ހަންގަނޑު ރީތި ކުރަން ގިނަ ޕްރޮޑަކްޓްތައް ބޭނުންކުރަނީ ނުރައްކާ އެނގި ތިބެތަ؟!

09 Nov 2026 | 09:47
ހަންގަނޑުގައި ރީތި ވުމަށް ގިނަ ޕްރޮޑަކްޓުތައް އުނގުޅާއިރު ސަމާލުވާން ޖެހޭ --

ހަންގަނޑުގައި ރީތި ވުމަށް ގިނަ ޕްރޮޑަކްޓުތައް އުނގުޅާއިރު ސަމާލުވާން ޖެހޭ --

ރެޓިނޯލާއި ވިޓަމިން ސީ އަދި އެކްސްފޯލިއޭޓިން އެސިޑް ފަދަ ސްކިންކެއާ އިންގްރީޑިއެންޓްތައް އެކީގައި ބޭނުންކުރުމުން ހަންގަނޑަށް ގެއްލުންވެދާނެ ކަމަށް އިންޑިއާގެ މަޝްހޫރު ހަމުގެ ޚާއްޞަ ޑޮކްޓަރެއް ކަމަށްވާ ޑރ. ގީތާ މެހެރާ ފަޒަލްބޯއީ ބުނެފި އެވެ.

ކޮންމެ މީހެއްގެ ހަންގަނޑުގެ ބާވަތާއި، ޕްރޮޑަކްޓުގައި ހިމެނޭ މާއްދާތަކުގެ ނިސްބަތާއި، ހަމުން އެ އެއްޗެހި ބަލައިގަންނަ މިންވަރު ތަފާތުވާނެއެވެ. ލައްތައް ފިލުވުމާއި ބިހި ކޮންޓްރޯލް ކުރުމާއި ރޫ ފިލުވުމަށް މި ބާވަތްތައް ވަކިވަކިން ބޭނުންތެރި ނަމަވެސް، މާ ގިނައިން ނުވަތަ ނުގުޅޭ ގޮތަށް ބޭނުންކުރުމުން ހަންގަނޑު ހިކިވެ، ރަތްވެ، ފޮޅިގެން ހިނގައިދާނެ ކަމަށް ޑރ. ގީތާ ފާހަގަކުރެއެވެ.

ވިޓަމިން ސީ އަކީ ވެށީގެ ސަބަބުން ހަމަށް ލިބޭ ގެއްލުމުން ދިފާޢުވުމަށް އެހީވެދޭ އެންޓިއޮކްސިޑެންޓެކެވެ. ކޮލެޖަން އުފެއްދުމަށް ބާރުއެޅުމާ އެކު، އިރުގެ ގެއްލުމުން އަންނަ ނިޝާންތައް ފަނޑުކޮށްދެއެވެ. ނަމަވެސް ވިޓަމިން ސީ ސީރަމެއް ބޭނުންކުރުމަކީ ސަންސްކްރީނުގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، ސެރަމައިޑްސް ފަދަ މާއްދާއެއް ހިމެނޭ މޮއިސްޗަރައިޒާ އެކު ބެހެއްޓުމުން ހަންގަނޑުގެ ފެން ހިފެހެއްޓި ހަލާކުވުން ކުޑަކުރެވޭނެ ކަމަށް އެ ޑޮކްޓަރު ބުނެފައިވެ އެވެ.

ވިޓަމިން އޭ ގެ ބާވަތެއް ކަމުގައިވާ ރެޓިނޯލް ބޭނުންކުރަން ފަށާއިރު ބާރުގަދަ ފޯމިއުލާއަކުން ނުފެށުމަށް ޑރ. ގީތާ ލަފާ ދެއެވެ. ހަފުތާއަކު ދެ ރެއާ ތިން ރޭގެ މިންވަރަކުން، ލުއި ކޮންސެންޓްރޭޝަނެއް ބޭނުންކޮށް، ހަންގަނޑަށް ހޭނުނު ވަރަކުން އިތުރުކުރުން ރައްކާތެރިވާނެ ކަމަށް އޭނާ ބުންޏެވެ. މާބަނޑު ދުވަސްވަރު ރެޓިނޯލް ބޭނުން ނުކުރުމަށް ވެސް އެ ޑޮކްޓަރު އިރުޝާދު ދީފައިވެ އެވެ. ދުވާލު ހައިލޫރޮނިކް އެސިޑް ފަދަ ހައިޑްރޭޓިން މާއްދާއެއް ހަމާ ގުޅޭނެއެވެ.

ގްލައިކޮލިކް އެސިޑާއި ލެކްޓިކް އެސިޑް ފަދަ އެސިޑްތައް ހަމުގެ މަތީ ފަށަލަ ސާފުކޮށްދީ ތެޔޮ ހެދުން ކޮންޓްރޯލް ކޮށްދިން ނަމަވެސް، ރެޓިނޯލާ އެކު މާ ގިނައިން ބޭނުންކުރުމުން ހަމުގެ ދިފާޢީ ފަށަލައަށް ގެއްލުންވެދާނެއެވެ. ދެ ބާވަތް ވެސް ބޭނުންކުރާ ނަމަ ވަކި ރޭރޭ ބެހެނީ އެންމެ ރަނގަޅު ގޮތް ކަމަށް ޑރ. ގީތާ ބުނެފައިވެ އެވެ.

ކޮންމެ ދުވަހަކު ހުރިހާ މާއްދާއެއް ބޭނުންކުރުން ކޮންމެހެން ބޭނުމެއް ނޫނެވެ.

ހަންގަނޑުން ދިލަ ނަގައި ރަތްވެ ރޫ ޖެހެން ފެށޭ ނަމަ، ބާރުގަދަ ޕްރޮޑަކްޓުތައް ހުއްޓައި ލައި، ލުއި ކްލެންސިންގެއާ މޮއިސްޗަރައިޒާއާ ސަންސްކްރީނަށް ބަރޯސާވާން ޖެހޭނެއެވެ. ރަނގަޅު ނުވެ ދެމިހުންނަ ނަމަ ހަމުގެ ޚާއްޞަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.

ގިނަ ބާވަތެއް އެއްފަހަރާ ބޭނުންކުރުމަށް ވުރެ، ގުޅޭ މަދު އެއްޗެއް ބަރާބަރަށް ބޭނުންކޮށް ދެމެހެއްޓުމުން ހަންގަނޑަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށް ޑރ. ގީތާ ފާހަގަ ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް