ކޮރަޕްޝަނުގެ ކެންސަރުން ގައުމު ސަލާމަތް ކުރެވޭނީ ދައުލަތުން ވައްކަންކުރާ މީހުންގެ މައްޗަށް އިސްލާމީ ޝަރީއަތް ތަންފީޒު ކުރެވިގެން ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލް އަޤްވާމީ ދުވަހާއި ގުޅުވައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އުމަރު ވިދާޅުވެފައިވަނީ ކޮރަޕްޝަން މިއަދު މިވަނީ ދައުލަތުގެ އެންމެ މަތިން ފެށިގެން އެންމެ ތިރިއަށް އަށަގެންފައިކަމަށާއި ސިޔާސީ ޕާޓީ ތަކުގެ މައިގަޑު މަސައްކަތަކީ ދައުލަތުގެ ތިޖޫރީގެ ތަޅުދަޑި ހޯދުންކަމުގައި ވެފައިވާކަމަށެވެ.
"ކޮރަޕްޞަން ގެ ކެންސަރުން ދައުލަތް ސަލާމަތް ކުރެވޭނީ އިސްލާމީ ޝަރީއަތުގައި ވައްކަން ކުރާމީހުނަށް އޮތް ހުކުމް، ދައުލަތުން ވައްކަން ކުރާމީހުންގެ މައްޗަށް ތަންފީޒު ކުރެވިގެންނެވެ. " އުމަރު ވިދާޅުވެފައިވެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ އުމަރު އިތުރަށް ވިދާޅުވެފައިވަނީ ކޮރަޕްޝަންގެ ތުހުމަތު އޭނާގެ ބޮލުގައިވެސް އެޅުވުމަށް ވޭތުވި ހަތް އަހަރުވަންދެން، ދެ ސަރުކާރުންކުރި މަސައްކަތްވެސް ވަނީ ނާކާމިޔާބުވެ 'ހުދުވަލުގެ' ހުދުކަން ސާބިތުވެފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް