މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ބިލަކާއި އިމިގްރޭޝަންގެ ބިލަކާއި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލެއްގެ އިތުރުން އަބުރު ރައްކާތެރިކުރުމާ ގުޅޭ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ފުރަތަމަ ކިޔުން މިއަދު އިއްވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މި ހަތަރު ބިލަކީ ވެސް ފަންނީ ގޮތުން މުހިންމު ބިލުތަކެއް ކަމަށެވެ. ދިރާސާގެ މަރުހަލާ ރަނގަޅަށް ފުރިހަމަކުރެއްވުމަށް ފަހުގައި ހުށަހެޅުއްވީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހުށަހެޅުއްވި މަރުގެ އަދަބާ ބެހޭ ބިލުގެ އަމާޒަކީ ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ އުސޫލުތަކަށް ބިނާކޮށް، އާންމު ރައްޔިތުންނާއި ކުށްވެރިޔާގެ ހައްގުތަކަށް ރިއާޔަތްކުރެވޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމެވެ. އިމިގްރޭޝަންގެ ބިލު ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ. އެ ބިލުގައި އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތަށް ކަނޑައެޅުމާ އެކު، އިމިގްރޭޝަންގެ ކަންކަން ހިންގައި ބެލެހެއްޓުމުގެ އުސޫލުތައް ވަނީ ހިމަނައިފައެވެ.
ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގައި އެ ދާއިރާ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއެރުވުމަށް މަގުފަހިކޮށްދީފައިވެއެވެ. ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި އަބުރު ރައްކާތެރިކުރުމުގެ ބިލުގެ ބޭނުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ފަރުދުންގެ އަބުރު ހިމާޔަތްކުރުމާ ދެމެދު ހަމަހަމަކަމެއް ގާއިމުކުރުމެވެ. އެ ބިލުން އަބުރާ ބެހެވުނު ފަރާތަށް ރައްދު ދިނުމާއި އިސްލާހުކޮށްދިނުމުގެ ހައްގު ލިބިދީފައިވެއެވެ.
މި ހަތަރު ބިލުގެ ފުރަތަމަ ކިޔުން މިއަދު މެންދުރު ބޭއްވި ޖަލްސާގައި އިއްވާފައިވާއިރު، ދެން އޮންނާނީ ބިލުތަކުގެ އިބްތިދާއީ ބަހުސްގެ މަރުހަލާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް