ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރ މަހުމޫދު ރިޔާޒު -
ވަގަށް ސިނގިރެޓް އެތެރެކުރުމުގައި ބައިވެރިވުން
އޮތް ކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކުރި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރ
މަހުމޫދު ރިޔާޒުގެ މަގާމު އިޔާދަކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ނިންމަވައިފިއެވެ.
މި ނިންމެވުން ރައީސް ނިންމެވިކަން ހާމަކުރެއްވި އިސް
ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އިސް ތަރުޖަމާނު ވިދާޅުވެފައިވަނީ ރައްޔިތުންގެ
މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ ތަޙްޤީޤަކާ ގުޅިގެން
މަޤާމުން ވަކިކުރެއްވި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަޙްމޫދު ރިޔާޒްގެ މައްސަލަ،
އެ ކޮމިޓީން އިތުރަށް ތަޙްޤީޤު ކުރެއްވުމަށްފަހު އެ މައްސަލައިގައި މަޙްމޫދު ރިޔާޒްގެ
ބައިވެރިވުމެއް ނެތްކަމަށް ނިންމަވައި، ވަޒީފާ އަލުން އިއާދަކޮށްދޭން ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް
ލަފާ އަރުވާފައިވާތީ، މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސުލްޖުމްހޫރިއްޔާ އަލުން އިއާދަކުރައްވައިފި
ކަމަށެވެ.
ރައީސް މުޢިއްޒު މިދިޔަ މަހުގެ 29 ގައި ސޯޝަލް މީޑިއާގައި
ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ
ކޮމިޓީން (241 ކޮމިޓީ އިން) ދިރާސާކުރައްވާފައިވާ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް"
ގެ ތެޔޮ ބޯޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ދިވެހިރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް
އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ނޭނގި ޤާނޫނާއި ގަވާއިދާ ޚިލާފަށް އެ ބޮންޑެޑް ވެއަރހައުސްއިން
ނެރެފައިވާ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ފޮނުއްވި ސިޓީގައި ދެއްވާފައިވާ
މަޢުލޫމާތާއި ލަފާއަށް ރިޢާޔަތްކޮށް، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ގެ މަޤާމުގައި
ތިއްބެވި ދެ ބޭފުޅަކު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ވަކިކޮށް، ކަސްޓަމްސް
ގެ އިތުރު ތިން މުވައްޒަފަކާއި ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޢަމަލުކުރައްވަމުންގެންދަވާ
އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން، ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ޤާނޫނާއި
ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން، އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް މޯލްޑިވްސް
ކަސްޓަމްސް ސަރވިސް އަށް އަންގަވާފައިވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް