އދ. އާންމު މަޖިލީހުގައި ފާއިތުވި އަހަރު ހާސިލް ކުރެވުނު ކާމިޔާބީތައް، އަބްދުﷲ ޝާހިދުގެ ހުނަރާއި، ތަޢުލީމާއި، ތަސައްވަރާއި، ބުއްދި އާއި ނުލައި ހާސިލްނުވީސް ކަމަށް އދ. ގެ ސެކެޓްރީ ޖެނެރަލް ގުޓެރޭޒް ވިދާޅުވެއްޖެއެވެ.
ސެކްޓްރީ ޖެނެރަލް މިހެން ވިދާޅުވެފައިވަނީ، އދ. އާންމު މަޖިލީހުގެ ޓީމާއި، އަދި އެ ޖަމިއްޔާގެ ބައެއް މުޢައްޒަފުންނާއި މުހާތަބުކޮށް ވާހަކަ ދައްކަވަމުންނެވެ.
އިތުރަށް ތަޢުރީފް ކުރައްވަމުން އދ ގެ ސެކެޓްރީ ޖެނެރަލް ވިދާޅުވީ، ހުރި ގިނަ ދަތިތަކާއި ގޮންޖެހުންތަކުގެ ތެރެއިންވެސް އެންމެން އެއްތަންކޮށް، ކާމިޔާބުކަމާއި އެކު އެހާ ފުރިހަމަ މަސައްކަތެއް ކުރެވުނީތީ ހަމަ ހައިރާންފުޅުވާކަމަށެވެ.
މީހެއްގެ ކިބައިގައި ހުންނަ ހުނަރުވެރިކަމާއި، ޤާބިލް ކަމާއި، ޝަޢުގުވެރިކަމަށްވުރެ މުހިންމު ކަމަކީ އެމީހާގެ ކިބާގައި ހުންނަ އިންސާނިއްޔަތު ކަމުގެ ސިފަތައް ކަމަށް ޝާހިދަށް ތަޢުރީފް ކުރައްވަމުން ވިދާޅުވިއެވެ. އެންމެ ކުރުކޮށް ވިދާޅުވާނަމަ ޝާހިދަކީ ރަނގަޅު މީހެއް ކަމަށާއި، އަދި ރަނގަޅު މީހުންނަކީ މަދު ބައެއް ކަމުގައި އދ. ގެ ސެކްޓްރީ ޖެނެރަލްގެ ވާހަކަ ކޮޅު ނިންމަވާލައްވަމުން ވިދާޅުވިއެވެ.
އަބްދުއްﷲ ޝާހިދުގެ އުއްމީދީ ރިޔާސަތުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިގޮތުން 650 އަށް ވުރެ ގިނަ ބައްދަލުވުންތައް ބާއްވައި 325 ބަޔާން ވަނީ އިއްވާފައެވެ. އަދި 307 ޤަރާރު ފާސްކޮށް، 140 ނިންމުން ފައިސަލާކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން އދ. ގައި އަލަށް ޒުވާން ޑިޕްލޮމެޓުންނަށް ފުރުސަތުދިނުމުގެ ޙާއްސަ ޕޮރޮގްރާމެއް ފައްޓަވައި، ޒުވާނުންނާއި، މިންތީގެ ހަމަހަމަކަމަށް ގޮވާލައި ގިނަ މަސައްކަތްތަކެއް ކާމިޔާބް ކަމާއި އެކު އެމަނިކުފާނު އދ ގައި ކުރިއަށް ގެންގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް