މިދިޔަ އާދިއްތަ ދުވަހު އަފްގާނިސްތާނުގެ ވެރިކަން ވައްޓާލުމަށް ފަހު ތޯލިބާނުންގެ ބާރުގެ ދަށަށް އެ ގައުމު ގެންދިޔަ ފަހުން ތޯލިބާނުން ވަނީ ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލު ކޮށްފައި އެވެ.
އިއްޔެ ބޭއްވި މި ބައްދަލުވުމުގައިި 20 އަހަރު ވަންދެން ވަރަށް ބޮޑަށް ފިލާ ތިބެގެން ހަނގުރާމަ ކުރަމުން ދިޔަ ތޯލިބާނުންގެ އިސް ލީޑަރުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރެއިން އެކަކީ ތޯލިބާނުންގެ ވަރުގަދަ ތަރުޖަމާނު ޒަބީހުﷲ މަޖާހިދެވެ.
މިއީ އެމެރިކާއިން 2001 ވަނަ އަހަރު އަފްގާނިސްތާނުގައި ތޯލިބާނުން ކުރަމުން އައި ވެރިކަން ވައްޓާލުމާއި އެކު އަފްގާން ސަރުކާރާއި އެމެރިކާ އާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދިޔަ ތޯލިބާނުންގެ ތަރުޖަމާނު ނޫސްވެރިންނަށް ފެނުނު ފުރަތަމަ ފަހަރެވެ.
އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ނޫސްވެރިންނާއި ބައިނަލްއަގުވާމީ ނޫސް އެޖެންސީތަކުގައި ޒަބީހުﷲގެ ފޯނު ނަމްބަރު އޮވެ އެވެ. ތޯލިބާނުންގެ ބަހެއް ހޯދަން ބޭނުންވެގެން މެސެޖެއް ކޮށްފި ނަމަ އޭނާ އެ މެސެޖަކަށް ނުވަތަ ފޯނު ކޯލަކަށް ޖަވާބުދީ ހަދަ އެވެ. ތޯލިބާނުންގެ ފަރާތުން ބަޔާން ތައްޔާރުކޮށް ބަރާބަރަށް ނޫސް އިދާރާތަކަށް ފޮނުވަ އެވެ.
އެކަމަކު ނޫސްވެރިންނާއި ޒަބީހުﷲ އާއި ދުވަހަކުވެސް ބައްދަލުވެފައެއް ނުވެ އެވެ. އަދި ފޮޓޯއަކުން ޒަބީހުﷲގެ ސިފަވެސް ފެނިފައެއް ނުވެ އެވެ. ނޫސްވެރިންނަށް އެނގެނީ ހަމަ ހަމަ އެކަނި އޭނާގެ ނަމާއި އަޑެވެ. އެހެންވެ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ބައިނަލްއަގުވާމީ ނޫސް އެޖެންސީތަކުގެ ރިޕޯޓަރުން ބުނެފައިވަނީ އެމީހުންނަށް ޒަބީހުﷲ ފުރަތަމަ ފަހަރަށް ފެނުމުން ޖެހުނީ ޝޮކެއް ކަމަށެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ބުނެފައިވަނީ ފަރުދާގެ ފުރަގަހުގައި ހުރެގެން އެތައް އަހަރެއް ވަންދެން މަސައްކަތް ކުރަމުންދިޔަ މީހާ ފެނުމުން ވަރަށް ބޮޑަށް ހައިރާންވި ކަމަށެވެ. ބައެއް ނޫސްވެރިން ބުނެފައިވަނީ އެމީހުންނަށް ޒަބީހުﷲ ފުރަތަމަ ފަހަރަށް ފެނުމުން ބުނަން ނޭނގޭ ކަހަލަ ބިރުވެރި އަދި ރުޅިވެރިކަމުގެ އިހުސާސްތަކެއް ކުރެވުނު ކަމަށެވެ.
އެގޮތުން އޭނާއަށް ނޫސްވެރިން ކުރާ މެސެޖުތަކުގެ ޖަވާބުގައި ފޮނުވާ ހަރުކަށިފިކުރުގެ ބަސްތަކާއި ތޯލިބާނުން އެމެރިކާ ސިފައިންނަށް ހަދަން ބޭނުންވާ ގޮތާއި ގުޅޭގޮތުން ލިޔެފައި ފޮނުވާ ޖަވާބުތަކަކީ ލިޔެފައި ހުންނަ އެއްޗެއް ފެނުނަސް ބިރުގަންނަ މެސެޖުތަކެއް ކަމަށް ނޫސްވެރިން ބުންޏެވެ. އެކަމަކު އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި ޒަބީހުﷲ ނޫސްވެރިންނަށް ދައްކާލީ ހިނިތުންވުމާއި އޯގާތެރިކަން ކަމަށާއި އެކަންކަން ބަލައިގެންނަން ވަރަށް ދަތިކަމަށް ބުނެފައިވެ އެވެ.
އަދި އަފްގާން ހުރިހާ ރައްޔިތުންނާއި ތޯލިބާނުންނާއި ދެކޮޅަށް މަސައްކަތް ކުރި އެންމެންނަށް މައާފުދޭ ކަމަށް ބުންޏަސް މީގެ ކުރިން އެމެރިކާއަށް ތާއީދު ކުރާ މީހުންނަށް ހަދާނެ ގޮތް ކަމަށްބުނެ ކޮށްފައިވާ މެސެޖުތައް ހަނދާންވުމުން ބިރުވެރިކަން އިހުސާސް ކުރެވޭ ކަމަށް ނޫސްވެރިން ބުންޏެވެ. މީގެ އިތުރުން އަންހެން ނޫސްވެރިން ގުޅުމުން ޖަވާބު ދިނުމަށް ފަހު ނަސޭހަތުގެ ނަމުގައި ޒަބީހުﷲ ދޭ އިންޒާރާއި ކުރާ ނަފުރަތުގެ މެސެޖުތަކަކީވެސް އާންމުންނަށް ނޭނގުނަސް ނޫސްވެރިން ޖެހިލުންވެ ބިރުގަންނަ މެސެޖުތަކެއް ކަމަށް ބުނެފައިވެ އެވެ.
އަންހެނުންގެ ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށްގެން ވެރިކަން ކުރާ ތޯލިބާނުން އަފްގާނިސްތާނުގައި ވެރިކަން ކުރާނީ އިސްލާމީ ޝަރީއަތާތާއި އެއްގޮތަށް ކަމަށް ބުނެފައިވެ އެވެ. އެކަމަކު މިފަހަރު އަންހެނުންނަށް ސަރުކާރުގައި ވަޒިފާ އަދާ ކުރުމާއި މޫނު އެއްކޮށް ނިވާނުކޮށް ބުރުގާ އަޅައިގެން ބޭރަށް ނުކުމެވޭނެ ކަމަށް ތޯލިބާނުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް