ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުގައި އެ މުއްދަތު އިތުރުކޮށްފައިވަނީ މާދަމާގެ ނިޔަލަށެވެ.
އެގޮތުން މާދަމާ ރޭގެ 11:59 އާއި ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާނެކަމުގައި އެ މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ބުނެފައިވާގޮތުގައި އެ މުއްދަތު އިތުރުކުރަން ނިންމީ މުއްދަތު އިތުރު ކުރުމަށް ގިނަ ފަރާތްތަކަކުން އެދެމުން އަންނާތީ އެކަމަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުންނެވެ.
ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު މިދިޔަ އަންގާރަ ދުވަހު އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީން ބުނެފައިވަނީ އެ ދުވަހާއި ހަމައަށް 2700 އަށްވުރެ ގިނަ ޝަކުވާ ލިސްޓަށް ލިބިފައިވީނަމަވެސް ދާއިމީ ލިސްޓަށް ބަދަލެއް އަންނަ ވަރުގެ ޝަކުވާއެއް ލިބިފައިނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް