ކޮރަޕްޝަންގެ ކިތަންމެ ކުޑަ އަމަލެއް ހިންގަންވެސް ނުރުހެން: ރައީސް ސޯލިހް

ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ ޢަމަލެއް ހިންގަންވެސް މި ސަރުކާރުން ނުރުހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހް މި...

09 Dec 2022 | 11:25

ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ ޢަމަލެއް ހިންގަންވެސް މި ސަރުކާރުން ނުރުހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވެވި ހިތާބުގައެވެ.

އެ ހިތާބުގައި ރައީސް ވިދާޅުވެފައިވަނީ މުޅި ދުނިޔޭގެ ފެންވަރުގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ ޢަޒުމުގައި ބައިނަލްއަޤްވާމީ ދުވަހެއް ކަނޑައަޅާފައި އޮތުމުން، ކޮރަޕްޝަންގެ ވިހަ މުޅި ދުނިޔެއަށް ފެތުރިފައިވާ މިންވަރު ވަޒަންކޮށްލެވޭކަމަށާއި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުން ފެށިގެން އެންމެ ފަޤީރު ޤައުމުތަކުގައި ވެސް، ކޮރަޕްޝަންގެ ވަބާ އޮތީ ފެތުރި ޢާންމުވެފައި ކަމަށެވެ. އަދި ދުނިޔޭގެ އިރުން ހުޅަނގަށް އަދި އުތުރުން ދެކުނަށް ހުރި ހުރިހާ ޤައުމުތަކެއް، ކޮރަޕްޝަންގެ ގެއްލުމާ ކުރިމަތިލާންޖެހިފައިވާއިރު، މި ނުރައްކާތެރި ވަބާގެ ގެއްލުންތަކުން އަޅުގަނޑުމެންގެ ރާއްޖެވެސް ސަލާމަތްނުވާކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.

"ޤައުމެއްގައި ނުވަތަ މުޖްތަމަޢެއްގައި ކޮރަޕްޝަންގެ ޢަމަލުތައް ފެތުރިއްޖެ ނަމަ، އެކަމުގެ ގެއްލުން ނުފޯރާ އެންމެ ދާއިރާއެއްވެސް ނޯވެއެވެ. އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އެތައް ގެއްލުމެއް ތަޙައްމަލުކުރަންޖެހެއެވެ. އަދި ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުން ލަސްވާ ވަރަކަށް، އެކަމުގެ ސަބަބުން ޤައުމީ ތަރައްޤީއަށާއި ރައްޔިތުންގެ ފުދުންތެރިކަމަށާއި މުޖްތަމަޢުގެ ހަމަޖެހުމަށް ލިބޭ ގެއްލުން ވަކިން ބޮޑަށް އިތުރުވެއެވެ. ކޮރަޕްޝަންގެ ޢަމަލުތަކަކީ، ހަމައެކަނި ވަކި މުއައްސަސާއަކުން ނުވަތަ ހަމައެކަނި ސަރުކާރުން ކަނޑައަޅާ ސިޔާސަތަކުން ހުއްޓުވޭނެ ކަމެއް ނޫނެވެ. ކޮރަޕްޝަން ހުއްޓުވުމަށްޓަކައި، މުޅި މުޖްތަމަޢާއި ވަކިވަކި ކޮންމެ ފަރުދެއްމެ، ކޮރަޕްޝަންގެ ޢަމަލުތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރަންޖެހެއެވެ." ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން ފެށިގެން، ކޮރަޕްޝަނާ ދެކޮޅަށް ޤައުމީ ފެންވަރުގައި މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ނަމަވެސް، މި ކަމުގައި އިތުރަށް ކުރަން ހުރި ކިތަންމެ ކަންތައްތަކެއް އަދިވެސް އެބަހުރިކަމަށެވެ. ކޮރަޕްޝަން ހުއްޓުވުމުގައި އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ، އެފަދަ މައްސަލަތައް ރިޕޯޓްކުރެވޭނެ އިތުބާރު ހުރި ނިޒާމެއް ކަނޑައެޅިފައި އޮތުމާއި، ދައުލަތުގެ މާލީ އަދި އިދާރީ ހިންގުންތެރިކަމުގެ ހާމަކަމާއި ފާޅުކަން މިހާރަށް ވުރެ އިތުރުކުރުންކަމަށާއި ހަމައެފަދައިން، ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަޙުޤީޤު ކުރުމުގެ ފުރިހަމަ މިނިވަންކަމާއި އިޚްތިޔާރު، އެކަމާ ގުޅުން ހުރި މުއައްސަސާތަކަށް ދިނުންކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.

"ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މާލީ އެންމެހައި ކަންކަން، ޤާނޫނީ އިމުގެ ތެރެއިން، ފުރިހަމަ ނަޒާހަތްތެރިކަމާ އެކުގައި ކުރުމަށާއި، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އެފަދަ މުޢާމަލާތްތައް ހިންގުމަށް އަބަދުވެސް މިއަންނަނީ އިރުޝާދު ދެމުންނެވެ. ހަމައެފަދައިން ދައުލަތުގެ އެއްވެސް އިދާރާއެއްގައި، ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ފަދަ އެއްވެސް ޢަމަލެއް ހިނގާނަމަ، އެކަމެއް ވީއެންމެ އަވަހަކަށް ރިޕޯޓްކުރުމަކީ ދިވެހި ރައްޔިތުންގެ ފަރާތުން ނުހަނު ބޮޑަށް އެދޭ ކަމެކެވެ." ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރުމަށް ވެބް ޕޯޓަލްއެއް ޤާއިމުކޮށް، ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރާ މީހުންނަށް ފުރިހަމަ ޤާނޫނީ ޙިމާޔަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ހެޔޮ ނަތީޖާ މިހާރު ދަނީ ފެންނަމުން ކަމަށާއި ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުން އިތުރުވާ ވަރަކަށް، ކޮރަޕްޝަނަށް މަގުފަހިވާ ޢަމަލުތައް ހުއްޓުވުމަށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ދެނަގަނެވޭކަމަށާއި އަދި މިނިވަންކަމާއެކު އެފަދަ މައްސަލަތައް ތަޙުޤީޤުކުރާ ކަމުގެ ޔަޤީންކަން އޮތުމުން، ކޮރަޕްޝަންގެ ޢަމަލުތައް ހިންގުން މަދުވާކަން ފާހަގަކުރެވޭކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން މިކުރާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ޙާޞިލުކުރެވޭނީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިގެން ކަމަށާއި މިއީ ޤައުމީ މައްސަލައެއް ކަމަށް ދެކި، ޤައުމީ ފެންވަރުގައި މިކަމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށްގެން ކަމަށެވެ. ސްކޫލް މާޙައުލުގެ ތެރެއިން އަލަށް އުފެދެމުން އަންނަ ޒުވާން ޖީލުތައް، ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކޮށް، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ ރޫޙު އާލާކޮށްގެންކަމަށެވެ. އަދި އަޅުގަނޑުމެން ކޮންމެ މީހަކީ، އެމީހެއްގެ އަމިއްލަ ނަފްސުން ފެށިގެން، ޢާއިލާއާއި މުޖްތަމަޢުގައިވެސް، ކޮރަޕްޝަނަށް ނޫނެކޭ ބުނާ މީހަކަށް ވެއްޖެނަމަ، މި ނުރައްކާތެރި ވަބާއިން މުޖްތަމަޢު ސަލާމަތްކުރުމަކީ އުނދަގޫ ކަމެއް ނޫންކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް