ޓޫރިޒަމް ފައިދާ ރައްޔިތުންނަށް ބެހުމަށް ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

09 Nov 2026 | 16:37
ޓޫރިޒަމް ފައިދާ ރައްޔިތުންނަށް ބެހުމަށް ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީއާރުއެޗްސީ)" ގެ ނަމުގައި ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.

ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ޤަރާރު ނަންބަރު 2026/19 އިން މި ކުންފުނި އުފެއްދެވީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތަކާއި ޤުދުރަތީ ވަސީލަތްތަކުގެ އަގު މަތިކޮށް، ދިގުމުއްދަތުގެ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް ބިނާކުރެއްވުމަށެވެ. ތިމާވެށި ރައްކާތެރިކުރުމާއި އިއާދަކުރަނިވި ހަކަތައަށް އިސްކަންދީގެން ބައިނަލްއަޤުވާމީ ފެންވަރުގެ ރިސޯޓުތައް ތަރައްޤީކުރުމާއި، ދިވެހިންނަށް ވަޒީފާއާއި ފަންނީ ތަމްރީނުގެ ފުރުޞަތު ފަހިކުރުމާއި، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަކީ ވެސް މި ކުންފުނީގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެއާއެކު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ވާދަވެރި ފަތުރުވެރިކަމުގެ ވިޔަފާރީގެ ވެއްޓެއް ޤާއިމުކުރުން ވެސް ކުންފުނީގެ އަމާޒުތަކުގައި ހިމެނެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ނިޒާމު ފުރަތަމަ ފަހަރަށް އިޢުލާންކުރައްވައިފައެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރިސޯޓު ތަރައްޤީކުރައްވައި، އެއިން ލިބޭ ފައިދާގެ ބޮޑު ބައެއް "ހަމަ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް، ހަމަހަމަ ކަމާއެކު، އަހަރަކު އެއްފަހަރު، ބޭރު ފައިސާއިން ޖަމާކޮށްދިނުމަށް" ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. ހަމައެހެންމެ، މި މަޝްރޫޢުގެ ދަށުން ހެދޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރަކަށް ކޮންމެ ދިވެހި ރައްޔިތަކު ވާ ގޮތަށް ޤާނޫނަކުން ކަނޑައަޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ކުންފުނީގެ ދަށުން ފުރަތަމަ ރިސޯޓުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ނިންމުމަކީ ސަރުކާރުގެ އަމާޒެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް