އަރބަން ސެންޓަރުތައް އެކަންޏެއް ނޫން، އުތުރާއި ދެކުނުގައި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯން ގާއިމުކުރާނެ: ރައީސް މުއިއްޒު

މެނިފެސްޓޯގައި ހިމަނާފައިވާފަދައިން ހަމަ އެކަނި އާރބަން ސެންޓަރުގެ ގޮތުގައި ހަތަރު ރަށް ތަރައްޤީ ކުރުން ނޫން ކަމަށާއި އުތުރާއި ދެކުނުގައި އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯން ޤާއިމްކުރުން ހިމަނާފައިވާނ...

09 Nov 2024 | 13:46

މެނިފެސްޓޯގައި ހިމަނާފައިވާފަދައިން ހަމަ އެކަނި އާރބަން ސެންޓަރުގެ ގޮތުގައި ހަތަރު ރަށް ތަރައްޤީ ކުރުން ނޫން ކަމަށާއި އުތުރާއި ދެކުނުގައި އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯން ޤާއިމްކުރުން ހިމަނާފައިވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ އާރބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ހަތް ރަށުގެ ލިސްޓް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާއިބެހޭ ވުޒާރާއިން އިއުލާނުކުރުމާއެކު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވެފައިވަނީ މެނިފެސްޓޯގައި (ޗެޕްޓަރ 4، ނަންބަރު 12، 13 އަދި 14 ގައި) ވަރަށް ސާފުކޮށް ބަޔާންކޮށް އަދި މެނިފެސްޓޯ ލޯންޗްކުރި ޖަލްސާއިން ފެށިގެން މިއަދާ ހަމަޔަށް އެތައް ޖަލްސާއެއްގައި ބަޔާންކޮށްފައިވާ ފަދައިން، ދެމެހެއްޓެނިވި ސަރަޙައްދީ ތަރައްޤީގެ ސިޔާސަތުގެ ދަށުން މާލެ އަރބަން ރީޖަން ގެ އިތުރުން އެންމެ މަތީ ފަންތީގެ ޚިދްމަތްތައް ހިމެނޭހެން، އެންމެ އުތުރުގެ 3 އަތޮޅު ހިމެނޭހެން ނޮރދަން އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނަކާއި އެންމެ ދެކުނުގެ 4 އަތޮޅު ހިމެނޭހެން ސަރދަން އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއް ތަރައްޤީ ކުރުން އަދި އޭގެ އިތުރަށް 7 އަރބަން ސެންޓަރު (މާލެއިން އުތުރުން 3، މާލެއިން ދެކުނުން 4) ތަރައްޤީ ކުރުން އެއީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ.

އަދި މިކަންކަމަކީ ކުރިޔަށް 20 އަހަރު ދުވަހަށް އެކަށައަޅަން މަސައްކަތް ފަށާފައިވާ ތަރައްޤީގެ މާސްޓަރޕްލޭންގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ޚިޔާލާއި، ފަންނީ ފަރާތްތަކާއި ކައުންސިލްތަކާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު އެކަށައެޅުމަށް ޤަސްދުކުރާ ކަންކަންކަމުގައި ވިދާޅުވެފައިވެއެވެ.

"ކަންކަމުގެ ހަގީގަތް ނުބައްލަވާ، ނުވަތަ ޙަޤީޤަތް އެނގިވަޑައިގެން ތިއްބަވައިގެން، ސިޔާސީ ފައިދާ ހޯދުމުގެ ނިޔަތުގައި ސިޔާސީ ބައެއް ފަރާތްތަކުން ކުރައްވާ ކަންކަމަށް ޒިންމާވާނީ އެކަންކަން ކުރައްވާ ބޭފުޅުން." ރައީސް ވިދާޅުވެފައިވެއެވެ.

މެނިފެސްޓޯގައި ރައީސް އެ އިޝާރާތްކުރެއްވި ބައިތަކަށް ބަލައިލާއިރު ހަތަރުވަނަ ޗެޕްޓާގެ 12 ވަނަ ޕޮއިންޓްހައި ބުނެފައިވަނީ މާލެ އާރބަން ރީޖަންގެ އިތުރުން، މަތީ ފަންތީގެ ޚިދުމަތް ލިބޭ ސަރަހައްދެއްގެ ގޮތުގައި ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅު ހިމެނޭހެން އުތުރުގެ ތަރައްޤީގެ ޒޯނުގައި، އިދާރީ މައި ހަބުގެ ގޮތުގައި ހދ. ކުޅުދުއްފުށި ހިމަނައިގެން، ބައިނަލްއަޤްވާމީ ދޮރާއްޓެއްގެ ގޮތުގައި ހދ. ހަނިމާދޫ ޤާއިމުކޮށް ހއ. އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ޓްރާންޝިޕްމަންޓް ބަނދަރެއް ޤާއިމުކުރުން ހިމެނޭ ކަމަށެވެ.

ހަތަރުވަނަ ޗެޕްޓަރގެ 13 ވަނަ ޕޮއިންޓްގައި ބުނެފައިވަނީ މާލޭ އާރބަން ރީޖަންގެ އިތުރުން، މަތީ ފަންތީގެ ޚިދުމަތް ލިބޭ ސަރަހައްދެއްގެ ގޮތުގައި ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭ ދެކުނުގެ ތަރައްޤީގެ ޒޯނުގައި، އިދާރީ މައި ހަބުގެ ގޮތުގައާއި ބައިނަލްއަޤްވާމީ ދޮރާއްޓެއްގެ ގޮތުގައި އައްޑޫ ސިޓީ ހިމަނައިގެން، ބައިނަލްއަޤްވާމީ ޓްރާންސިޕްމަންޓް ބަނދަރަކާއި، ޞިނާޢީ މަސައްކަތްތަކާ، މަސްވެރިކަމާ، ދަނޑުވެރިކަމާ، މެރިކަލްޗަރުގެ އިތުރުން ފަތުރުވެރިކަމުގެ ވަޞީލަތްތައް ފުޅާކޮށް، ތަރައްޤީކުރުން ހިމެނޭ ކަމަށެވެ.

ހަތަރުވަނަ ޗެޕްޓަރ ގެ 14 ވަނަ ޕޮއިންޓްގައި ބުނެފައިވަނީ މެދުމިނުގެ އިތުރު ހަތް އާރބަން ސެންޓަރު (މާލޭން އުތުރުގައި 3، ދެކުނުގައި 4 ހިމެނޭގޮތަށް) ތަރައްޤީކުރުން ހިމެނޭ ކަމަށެވެ. މިއަދު އިއުލާނުކުރި ލިސްޓަކީ މި ވައުދުގެ ދަށުން އިއުލާނު ކުރެވިގެންދިޔަ ރަށްތަކުގެ ލިސްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް