ވޯލްޑް ކަޕް 2022 ކުއާޓާ ފައިނަލް: ބްރެޒިލް - ކްރޮއޭޝިއާ މެޗު ޕްރިވިއު

ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތަކުގެ ކުޅުން މިރޭ ފެށޭއިރު، މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަމުގ...

09 Dec 2022 | 08:25

ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތަކުގެ ކުޅުން މިރޭ ފެށޭއިރު، މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަމުގައިވާ ބްރެޒިލް އާއި އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާއެވެ.

ބްރެޒިލް އަދި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު މިރޭ ރާއްޖޭ ގަޑިން 20:00 ގައި ކުޅެން ހަމަޖެހިފައިވާއިރު، މި މެޗު ކުޅޭނީ ގަތަރުގެ ވެރިރަށް ދޯހާހެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމުގައެވެ.

ތާރީޚް: 09 ޑިސެމްބަރ 2022

ގަޑި: 20:00

ސްޓޭޑިއަމް: އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް

ފީފާ ރޭންކިންގ: ބްރެޒިލް (1)، ކްރޮއޭޝިއާ (12)

ބްރެޒިލް

މިއީ ބްރެޒިލް އިން ވޯލްޑް ކަޕް ވާދަކުރާ 22 ވަނަ ފަހަރު ކަމަށްވާއިރު 1982 ވަނަ އަހަރަށްފަހު ބްރެޒިލް އިން ވަނީ ކުޅުނު ހުރިހާ ވޯލްޑް ކަޕެއްގައި ވެސް ގްރޫޕްގެ އެއްވަނަ ހޯދާފަ އެވެ.

ފަސް ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލް އަކީ މުބާރާތުގެ ތާރީހުގައި ވެސް އެންމެ ގިނަ މެޗުން މޮޅުވި ޓީމެވެ. ބްރެޒިލް އިން ވަނީ ވޯލްޑް ކަޕްގައި މިހާތަނަށް ޖުމުލަ 110 މެޗު ކުޅެފައެވެ. އޭގެ ތެރެއިން 74 މެޗުން ވަނީ މޮޅުވެފައެވެ. ބަލިވެފައިވަނީ އެންމެ 18 މެޗުންނެވެ. މިހާތަނަށް ބޭއްވުނު ހުރިހާ ވޯލްޑް ކަޕެއްގައި ވެސް ކުޅުމުގެ ޝަރަފު ލިބިފައިވާ ބްރެޒިލް މިފަހަރުގެ މުބާރާތުގައި ދައްކަމުން އަންނަނީ ތަފާތު މޮޅު ކުޅުމެކެވެ. މިފަހަރު ވޯލްޑް ކަޕުގައި އެޓީމުން ގުރޫޕް ސްޓޭޖު ނިމްމާލީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗުން ބަލިވެ، އެޓީމު ހިމެނުނު ގުރޫޕް ޖީގެ އެއްވަނަ ހޯދައިގެންނެވެ. މުބާރާތުގެ ދެވަނަ ބުރަށް ބްރެޒިލް ދިޔައީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓު ހޯދައިގެން ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން މުބާރާތުގެ ކުއަޓާއިން ފުރުސަތު ހޯދީ ދެވަނަ ބުރުގައި ކޮރެއާ ރިޕަބްލިކާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު 1-4 އިން ކާމިޔާބު ކޮށްގެންނެވެ.

ބްރެޒިލް މީގެ ކުރިން 16 މުބާރާތެއްގެ ކުއާޓާ ފައިނަލުގައި ކުޅެފައިވެއެވެ. އޭގެ ތެރެއިން 11 ފަހަރު އެޓީމުން މޮޅުވިއެވެ. އަދި ފަސް ފަހަރު ނާކާމިޔާބުވެފައިވެއެވެ. 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވުނު މުބާރާތުން ފެށިގެން މިހާތަނަށް ކުޅުނު ހުރިހާ ވޯލްޑް ކަޕެއްގައިވެސް ބްރެޒިލުން ވަނީ ގަވައިދުން ކުއާޓާ ފައިނަލުގައި ކުޅެފައެވެ. އެންމެ ފަހުން ކުޅުނު 2018 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލައްވެސް ބްރެޒިލް ދަތުރުކުރިއެވެ. ނަމަވެސް އެފަހަރުގެ މުބާރާތުން ބްރެޒިލް ވަކިވާން ޖެހުނީ ބެލްޖިއަމްއަތުން 1-2 ގެ ނަތީޖާއިން ބަލިވެގެންނެވެ. މިރޭގެ މެޗަކީ ބްރެޒިލް ޓީމުން ވޯލްޑް ކަޕް ތާރީޚުގައި ވާދަކުރާ 17 ވަނަ ކުއާޓާ ފައިނަލް މެޗެވެ.

މިރޭ ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާއާއި ދެކޮޅަށް ނުކުންނައިރު، ބްރެޒިލް ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު ނުތަނަވަސް ކަމަކީ އެޓީމުގެ ލެފްޓް ބެކް އަލެކްސް ޓެލޭސް އާއި އިތުބާރު ފޯވާޑް ގެބްރިއެލް ޖޫސުސް އަށް އަނިޔާވެ މުބާރާތާއި ވަކިވާން ޖެހުމެވެ. ނަމަވެސް ބްރެޒިލް ޓީމަށް މިރޭގެ މެޗަށް ނުކުންނައިރު ލިބޭނެ ހިންހަމަ ޖެހުމެއްވެސް އެބައޮތެވެ. އެއީ ކުރިން އަނިޔާގައި ތިބި ދެ ކުޅުންތެރިން ކަމުގައިވާ ލެފްޓް ބެކް އަލެކްސް ސަންދްރޯ އާއި ޑެނިލޯ އެނބުރި އައިސް ޓީމާއި ގުޅުމެވެ.

ބްރެޒިލް ކޯޗުގެ ބަސް

“ ކްރިއޭޝިއާއާއި ދެކޮޅަށް ނުކުންނައިރު ވަރަށް ވިސްނަންޖެހޭ. އެއީީ އެޓީމަކީ ވަރަށް ވަރުގަދަ ކުޅުންތެރިންތަކެއް ތިބި ޓީމަކަށް ވާތީ. މޮޑްރިޗް އަކީ ވަރަށް ސަމާލުވާން ޖެހޭ ކުޅުންތެރިއެއް. އޭނާއާއި މެދު ދައްކާނޭ އިތުރު ވާހަކައެއް ނެތް.

މީގެ އިތުރުން ބްރޮޒޮވިޗް، ޕެރިސިޗް އަދި ކޮވަސިޗް އަކީ ވެސް ކްރޮއޭޝިއާއިން ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއް. ނަމަވެސް އެއީ އަހަރެންނަށް ރަނގަޅަށް އެނގޭ ކުޅުންތެރިންތަކެއް. އެމީހުންނަކީ ވަރުގަދަ އަދި ބޮޑެތި މެޗުތަކުގައި ރަނގަޅަށް ކުޅޭނެ ހިފަހައްޓަން އުނދަގޫ ކުޅުންތެރިތަކެއް. މިއީ ވަރަށް އުނދަގޫ މެޗަކަށް ވާނެ. މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާން ޖެހޭ." ޓީޓޭ ބުންޏެވެ.

ބްރެޒިލް ޓީމުން މިރޭ ކްރޮއެޝިއާއާއި ދެކޮޅަށް ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން

ބްރެޒިލް: ގޯލްކީޕަރު އެލިސަން؛ އެޑަރ މިލިޓާއޯ، ތިއާގޯ ސިލްވާ، މާކިންހޯސް، ޑެނިލޯ؛ ކަސެމީރޯ، ލޫކަސް ޕަކެޓާ، ނޭމާ؛ ރަފިންހާ، ރިޗާލިސަން، ވިނިސިއަސް ޖޫނިއާ.

ކްރޮއޭޝިއާ

ކްރޮއޭޝިއާ އަކީ ނިމި ދިޔަ 2018 ވަނަ އަހަރު ބޭއްވުނު ވޯލްޑް ކަޕްގެ ރަނަރަޕް ޓީމެކެވެ. ނަމަވެސް މިފަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކްރޮއޭޝިއާއިން ނެރުނު ނަތިޖާތައް މާ ރަނގަޅެއް ނޫނެވެ. އެޓީމުން ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އަނެއް ދެމެޗުން ވީ އެއްވަރެވެ. ލިބުނީ ގުރޫޕުގެ ދެވަނައެވެ. ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކްރޮއެޝިއާ ދެވަނަ ބުރަށް ދިޔައިރު، އެޓީމުން ދެވަނަ ބުރުގައި ވާދަކުރީ މިފަހަރުގެ ވޯލްޑް ކަޕުގައި އެންމެ ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރުނު އޭސިއާގެ ގަދަ ބާރު ޖަޕާންއާއެވެ. މި މެޗުން ކްރޮއޭޝިއާއިން ޖަޕާނުގެ މައްޗަށް ކުރި ހޯދާ ކުއާޓާ ފައިނަލަށް ދިޔައީ ޕެނަލްޓީގައި 1-3 ގެ ނަތީޖާއިން ޖަޕާން ބަލިކޮށްގެންނެވެ.

މިރޭގެ މެޗަށް ނުކުންނައިރު މިއީ ކްރޮއޭޝިއާއިން ވޯލްޑް ކަޕުގެ ކުޓާ ފައިނަލުގައި ވާދަކުރާ ތިންވަނަ ފަހަރެވެ. މީގެ ކުރިން 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު މުބާރާތުގެ ކުއާޓާފައިނަލާއި އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވުނު މުބާރާތުގެ ކުއާޓާގައި ކްރޮއޭޝިއާއިން ވަނީ ކުޅެފައެވެ. 1998 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާއިން ބައްދަލުކުރީ ޖަރުމަނާއެވެ. އެފަހަރު މުބާރާތުގެ ސެމީއަށް އެޓީމުން ދިޔައީ 0-3 އިން ޖަރުމަން ބަލިކުރުމަށް ފަހުގައެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވުނު މުބާރާތުގެ ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާ ވާދަކުރީ މުބާރާތުގެ ހޮސްޓު ގައުމުކަމަށް ވާ ރަޝިއާއާއެވެ. މި މެޗު އެއްވަރުވެ ޕެނަލްޓީގައި 3-4 އިން ރަޝިއާ ބަލިކޮށް ސެމީއަށް ދަތުރުކުރީ ކްރޮއޭޝިއާއިންނެވެ.

މިރޭގެ މެޗަށް ނުކުންނައިރު، ކްރޮއޭޝިއާއަށް ލިބޭނެ އެންމެ ބޮޑު ހިންހަމަ ޖެހުމަކީ އެޓީމުގެ އެންމެ ކުޅުންތެރިއެއް ފިޔަވައި ދެން ތިބި ހުރިކާ ކުޅުންތެރިންވެސް ފިޓްކޮށް ތިބުމެވެ. މިވަގުތު އަނިޔާގައި ހުރި ލެފްޓް ބެކް ބޯނާ ސޯސާއަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވީ ނަމަވެސް އޭނާ ވަނީ ޓީމުގެ ފަރިތަކުރުންތަކަށް އެނބުރި އައިސްފައެވެ. ނަމަވެސް މިރޭގެ މެޗުގައި ސޯސާއަށް ކުޅެވޭނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ. މިރޭގެ މެޗުގައި ސޯސާއަށް ނުކުޅެވޭނަމަ އޭނާގެ ބަދަލުގައި ޓީމުން ޖާގަ ދޭނެކަމަށް ބެލެވެނީ ބޯނާ ބަރިސިޗް އަށެވެ.

ކްރޮއޭޝިއާ ކޯޗުގެ ބަސް

" ބްރެޒިލް އަކީ މިފަހަރުގެ މުބާރާތުގެ ފޭވަރިޓުން. ވަރުގަދަ މޮޅު ކުޅުންތެރިންތަކެއް ބްރެޒިލް ޓީމުގައި އެބަ ތިބި. މި މެޗަކީ ވަރަށް އުނދަގޫވާނެ މެޗެއް. ކިރިޔާވެސް ފުރުސަތެއް ދީފި ނަމަ ބްރެޒިލްގެ ނުރައްކާތެރިކަން ބޮޑުވާނެ. އެހެން ކަމުން އަހަރެމެން ކުޅެން ޖެހޭނީ ބްރެޒިލް އަށް އެ ފުރުސަތު ނުދީ ވަރަށް ވިސްނައިގެން. ކުޅޭނީ މޮޅުވަން. އަހަރެމްނެ ޓީމުގައި ވެސް ރަނގަޅު ފެންވަރުގެ ކުޅުންތެރިން އެބަތިބި. ރަނގަޅު ފައިޓެއް ދީގެންވެސް މޮޅެއް ހޯދުމަކީ އެންމެ ބޮޑު އުމީދު." ޒްލަޓްކޯ ޑަަލިޗް ބުންޏެވެ.

ކްރޮއޭޝިއާއިން މިރޭ ބްރެޒިލް އާއި ދެކޮޅަށް ނުކުންނައިރު، ފުރަތަމަ އެގާރައަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވެއެވެ. އެގޮތުން އެޓީމުން މިރޭ ނެރޭނެކަމަށް ބެލެވެނީ އެންމެ ފަހުން ދެވަނަ ބުރުގައި ޖަޕާނާއި ދެކޮޅަށް ވެސް ނެރުނު ފުރަތަމަ 11 ކަމަށް ލަފާކުރެވެއެވެ.

ކްރޮއޭޝިއާ ޓީމުން މިރޭ ބްރެޒިލް އާއި ދެކޮޅަށް ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން

ކްރޮއޭޝިއާ: ޑޮމިނިކް ލިވަކޯވިޗް؛ ޖޯސިޕް ޖުރަނޮވިޗް، ޑެޖަން ލޮވްރެން، ޖޮސްކޯ ގްވާޑިއޯލް، ބޯނާ ސޯސާ؛ ލޫކާ މޮޑްރިޗް، މާސެލޯ ބްރޮޒޮވިޗް، މަޓިއޯ ކޮވަސިޗް؛ އަންދްރޭޖް ކްރަމަރިޗް، މާކޯ ލިވާޖާ، އިވާން ޕެރިސިޗް.

ހެޑް-ޓު-ހެޑް ނަތީޖާތައް:

ބްރެޒިލް އަދި ކްރޮއޭޝިއާއިން މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 2006 އަދި 2014 ގެ ވޯލްޑް ކަޕް ގުރޫޕް ސްޓޭޖުގައި ބައްދަކުރި ދެމެޗުގެ އިތުރުން އެކުވެރިކަމުގެ ދެޗެވެ. މި މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، މީގެ އެއްވެސް މެޗަކުން ބްރެޒިލްގެ މައްޗަށް ކްރޮއޭޝިއާއަށް ކުރި ހޯދިފައެއް ނުވެއެވެ. ވޯލްޑް ކަޕް ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން 0-1 ގެ ނަތީޖާއިން ބްރެޒިލް ކާމިޔާބު ކޮށްފައިވާއިރު، އަނެއް މެޗު ވެސް ބްރެޒިލުން ކާމިޔާބު ކޮށްފައިވަނީ 1-3 ގެ ނަތީޖާއިންނެވެ. އެކުވެރިކަމުގެ ދެ މެޗަށް ބަލާއިރު، އެއްމެޗު 1-1 އިން އެއްވަރުވިއިރު، އަނެއް މެޗު 0-2 އިން ބްރެޒިލް ވަނީ ކާމިޔާބު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް