އަންނަ އަހަރު އެންމެ އިސްކަމެއް ދީގެން އަލަށް ފަށާ އެއާޕޯޓުތަކުގެ ތެރޭގައި މަތިވެރި އެއާޕޯޓް ހިމެނޭ: ރައީސް މުއިއްޒު

މަތިވެރީގައި އެއަރޕޯޓެއް އެޅުމަކީ އިޤްތިޞާދީ ގޮތުން ދެކޮޅުޖެހޭ 'އެކޮނަމިކަލީ ވައިބަލް' ކަމެއްގޮތުގައި ފާހަގަކުރައްވައި މިއަންނަ އަހަރު އެންމެ އިސްކަމެއްދީގެން އަލަށް ފަށާ އެއަރޕޯޓް މަޝްރޫޢުތަކުގެ ތެރޭ...

09 Dec 2024 | 05:39

މަތިވެރީގައި އެއަރޕޯޓެއް އެޅުމަކީ އިޤްތިޞާދީ ގޮތުން ދެކޮޅުޖެހޭ 'އެކޮނަމިކަލީ ވައިބަލް' ކަމެއްގޮތުގައި ފާހަގަކުރައްވައި މިއަންނަ އަހަރު އެންމެ އިސްކަމެއްދީގެން އަލަށް ފަށާ އެއަރޕޯޓް މަޝްރޫޢުތަކުގެ ތެރޭގައި މަތިވެރީގެ އެއަރޕޯޓް އެޅުން ކުރިއަށްދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަޤީންކަން ދެއްވީ ރޭ މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ މަތިވެރީގައި އެއަރޕޯޓެއް ތަރައްޤީކުރުމުން މި ސަރަހައްދުގެ އެހެން ރަށްތަކަށްވެސް އެކަމުގެ ފައިދާކުރާނެ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ވީއެންމެ އަވަހަކަށް ކައުންސިލާއި، ކަމާ ބެހޭ ވުޒާރާ ގުޅިގެން ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު އެއަރޕޯޓުގެ ޕްލޭން ނިންމެވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މަތިވެރީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދެވުމަށާއި ރަށަށް ބޭނުންވާ ބިން އިތުރުކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއަންނަ އަހަރުގެ ވަކި ހިސާބެއްގައި އާ މިސްކިތެއް އެޅުމުގެ މަސައްކަތާއި، ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަން ފާހަގަކުރެއްވިއެވެ.

މަތިވެރީގެ ސާޅީސް އެތައް ހާސް އަކަފޫޓުގެ ބިމަކުން މިވޭތުވި އަށެއްކަ އަހަރުވެސް ރަށަށް ފައިދާއެއް ނުލިބި އޮތްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ޤާނޫނީ ހަމަތަކުގެ މަތީން މިކަމުން ނުކުމެވޭނެގޮތެއް ބައްލަވައިދެއްވުމަށް އެޓަރނީ ޖެނެރަލް އަރިހުން އެދިވަޑައިގެންފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ވަނީ މަތިވެރީގެ މި ބިމާމެދު މިހާރު ވެފައިވާ އެއްބަސްވުން ޤާނޫނީ ހަމަތަކުގެ މަތީން ރޫޅާލާ ރަށުގެ ރައްޔިތުންނާ ބިން ހަވާލުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ސަރުކާރުން ކުރިއަށްއޮތް ދެއަހަރު ޤައުމުގެ ތަރައްޤީގެ ކަންކަމަށް އިސްކަން ދެއްވާނެ ތަރުތީބަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަންނަ އަހަރު އެންމެ އިސްކަމެއް ދޭނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށްކަމަށެވެ. އަދި އެއަށްފަހު ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް އިސްކަންދެއްވާނެކަމަށާއި އަދި އެއަށްފަހު ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް އަމާޒުހިއްޕަވާނެ ކަމުގައެވެ. މި ދާއިރާތަކަށްފަހު ދެން އެންމެ އިސްކަމެއް ދެއްވާނީ ފެނާއި ނަރުދަމާގެ ކަންކަން ކުރިއަށްގެންދިއުމަށްކަމަށާއި، އެއަށްފަހު މަގު ހެދުމާ އަދި ދެންވެސް ހުރި އިޖުތިމާޢީ ތަރައްޤީގެ ކަންކަމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ މި ބައްދަލުކުރެއްވުމުގައި ވިދާޅުވިއެވެ.

ރޭގެ ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އއ މަތިވެރީގެ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވާ، އެ މަރުކަޒުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް