ވޯލްޑް ކަޕް 2022: ތަށި ހޯދާނެކަމަށް ބެލެވުނު ބްރެޒިލްއަށް ހިތްދަތި ނިމުމެއް. ކްރޮއޭޝިއާ ސެމީއަށް

ފީފާ ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުން، މުބާރާތް ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކު ބެލި ބްރެޒިލް ބަލިކޮށް، ކްރޮއޭޝިއާ އިން ސެމީ ފައިނަލްގެ ޖާގަ ހޯދައިފިއެވެ. މިރޭގެ މެޗުގެ 90 މިނިޓ...

09 Dec 2022 | 18:43

ފީފާ ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުން، މުބާރާތް ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކު ބެލި ބްރެޒިލް ބަލިކޮށް، ކްރޮއޭޝިއާ އިން ސެމީ ފައިނަލްގެ ޖާގަ ހޯދައިފިއެވެ.

މިރޭގެ މެޗުގެ 90 މިނިޓުގެ ކުޅުން ހަމަވިއިރު ވެސް، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނުއިރު، އިތުރު ވަގުތުގެ 2 ހާފުގެ ތެރޭގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ބްރެޒިލް އެވެ. އެހެނަސް، ހިތްވަރު ގަދަ ކުޅުމެއް ދެއްކި ކްރޮއޭޝިއާއިން ފަހު ވަގުތު ލަނޑެއް ޖަހާ އެއްވަރުކޮށް، ޕެނަލްޓީ ޝޫޓް އައުޓްއަށް މެޗު ދުއްވާލިއިރު، ޕެނަލްޓީ އިން ކްރޮއޭޝިއާ މޮޅުވީ 4-2 ގެ ނަތީޖާއިންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ އެހާ ހުސް ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ. އަނެއްކޮޅުން ބްރެޒިލްއަށް ލިބުނު ބައިކުޅަބައި ފުރުސަތުތަކުގައި ވެސް، ކްރޮއޭޝިއާގެ ޑިފެންސްގެ ވަރުގަދަ ވުމުގެ ނަތީޖާއެއްގެ ގޮތުން ބްރެޒިލްއަށް މާކަ ބޮޑު ނުރައްކަލެއް ނުކުރެވުނެވެ. ޚާއްސަކޮށް ކްރޮއޭޝިއާގެ ޓީމުގެ ކުޅުމުގެ ވައްޓާފާޅީގެ ގޮތުން ބްރެޒިލްއަށް މެޗުގެ ތެރެއަށް ވަދެ ރަނގަޅަށް ކުޅެގަންނަން އުނދަގޫވެގެން އުޅުނުކަން ފާހަގަކުރެވުނެވެ.

ދެ ވަނަ ހާފުގައި ބްރެޒިލްގެ ކުޅުން ރަނގަޅުކޮށް، އުފެއްދި ހަމަލާތަކުގެ ވެސް ނުރައްކާތެރިކަން އިތުރެވެ. އެހެނަސް ނޭމާ އާއި ޕަކުއޭޓާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށް ވީ ކްރޮއޭޝިއާގެ ގޯލްކީޕަރ ލިވަކޯވިޗެވެ.

ބްރެޒިލްއިން ލީޑު ނެގީ، އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ވެސް އިތުރު ވަގުތު ތެރޭގައެވެ. ލޫކަސް ޕަކުއޭޓާ އޭރިޔާގެ ތެރެއަށް ދުއްވި ބޯޅަ ހިފައިގެން ވަދެ ނޭމާ ބޯޅަ ގޯލަށް ފޮނުވާލީ ކީޕަރުގެ ކައިރިން ވެސް ނައްޓާލުމަށް ފަހުގައެވެ.

ބްރެޒިލް މޮޅުވާނެ ކަމަށް ބެލެވިފައި އޮއްވާ، މެޗު ނިމެން އެންމެ 3 މިނިޓަށް ވެފައިވަނިކޮށް، ކްރޮއޭޝިއާއަށް އެއްވަރު ކޮށްދިނީ ޕެޓްކޯވިޗެވެ. އޯސިޗް އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޕެޓްކޯވިޗް ފޮނުވާލުމުން ބޯޅަ ގޯލަށް ވަނީ ބްރެޒިލްގެ ޑިފެންޑަރެއްގެ ފައިގައި ޖެހި މިސްރާބު ވެސް ބަދަލުވެގެންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ކްރޮއޭޝިއާއިން ފުރަތަމަ ޕެނަލްޓީ ޖެހިއިރު، ވްލަސިޗް އެ ޕެނަލްޓީ ކާމިޔާބުކުރިއެވެ. ބްރެޒިލްގެ ފުރަތަމަ ޕެނަލްޓީ ރޮޑްރީގޯ ފޮނުވާލުމުން ކްރޮއޭޝިއާގެ ގޯލްކީޕަރ މަތަކުރީއެވެ. އޭގެ ފަހުން ކްރޮއޭޝިއާއިން މޭހާ، މޮޑްރިޗް އަދި އޯސިޗް ޖެހި ޕެނަލްޓީ ވެސް ކާމިޔާބުވިއިރު، ބްރެޒިލްގެ ކަސެމީރޯ އާއި ޕެޑްރީ ޖެހި ޕެނަލްޓީ ވެސް ކާމިޔާބު ވިއެވެ. ބްރެޒިލް ބަލިވީ މާކުއެނޯސް ޖެހި ޕެނަލްޓީ ދަނޑީގައި ޖެހިފައި ނުކުތުމުންނެވެ.

ކްރޮއޭޝިއާ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކުރިއިރު، އެ ގައުމަކީ އެންމެ ފަހުން އޮތް ވޯލްޑް ކަޕްގެ ފައިނަލްގައި ވެސް ވާދަކުރި ގައުމެކެވެ. ކްރޮއޭޝިއާއަށް ސެމީގައި ވާދަކުރަން ޖެހޭނީ މިރޭ އާޖެންޓީނާ އާއި ނެދަލެންޑްސް ކުޅޭ މެޗުން މޮޅުވާ ބަޔަކާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް