މީގެ ފަސް އަހަރު ކުރިން ކިނބިދޫގައި ދަރިފުޅު މަރާލި ކަމުގެ ތުހުމަތުގައި ޖަލަށް ލާފައިވާ އިންޑިއާގެ ރުބީނާ ބުރުހާނުއްދީން މިނިވަން ކުރަން ރުބީނާގެ އާއިލާއިން ކުރިއަށްގެންދާ ކެމްޕޭނުގައި ފީއަލީ ދަރިވަރަކަށް ޖިންސީގޯނާކޮށްގެން ޖަލަށްލި، އަދި އިންޑިއާ ސަރުކާރުގެ އެހީގައި ސަލާމަތްވެ މިހާރު އިންޑިއާގައި ހުރި ޖަޔަޗަންދުރަން، އިސްކޮށް ހަރަކާތްތެރިވާން ފަށައިފި އެވެ.
ރުބީނާ ސަލާމަތް ކުރުމަށް ރުބީނާގެ މަންމަ ޝަފީގާ ބީވީ، ޕެޓިޝަނެއް ތައްޔާރުކުރުމަށްފަހު އިންޑިއާގެ ތައިކޯޑްގައި ހުންނަ ނޮން ރެޒިޑެންޓް ކެރަލައިޓްސް އެފެއާޒް އަށް އިއްޔެ ހުށަހަޅާފައިވާއިރު އެ އާއިލާއިން ބުނެފައިވަނީ ރުބީނާ ސަލާމަތްކުރުމަށް އޮންލައިންކޮށް ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންދާ ކަމަށެވެ. އަދި އެ ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވަނީ ޖަޔަޗަންދުރަން ކަމަށް އެ އާއިލާއިން ބުނެއެވެ.
ރުބީނާގެ މަންމަ ވަނީ ކެރަލާގެ ޗީފް މިނިސްޓަރު އޮމަން ޗާންދީއާ ބައްދަލުކޮށް ރުބީނާ ސަލާމަތް ކުރުމަށް އެހީއަށް އެދިފައެވެ. އަދި އިންޑިއާއިން ވަނީ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާވެސް މިކަމާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.
ރުބީނާ ބުރުހާނުއްދީންގެ މައްޗަށް ދައުވާކޮށްފައިވަނީ ޖޫން 27، 2010ގައި އޭނާގެ ފިރިމީހާ ތ. ކިނބިދޫ އަލިތަރި، ހަސަން ޖާބިރު ދެކެ ހިތްހަމަ ނުޖެހި ރުޅި އައިސްގެން އެ ދެ މީހުންގެ ދިހަ މަހުގެ ފިރިހެން ދަރިފުޅު، އަހުމަދު ސާއިބު މަރާލުމުގެ ބޭނުމުގައި ރުބީނާ އެ ކުއްޖާގެ މޫނު މަތީގައި ބާލީސް އަޅައި މަރާލާފައިވާކަމަށް ބުނެއެވެ.
ސާއިބު މަރުވެގެން ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔައިރު އެއްވެސް ޒަހަމެއް ފެންނާކަށް ނެތް ނަމަވެސް ފަހުން ފުލުހުން ވަނީ ސާއިބުގެ މަރާ ގުޅިގެން ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން ތަހުގީގު ހިންގާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް