ރައީސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ފޮޓޯ: ރައީސް އޮފީސް
ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މި މައުޟޫޢާ ގުޅޭ ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ރެފަރެންޑަމަކަށް ދާންޖެހޭ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވީ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް ހަވާލާ ދެއްވައެވެ. ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން އުޅޭ ކަމަށް ބުނާ މައްސަލައިގައި ރެފަރެންޑަމަކަށް ދިޔުމަށް ގޮވައިލަން އެމްޑީޕީގެ ޤައުމީ މަޖިލީހުން ދާދި ފަހުން ފާސްކޮށްފައިވެއެވެ.
"މި ކަމަކީ އަޅުގަނޑުމެން ރިފަރެންޑަމެއް ހިންގާނެ ކަމެއް ނޫން، މި ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި މިހިރީ ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލާއި އަޅުގަނޑުމެންގެ ގާނޫނުތަކާއި މި ހުރިހާ ކަމަކަށް ރިއާޔަތްކުރެވިފައި މި އޮތީ ގާނޫނުގައި ސީދާ،" ރައީސް ވިދާޅުވިއެވެ.
ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހެޅުއްވި މި ބިލަކީ ރިއަލް އެސްޓޭޓް ދާއިރާއަށް ޚާއްޞަކޮށް އެކުލަވައިލެވޭ ފުރަތަމަ ޤާނޫނެވެ. ބިލުގެ ދަށުން ރިއަލް އެސްޓޭޓް ވިޔަފާރި ރެގިއުލޭޓްކުރާ ވަކި އިދާރާއެއް ޤާއިމުކޮށް، ބިމާއި އިމާރާތުގެ ޔުނިޓްތައް ދަފްތަރުކުރުމާއި، ޑިވެލޮޕަރުންނާއި ބްރޯކަރުންނާއި އޭޖެންޓުންނާއި ވެލުއަރުންނަށް ލައިސަންސް ދޫކުރާ ނިޒާމެއް ހެދުމަށް ހިމަނާފައިވެއެވެ. ނުނިމެނީސް ޔުނިޓް ގަންނަން ދައްކާ ފައިސާއަށް ޤާނޫނީ ރައްކާތެރިކަން ވެސް ލިބޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ބިލުގެ ފާހަގަކޮށްލެވޭ މާއްދާތަކަށް ބަލާ އިރު، ކަނޑައަޅާ ޒޯނުގައި ބަނގުރަލާއި އޫރުމަހާއި އެ ބާވަތުގެ ތަކެތި އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މުޅިން މަނާކޮށް، ޖުވާކުޅުމާއި އިސްލާމް ދީން ނޫން ދީނެއްގެ ޝިޢާރު ފާޅުކުރުމާއި އަޅުކަންކުރާ ތަންތަން ހެދުން މަނާކޮށްފައިވެއެވެ. ހަމައެއާއެކު، މާސްޓާ ޑިވެލޮޕަރަކަށް ޒޯނެއް ކުއްޔަށް ދެވެނީ ގިނަވެގެން 99 އަހަރަށް ކަމަށާއި، ވަކި ޤައުމެއްގެ ރައްޔިތުންނަށް ނުވަތަ ކުންފުނިތަކަށް ރަޖިސްޓްރީ ކޮށްދެވޭނީ ޖުމްލަ ބިމުގެ %25 އަށް ވުރެ އިތުރު ނުވާ މިންވަރަށެވެ. އިސްތިޢުމާރީ އިޒްރޭލުގެ ރައްޔިތަކަށް ނުވަތަ އެ ޤައުމުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ޒޯނުން ޕްރޮޕަޓީއެއް ނުވިއްކޭނެ ކަމަށާއި ސަބްލީސް ވެސް ނުކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ޒޯނުން ޕްރޮޕަޓީއެއް ގަތަސް ދިވެހި ރައްޔިތަކަށް ވުމުގެ ޙައްޤެއް ނުލިބޭނެ ކަމަށާއި، ޒޯނުގެ ސެކިއުރިޓީ ބަލަހައްޓާނީ ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން ކަމަށް ބިލުގައި ކަނޑައަޅާފައިވެއެވެ. ޤާނޫނާ ޚިލާފު ޢަމަލެއް ޖިނާއީ ކުށެއް ކަމުގައި ބެލެވޭ ނަމަ، އިދާރީ ފިޔަވަޅުތަކުގެ އިތުރުން ތަޙުޤީޤު ކުރުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް