މިއަހަރުގެ ރިވެލި އެވޯޑު އަށް ފަރާތަކަށް ދީފި

09 Nov 2026 | 10:36
މިއަހަރު ރިވެލި އެވޯޑު ލިބުނު ފަރާތްތައް -- ފޮޓޯ: ރައީސް އޮފީސް

މިއަހަރު ރިވެލި އެވޯޑު ލިބުނު ފަރާތްތައް -- ފޮޓޯ: ރައީސް އޮފީސް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި އެފަދަ ފަރާތްތަކުގެ ޙައްގުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންދޭ ރިވެލި އެވޯޑު މިއަހަރު 8 ފަރާތަކަށް ދީފިއެވެ.

ބާސެލޯ ނަސައްދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފަރާތްތަކަށް އެވޯޑު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.

ހެލްތް އެންޑް ފެމިލީ މިނިސްޓްރީން ދޭ މި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން، ސަރުކާރުގެ "އޯގާތެރި މުޖުތަމަޢު" ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ މުހިންމު ޤައުމީ ހަރަކާތެކެވެ. މި އެވޯޑުގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމާއި، އެފަރާތްތަކަށް އެހީތެރިވާ ފަރާތްތަކުގެ ޚިދުމަތް ފާހަގަކޮށް ހިތްވަރު ދިނުމެވެ.

މިއަހަރު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ބެޗެލަރ އޮފް އިންފޮރމޭޝަން ޓެކްނޮލޮޖީ ފުރަތަމަ ފަހަރަށް އަޑުއިވުމުގެ ނުކުޅުދުންތެރިކަން ހުންނަ ފަރާތެއް ހާސިލްކޮށްފައިވާތީ އެކަން ފާހަގަކޮށް ޞިއްޙަތާ އާއިލާއާ އިޖުތިމާއީ އެހީތެރިކަމާ ބެހޭ ވަޒީރު ޤީލާ އަލީ ވަނީ ސްޕެޝަލް ރެކޮގްނިޝަން ޓޯކަން އިސްލާއީލް ރާޙިލް/ އެންދެރިމާގެ، ށ. ކޮމަންޑޫއަށް ދީފައެވެ.

މިއަހަރު އެވޯޑު ލިބުނު ފަރާތްތަކަކީ

1. ޢަލީ ސަމީމް، ހދ. ކުރިނބި / ރިހިވެލި (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
2. މުޙައްމަދު ނާހިލް ސަލާމް، ސ. މަރަދޫ / އަސްރުމާގެ (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
3. ޢާއިޝަތު ޝަފީޤު، ހ. ޝަފީޤުގެ (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
4. ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދު، ށ. ބިލެތްފަހި / ހަވީރީނާޒް (އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
5. އަމީނިއްޔާ ސްކޫލް (ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާ)
6. ފާޠިމަތު މުޙައްމަދު، ހދ. ކުޅުދުއްފުށި / އަލްފާ (ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ)
7. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާ)
8. ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވާ ކުންފުނިތަކުގެ ދާއިރާ)

މިއަހަރު ރިވެލި އެވޯޑު ހާސިލްކޮށްފައިވާ ފަރާތްތަކުގެތެރޭގައި ހިމެނެނީ ނުކުޅެދުންތެރިކަން ހުންނަ 4 ފަރާތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުގައި މަސައްކަތްކުރާ 4 ފަރާތެކެވެ.

މިއަހަރު ރިވެލި އެވޯޑަށް ހުޅުވާލުމުން ޖުމްލަ 25 ފަރާތަކުން ނަން ހުށަހަޅާފައިވެއެވެ.

2012 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެވޯޑު މިހާތަނަށް 67 ފަރާތަކަށް ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް