ވަގަށްނަގާފައިވާކަމަށް ބެލެވޭ 4 ފޯނާއި ޕަވަރ ބޭންކަކާއި ޔޫއެސްބީ ކޭބަލަކާއެކު މާލެގެ ގެއެއްގެ ފުރާޅުމަތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރޭ ދަންވަރު 01:20 ހާއިރު، މއ. ކެކުރިގެ ފުރާލުމަތީގައި ހުއްޓައި، މާލެތެރެ ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ މާފަން ޕޮލިސް ސްޓޭޝަންގެ ފުލުހުން ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސެމްސަންގ ބްރޭންޑްގެ ސްމާޓް ފޯނަކާއި ނޮކިއާ ބްރޭންޑްގެ 3 ފޯނާއި ޕަވަރ ބޭންކަކާއި ޔޫއެސްބީ ވާގަނޑެއް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ 49 ފަހަރު ހުއްޓުވައި ސުވާލުކޮށް 3 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 1 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އަދި އޭނާއަކީ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް