ވިދާޅުވި އެވެ.
މިއަހަރު ނައިޓް މާކެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރުވެސް ބޭއްވި ރާޅުގަނޑު ސަރަހައްދުގައި އެވެ. ނަމަވެސް މާކެޓްގައި ހުންނާނީ 400 މޭޒު ކަމަށާއި އެއަށްވުރެ އިތުރު ނުކުރާނެކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނެ އެވެ.
އަދި ނައިޓް މާކެޓުން މޭޒު ގަންނަން ބޭނުން ކޮންމެ ފަރާތަކަށްވެސް އެފުރުސަތު އޮންނާނެ ކަމަށް އެ ޖަިއްޔާއިން ބުންޏެވެ.
މިދިޔަ ދެ އަހަރު ނައިޓް މާކެޓް ބާއްވާފައިވަނީ މާލޭ ސިޓީ ކައުންސިލުން އެކަން ކުރުމަށް ހުއްދަދީގެން ގޯމީޑިއާއިން ނެވެ. ނަމަވެސް މިދިޔަ އަހަރު އިކޮނޮމިކް މިނިސްޓްރީން ވަނީ ސިޓީ ކައުންސިލުން ކުރަމުން އައި އެ މަސައްކަތް އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށް ރާއްޖޭގައި ބާއްވާ ހުރިހާ ވިޔަފާރީގެ ފެއާތަކެއް ބޭއްވުމުގެ ހުއްދަ ވިިޔަފާރިވެރިންގެ ޖަމިއްޔާއަށް ދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް