ފީފާ ވޯލްޑް ކަޕް 2022 ކުއާޓާ ފައިނަލް: ނެދަލެންޑްސް – އާޖެންޓީނާ މެޗު ޕްރިވިޔު

ތާރީޚް: 10 ޑިސެމްބަރ 2022 ގަޑި: 00:00 ސްޓޭޑިއަމް: ލުސެއިލް ސްޓޭޑިއަމް ފީފާ ރޭންކިންގ: ނެދަލެންޑްސް (8)، އާޖެންޓީނާ (3) ހެޑް-ޓު-ހެޑް ނަތީޖާތައް: ފީފާ ވޯލްޑް ކަޕްގައި މި ދެ ގައުމުގެ 5 ކުރިމަތިލުމެއް މިހ...

09 Dec 2022 | 12:21

ތާރީޚް: 10 ޑިސެމްބަރ 2022

ގަޑި: 00:00

ސްޓޭޑިއަމް: ލުސެއިލް ސްޓޭޑިއަމް

ފީފާ ރޭންކިންގ: ނެދަލެންޑްސް (8)، އާޖެންޓީނާ (3)

ހެޑް-ޓު-ހެޑް ނަތީޖާތައް:

ފީފާ ވޯލްޑް ކަޕްގައި މި ދެ ގައުމުގެ 5 ކުރިމަތިލުމެއް މިހާތަނަށް ފެނިފައިވާއިރު، ކޮންމެ ގައުމަކަށް ކާމިޔާބު ކުރެވިފައިވަނީ 2 މެޗެވެ. އަނެއް މެޗު ވީ އެއްވަރެވެ. 2014 ގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އާޖެންޓީނާއިން ނެދަލެންޑްސް ބަލިކުރީ ޕެނަލްޓީ އިންނެވެ. 2002 ގެ ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗު އެއްވަރުވިއިރު، 1998 ގެ ކުއާޓާ ފައިނަލް 2-1 އިން ކާމިޔާބުކުރީ ނެދަލެންޑްސް އެވެ. 1978 ވަނަ އަހަރު އާޖެންޓީނާއިން ވޯލްޑް ކަޕްގެ ތަށި އުފުލާލީ ފައިނަލްގައި 3-1 އިން ނެދަލެންޑްސް ބަލިކޮށްފައެވެ. 1974 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖްގައި ނެދަލެންޑްސް އިން އާޖެންޓީނާގެ މައްޗަށް ކުރި ހޯދީ 4-0 ގެ ނަތީޖާއިންނެވެ.

ފީފާ ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާ އާއި ނެދަލެންޑްސް މިރޭ ވާދަކުރާއިރު، މި ދެ ގައުމަކީ ވެސް މި ފަހަރުގެ މުބާރާތުގައި ވަރަށް ރީތި މޮޅު ކުޅުމެއް ދައްކާފައިވާ ދެ ގައުމެވެ. އާޖެންޓީނާގެ ކޯޗު ބުނެފައިވާ ފަދައިން މިރޭގެ މެޗު "ރީތި ގޭމް" އަކަށް ވާނެކަމަށް ބެލެވެއެވެ.

89000 މީހުންގެ ޖާގައިގެ ރީތި ލުސެއިން ސްޓޭޑިއަމްގައި މިރޭ ބޮޑަށް ގުގުމާނީ އާޖެންޓީނާގެ ސަޕޯޓަރުންގެ އަޑު ކަމާމެދު ޝައްކެއް ނެތެވެ. އެހެނަސް، ދަނޑު މަތީގައި މިރޭގެ މެޗު ވާނީ ވަރަށް ހަމަހަމަ ވާދަވެރި މެޗަކަށެވެ. އާޖެންޓީނާއިން ކުއާޓާ ފައިނަލަށް އައީ 2-1 ގެ ނަތީޖާއިން އޮސްޓްރޭލިއާ ބަލިކޮށްފައެވެ. ނެދަލެންޑްސް ކުއާޓާއަށް އަހިސް އޮތީ އޮސްޓްރޭލިއާއަށް ވުރެ ވެސް ވަރުގަދަކޮށް ފެނުނު ޔޫއެސްއޭ 3-1 ގެ ނަތީޖާއިން ބަލިކޮށްފައެވެ.

އާޖެންޓީނާއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ޓީމުގެ ތަރި ލިއޮނަލް މެސީ މި މުބާރާތުގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން ދިއުމެވެ. މެސީ އެ ހުރި ފޯމުގައި، ހަމަ ކޮންމެ ވަގުތަކު ވެސް ނަތީޖާ ބަދަލުކޮށްލާފަދަ ކަމެއް އޭނާގެ ފަރާތުން ފެނިދާނެއެވެ. ނެދަލެންޑްސް ޓީމުގެ ފަރާތުން މެޗުގެ ކުރިން މެސީގެ ވާހަކަ މާބޮޑަށް ވެސް އެ ދެކެވެނީ އެހެން ވެގެންނެވެ.

އަނެއްކޮޅުން، މުޅި ޖުމްލަކޮށް ބަލާނަމަ ނެދަލެންޑްސްގެ އެޓޭކް ލައިން ވަކި ދެރައެއް ނުވާނެއެވެ. ކޯޑީ ގަކްޕޯ އާއި މެމްފިސް ޑިޕާއީ ފަދަ ކޮންމެ ކުޅުންތެރިޔަކަށް ވެސް، ކިތަންމެ ކުޑަ ފުރުސަތެއް ލިބުނަސް ލަނޑު ޖެހުން ވަރަށް ގާތެވެ. އެހެންކަމުން، މިރޭގެ މެޗުގައި ދެ ޓީމުން ފެނުން ގާތީ އެޓޭކިންގް ގޭމެކެވެ.

މޮޅުވާ ބަޔަކު ވާދަކުރަން ޖެހޭނީ ކޮން ބަޔަކާ؟

މި މެޗުން މޮޅުވާ ގައުމެއް ސެމީ ފައިނަލްގައި ވާދަކުރަން ޖެހޭނީ މިރޭ ރާއްޖެ ގަޑިން 20:00 ގައި ކުޅޭ ބްރެޒިލް – ކްރޮއޭޝިއާ މެޗުން މޮޅުވާ ގައުމަކާއެވެ.

ދުވަސްގެ ލަފާކުރުން:

މި މެޗަށް ދުވަސްގެ ލަފާކުރުމަކީ، މެޗު 2-2 ގެ ނަތީޖާއިން އެއްވަރުވެ، ޕެނަލްޓީއިން އާޖެންޓީނާ މޮޅުވުމެވެ.

ނެދަލެންޑްސް ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ނޮޕާޓް، ޓިމްބާ، ވެން ޑައިކް، އަކޭ، ޑަމްފްރީސް، ޑި ޔޯން، ޑި ރޫން، ބްލިންޑް، ކްލާސެން، ގަކްޕޯ، ޑިޕާއީ

އާޖެންޓީނާ ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

މާޓިނޭޒް، މޮލީނާ، ރޮމޭރޯ، އޮޓަމެންޑީ، އަކޫނާ، ފެނާންޑޭޒް، ޑި ޕައުލް، މެކް އެލިސްޓާ، ޑި މަރިއާ، މެސީ، އަލްވަރޭޒް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް