ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސްއިން ހިންގާ ބެޗްލަރ އޮފް ފާމަސީ ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް ވައިޓްކޯޓު ހަވާލުކޮށް ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ ވިލާ ކޮލެޖުގެ އޯޝަން ވިއު ހޯލްގައެވެ. މިއަދު ބޭއްވި މި ހާއްސަ ރަސްމިއްޔާތުގައި 15 ދަރިވަރަކު ހުވާކޮށްފައިވާކަމަށް އެ ކޮލެޖުން ބުނެއެވެ.
މި ރަސްމިއްޔާތުގެ ޝަރަފް ވެރި މެހެމާން، އުބެއިދުﷲ ތައުފީޤް، ދިވެހި ރާއްޖޭގެ އެލައިޑް ހެލްތު ކައުންސިލްގެ ރަޖިސްޓްރާރ ވަނީ ބެޗްލަރ އޮފް ފާމަސީ ޕްރޮގްރާމްގެ ދަރިވަރުންނަށް ވައިޓް ކޯޓް ހަވާލުކޮށް ހުވާލާދެއްވާފައެވެ.
ވިލާ ކޮލެޖުން މައުލޫމާތުދެއްވާގޮތުގައި ބެޗްލަރ އޮފް ފާމަސީ ޕްރޮގްރާމަކީ، ވިލާ ކޮލެޖުގެ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ އިންޓޭކް ގައި އަލަށް ތައާރަފް ކުރި ޕްރޮގްރާމެކެވެ. ބެޗްލަރ އޮފް ފާރމަސީ އަލަށް ފަށާ ދަރިވަރުންނަށް މި ޕްރޮގްރާމަށް ވަދެވޭނީ، އޭލެވެލެގެ ކެމިސްޓްރީ އަދި ފިޒިކްސް ހިމެނޭގޮތަށް، ޖުމްލަ ތިން މާއްދާއިން ފާސްވެފައިވާ ނަމަ ނުވަތަ ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް ހަތަރެއްގެ ގެ ކޮލިފިކޭޝަނަކާއިއެކު އަދި އޯ ލެވެލް ނުވަތަ އެއާއި އެއް ފެންވަރުގެ އިނގިރޭސި ފާހެއް ލިބިފައިވާ ނަމަ ކަމަށާއި މި ކޯހުގެ މުއްދަތަކީ ޖުމްލަ ހަތަރު އަހަރު ކަމަށް އެ ކޮލެޖުން ބުނެއެވެ.
މި ޕްރޮގްރާމްގައި ކިޔަވާ ދަރިވަރުން ތަޖުރިބާ ހޯދުމަށްޓަކައި ޕްރޮގްރާމްގެ މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރުގައި އެކްސްޓަރންޝިޕް ޕްރޮގްރާމެއް ފުރިހަމަ ކުރާގޮތަށްވެސް ވަނީ ހަމަޖެހިފައިވާކަމަށާއި އަދި ހަމަ އެހެންމެ ޕްރޮގްރާމްގެ ފަހު އަހަރުގައި ޖީ.އެމް.ޕީ (ގުޑް މެނުފެކްޓަރިނގް ޕްރެކްޓިސް) ކޮލިޓީ އެންޑް ސްޓޭންޑަރޑްސް ގެ ތަޖުރިބާ ހޯދުމަށްޓަކައި ޑަބްލިއު.އެޗް.އޯ އިން ޤަބޫލުކުރާ ފެންވަރުގެ ބޭސް އުފައްދާ ކާރުޚާނާއަކަށް ތަޖުރިބާ ދަތުރެއްވެސް ހިމެނިފައިވާނެކަމުގައިވެސް ވިލާ ކޮލެޖުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް