ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވުމުގެ ރިވެލި އެވޯޑް އެޗްޑީސީއަށް

09 Nov 2026 | 17:59
ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވުމުގެ ރިވެލި އެވޯޑް އެޗްޑީސީއަށް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤުތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް އެހީތެރިވެދޭ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން މި އަހަރުގެ ރިވެލި އެވޯޑް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހޯދައިފިއެވެ.

ރިވެލި އެވޯޑަކީ މުޖުތަމަޢުގެ ހުރިހާ ފަރުދުން ޝާމިލުކޮށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށާއި އެންމެނަށް ފުރުޞަތު ފަހިކޮށްދޭ މާޙައުލެއް ބިނާކުރުމުގައި ކުރާ މަސައްކަތުގެ އަގު ޤައުމީ ފެންވަރުގައި ވަޒަންކުރުމަށް ސަރުކާރުން ދޭ އެވޯޑެކެވެ.

އެޗްޑީސީގެ ތަފާތު މަޤާމުތަކުގައި ނުކުޅެދުންތެރިކަން ހުންނަ 46 މުވައްޒަފުން މިހާރު ވެސް ޚިދުމަތްކުރަމުން ގެންދެއެވެ. ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމުގެ އިތުރުން، ހުނަރު ތަރައްޤީކުރުމުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގައި، ހަމަހަމަ ވެށްޓެއް ޤާއިމުކުރުމަށް އެ ކޯޕަރޭޝަނުން ޚާއްޞަ އިސްކަމެއް ދީފައިވެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޚިޔާލާއި ކަންބޮޑުވުންތައް ސީދާ ގޮތެއްގައި ނެގުމަށް "ޕާސަންސް ވިތް ޑިސެބިލިޓީ (ޕީޑަބްލިޔުޑީ) އެމްބެސެޑަރުން"ގެ ގޮތުގައި ދެ މުވައްޒަފަކު ވެސް ވަނީ ޢައްޔަންކޮށްފައެވެ.

އެ ކޯޕަރޭޝަނުގެ އޮފީސް ޢިމާރާތް ވެސް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަވާނެ ގޮތަށް ބަދަލުކޮށްފައެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ޙާލަތުގައި ބޭނުންކުރާ ސަލާމަތީ ނިޒާމުތައް ފަރުމާކޮށްފައި ވަނީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ފަސޭހައިން މަޢުލޫމާތު ލިބޭނެ ގޮތަށެވެ.

ޜިވެލި ޢެވޯޑު ދިނުމުގެ ރަސްމިއްޔާތު -- ފޮޓޯ: އެޗްޑީސީ
ޜިވެލި ޢެވޯޑު ދިނުމުގެ ރަސްމިއްޔާތު -- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ އުމްރާނީ ތަރައްޤީގެ މައިގަނޑު މަސައްކަތްތައް ބެލެހެއްޓުމުގެ ޒިންމާ އޮތް ކުންފުންޏެއްގެ ހައިސިއްޔަތުން، މާސްޓާ ޕްލޭނާއި ތަރައްޤީގެ މަޝްރޫޢުތައް ރާވާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޚާއްޞަ ބޭނުންތަކަށް އެޗްޑީސީން ރިޢާޔަތްކުރެއެވެ. މަގުތަކާއި ޢާންމު ޕާކުތަކާއި ޢިމާރާތްތައް ހުރަހެއް ނެތި އެންމެނަށް ބޭނުންކުރެވޭ ގޮތަށް ތަރައްޤީކުރުމަކީ ޝާމިލު މުޖުތަމަޢެއް ބިނާކުރުމަށް އެ ކޯޕަރޭޝަނުން ގެންގުޅޭ ދުރު ރާސްތާ ވިސްނުމުގެ މުހިންމު ބައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް