ދިރާގާއި ވިމެން އިން ޓެކް ގުޅިގެން އޭއައިގެ ހުނަރުތައް ހިމެނޭ ޕްރޮގްރާމެއް އޭދަފުށީގައި ފަށައިފި

09 Nov 2026 | 14:15
ފޮޓޯ: ދިރާގު

ފޮޓޯ: ދިރާގު

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ޒުވާން އަންހެނުންނަށް އަމާޒުކޮށް ހިންގާ ގަރލްސް ޓު ކޯޑް ޕްރޮގްރާމް، މިއަހަރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބައިތައް އިތުރުކޮށް ބ. އޭދަފުށީގައި ފަށައިފިއެވެ.

ހަތް ހަފުތާގެ މުއްދަތަށް ހައިބްރިޑް ގޮތެއްގައި ހިންގާ މި ޕްރޮގްރާމުގައި ޢަމަލީ ކުލާސްތަކާއި ވަރޗުއަލް ސެޝަންތަކުގެ އިތުރުން މެންޓަރޝިޕް ސެޝަންތައް ހިމެނޭ ކަމަށް ދިރާގުން ބުނެފައިވެއެވެ. ކޯޑިންގުގެ ކުރީ ތަޖުރިބާއެއް ނެތް، 15 އަހަރާއި 35 އަހަރާ ދެމެދުގެ އަންހެނުންނަށް ހުޅުވައިލާފައިވާ މި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް އަމިއްލައަށް ވެބްސައިޓާއި ޑިޖިޓަލް ޕްރޮޖެކްޓް ހެދުމުގެ ޤާބިލުކަން ލިބޭއިރު، ޓެކް ދާއިރާގެ ތަޢުލީމީ އަދި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ވެސް ފޯރުކޮށްދެއެވެ. މީގެ އިތުރުން "ޓެކް އެންޑް ބިޔޯންޑް" ގެ ނަމުގައި ޚާއްޞަ ސެޝަންތަކެއް ވެސް ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ. އެ ސެޝަންތަކުގައި ދެ ޖަމާޢަތުގެ އިސް ބޭފުޅުންނާއި ފަންނީ މާހިރުން ވަނީ ޓެކް ދާއިރާގެ ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ބައިވެރިންނާ ހިއްސާކުރައްވައިފައެވެ.

ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ދިރާގުގެ ސީނިއާ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ޙަމީދު ވިދާޅުވީ ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ ހަލުވިކަމާއެކު ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގައި ކުރިއަށްދިއުމަށް ބޭނުންވާ ހުނަރާއި އިތުބާރު ހޯދައިދީ، ޑިޖިޓަލް ދާއިރާގެ ހޭލުންތެރިކަން އިތުރުކޮށް އަންހެނުން ބާރުވެރިކުރުވުން ކަމަށެވެ.

ވިމެން އިން ޓެކް މޯލްޑިވްސްގެ ނައިބު ރައީސް މިހްނާ ޒާހިރު ވިދާޅުވީ ދިރާގާ ގުޅިގެން މިއަހަރުގެ ޕްރޮގްރާމް ބ. އޭދަފުއްޓަށް ގެނެވުމުން އުފާވާ ކަމަށެވެ. މިހްނާ ވަނީ މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ފޭލި ޖަމިއްޔާ، ބާ އަތޮޅު އެޑިއުކޭޝަން ސެންޓަރު އަދި އޭދަފުށީގެ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު ދެންނެވިއެވެ.

2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހަ ސަރަޙައްދެއްގައި ހިންގާފައިވާ ގަރލްސް ޓު ކޯޑް ޕްރޮގްރާމް މިހާތަނަށް 100 އަށްވުރެ ގިނަ ޒުވާން އަންހެނުން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް