ފޮޓޯ: ރައީސް އޮފީސް
ޑުއަލް ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވިޔަސް އިޒްރޭލުގެ ރައްޔިތެއްގެ ގޮތުގައި ހުރި އެއްވެސް ފަރާތަކަށް ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު ޤާނޫނީ ގޮތުން ބަންދުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އިމިގްރޭޝަން ޤާނޫނުގައި މިހާރު މަނާކޮށްފައި އޮތީ ހަމައެކަނި އިޒްރޭލު ޕާސްޕޯޓް ކަމުގައި ވިޔަސް، މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގައި އެކަން އެއަށް ވުރެ މާ ފުޅާކޮށް ބަޔާންކޮށްފައި ވާނެ ކަމަށެވެ. އެ މަނިކުފާނު ފާހަގަކުރެއްވީ، ރާއްޖެއިން ޕްރޮޕަޓީއެއް ހޯދުމަށް އެދޭ ކޮންމެ ފަރާތެއްގެ ވެސް އިޒްރޭލުގެ ރަށްވެހިކަން ނެތް ކަން ޔަޤީންކުރުމަށް ފަހު ނޫނީ ކަމާ ބެހޭ އިދާރާއިން ހުއްދައެއް ނުދެއްވާނެ ކަމަށެވެ. އެ ބިލް ޤާނޫނަކަށް ވާ އިރު އިޒްރޭލު މީހަކަށް ރާއްޖޭގައި އިންވެސްޓް ކުރެވޭ ފަދަ އެއްވެސް "ލޫޕްހޯލެއް" ނޯންނާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވިއެވެ.
"ރިއަލް އެސްޓޭޓް ބިލްގައި މި ބަޔާން ކުރަނީ އަދި އެ އަށް ވުރެ [އިޒްރޭލު ޕާސްޕޯޓްގައި އައުން މަނާ ވުމަށް ވުރެ] ވެސް ތަފްސީލުކޮށް. އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް، އިޒްރޭލުގެ އިންވެސްޓަރަކަށް ވެސް ކުންފުންޏަކަށް ވެސް މިހެން ކިޔާފައި ވަރަށް ތަފްސީލުކޮށް، ފުރުސަތެއް ނެތް ވާހަކަ. އެއީ ކުރެވިދާނެ ކަމެެއް. ރާއްޖެއަށް ޑުއަލް ޕާސްޕޯޓްގައި އަޔަސް އިންވެސްޓް މި ކުރެވެނީ އިތުރު ތަފްސީލު ބަލާފައި، ކޭވައިސީ ޗެކްކޮށްފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް މި ވާހަކަފުޅު ދެއްކެވި އިރު، ރަސްމާލޭގައި "މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ"ގެ ނަމުގައި ހިންގުމަށް ރާވާ މަޝްރޫޢާ ގުޅިގެން ޒަޔަނިސްޓް ޔަހޫދީން އެ ރަށުގައި އާބާދުވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ފަރާތްތަކުން ދަނީ ފުޅާ ކެމްޕޭނެއް ހިންގަމުންނެވެ. މިއާ އެކު، އެއްވެސް ޝަރުތަކާ ނުލައި އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތް ހެދުމަށް އިމިގްރޭޝަނާ ބެހޭ ބިލަށް އިޞްލާޙު ގެނައުމުގެ ބިލެއް ވެސް ސަރުކާރުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް