ށ. މިލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން، 17,900 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 70،400
ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި 8,400 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 15 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 583 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 93 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
އަދި 311 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް 2 ބްރިޖް ހެދުމާއި، 3,789 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
މީގެެ އިތުރުން، މި މަޝްރޫޢޫގެ ދަށުން ހައި ސްޕީޑް ފެރީ ނެޓްވޯރކަށް ބޭނުންވާ އެކްސަސް ޕްލެޓްފޯރމެއްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށްފަހުއެވެ.
މިއީ 79.94 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން 600 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، އާދަމް އާޒިމެވެ.
އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.
2،700 މީހުން ދިރިއުޅޭ ށ. މިލަންދޫއަކީ ހެޔޮވަރެއްގެ އާބާދީއެއްއޮތް ބިންބޮޑު ރަށަކަށްވާއިރު ރަށުގެ 131 ހެކްޓަރުގެ ބިމުން ރަށު ރައްޔިތުން ދަނޑުވެރިކަން ކުރުމަށްޓަކައި މިހާރުވެސް 30 ބިންވަނީ ދޫކޮށްފައެވެ.
މި ރަށުގައި މާބޮޑު މަސްވެރިކަމެއް ނެތްނަމަވެސް، ރަށުގައި ވަދުއަޅާ ފަރުމަހަށް ދިޔުމަށް ފުދޭވަރަކަށް ޑިންގީ އަދި ލޯންޗު ގެންގުޅެއެވެ.
ރަށުގައި ރަނގަޅު ފެންވަރަކަށް ކޮންސްޓަރަކްޝަން މަސައްކަތްކުރާ ފަރާތްތައް އުޅޭއިރު ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ރިސޯޓްތަކުގައިވެސް ވަޒީފާ އަދާކުރެއެވެ.
މިލަންދޫއަކީ ށ. އަތޮޅުގެ ގިނަ ރަށްރަށުން އެކި ކަހަލަ ވިޔަފާރިތަކަށް އާންމުކޮށް އައިސްހަދާ ރަށެއްކަމުން، އެކަށީގެންވާ ތަނަވަސް ބަނދަރެއް ނެތުމުގެ ދަތިކަން މިރަށުގެ ރައްޔިތުންނަށް ވަނީ ތަޙައްމަލު ކުރަންޖެހިފައެވެ.
ބަނދަރުގެ ޖާގަ ކުޑަވުމާއި އެއްގަމުތޮށީގެ އެކި ދިމަ ދިމާއިން ވެލިގަނޑު ދެމިގެން ގަނބާފައިވުމުން ބަނދަރު އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރުމުގައި މިލަންދޫ ރައްޔިތުންނަށް ދަތިތަކެއް އަންނަނީ ދިމާވަމުންނެވެ.
އެމްޓީސީސީން ބުނީ މިއަދު ސޮއެކުރެވިގެން މިދިޔަ މަޝްރޫޢުގެ ދަށުން ށ. މިލަންދޫގެ ބަނދަރު މުސްތަޤުބަލުގައި އިތުރަށް ތަރައްޤީވެ ތަނަވަސް ވެގެންދިޔުމާއެކު މިލަންދޫ ރައްޔިތުންނަށް ލަފާފުރުމުގައި އެތަކެއް ލުއިފަސޭހައަކާއި، ހިތްހަމަޖެހުމެއް ލިބިގެންދާނެކަމަށް އެ ކުންފުނިން އުންމީދު ކުރާ ކަމަށެވެ.
އަދި މި ބަނދަރު ތަރައްޤީކުރެވި ފުރިހަމަވެގެންދިޔުމުން އިޖްތިމާއީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން މިލަންދޫގެ ރައްޔިތުންނަށް ގިނަ ގުނަ ފައިދާތަކެއް ކުރިމަގުގައި ލިބިގެންދާނެކަމަށް އެ ކުންފުނިން އުންމީދުކުރާކަން ހާމަކޮށްފައި ވެއެވެ.
ވޭތުވެދިޔަ 41 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ.
1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް