އާއްމު އުސޫލުން ބެލި ނަމަވެސް ފިނޭންސް މިނިސްޓަރަކީ ކޮންމެ ސަރުކާރެއްގެ ވެސް އެންމެ މުހިއްމު، އެންމެ ބާރުގަދަ އަދި އެންމެ ނުފޫޒު ގަދަ މިނިސްޓަރެވެ. ދިވެހިރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު ފިނޭންސް މިނިސްޓަރުގެ މުހިއްމުކަން އަމުދުން ބޮޑެވެ. އެކުވެރި ގައުމުތަކާއި، މާލީ އިދާރާތަކުން ރާއްޖެ އަށް ލޭންދޭނަށް ދީފައިވާ ފައިސާ އަނބުރާ ދައްކަން ޖެހިފައިވުމުންނެވެ. އަދި ހަމައެއާ އެކު، ރާއްޖެ އަކީ ތަރައްގީވަމުން އަންނަ ގައުމަކަށްވާތީވެ، އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަން ޖެހި އެކަމަށް ފައިސާ ހޯދަން ޖެހޭތީވެ އެވެ.
އެހެންކަމުން މި މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒުގެ ފިނޭންސަށް އައްޔަންކުރައްވާ ބޭފުޅަކު ވެގެންދާނީ އެމަނިކުފާނުގެ ވެރިކަން ކާމިޔާބުކުރުމުގައި މުހިއްމު ދައުރެއް އަދާކުރައްވާނެ ބޭފުޅަކަށެވެ.
މުއިއްޒު ކެބިނެޓަށް ގެންނަވާނެ ކަމަށް ލަފާކޮށް އެކި ބޭފުޅުންގެ ނަންތައް މީޑިއާގައި އަންނަނީ އެނބުރެމުންނެވެ. ފިނޭންސް އަށް ގެންނަވާނެ ކަމަށް ވެސް ދެ ތިން ބޭފުޅުންގެ ނަންތައް ކިޔެ އެވެ. އޭގެ ތެރޭގައި ކުރީގެ ދެ މިނިސްޓަރެއް ވެސް ހިމެނެ އެވެ. ދެން ހިމެނެނީ މިނިސްޓަރުކަން ނުކުރެއްވި ނަމަވެސް މާލީ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ދެ ބޭފުޅެއްގެ ނަމެވެ.
މުއިއްޒު ވަނީ އެމަނިކުފާނު ކެބިނެޓަށް ގެންނަވާނީ ސިޔާސީ ގޮތުން ބުރަދަން ހުރި ބޭފުޅުންނަށް ވުރެ އިލްމީ، ގާބިލް ބޭފުޅުން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޕާޓީގެ ތެރެއިން އަންނަ ފިއްތުންތަކާ އެކު، ބައެއް ފަހަރަށް ގާބިލް ބޭފުޅުންނަށް ވުރެ ސިޔާސީ ގޮތުން ބުރަދަން ހުރި ބޭފުޅުންނަށް އިސްކަން ދެވޭ މަންޒަރުތައް ކުރީ ވެރިކަންތަކުގައި ވަނީ ފެނިފަ އެވެ.
އާއްމުންގެ ވިސްނުމަކީ، ފިނޭންސް މިނިސްޓަރުގެ މަގާމަށް ކޮންމެ ބޭފުޅަކު ގެންނެވި ނަމަވެސް އެ ބޭފުޅާ ވާން ޖެހޭނީ ބަޖެޓް ތަންފީޒުކުރުމާއި، ލޯނު ހޯދުމާއި، ދަރަނި ރީސްޓްރަކްޗާ ކުރުން ފަދަ ކަންކަމުގެ ގާބިލްކަމާއި ތަޖުރިބާ ހުންނެވި ބޭފުޅަކަށެވެ.
ރާއްޖެ މި އޮތީ ފިނޭންސް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެން ކަންކަން ދަސްކުރައްވައިގެން ކަންކަން ކުރެއްވޭނެ ގޮތަކަށް ނޫނެވެ. ފިނޭންސް މިނިސްޓަރަށް ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް އޮންނާނީ ފުނިޖެހިފަ އެވެ. އެންމެ ބޮޑު މަސައްކަތަކީ 2026 ވަނަ އަހަރު ރާއްޖޭން ދައްކަން ޖެހޭ އެއް ބިލިއަން ޑޮލަރު ހަމަކުރުމެވެ. މިދިޔަ އަހަރުން ފެށިގެން 2025 ގެ ނިޔަލަށް ރާއްޖޭން އެވްރެޖްކޮށް ކޮންމެ އަހަރަކު 367 މިލިއަން ޑޮލަރު ދައްކާއިރު، އެ އަދަދު 2026 ގައި ތިން ގުނަ ވާނެ އެވެ. އެއީ ރާއްޖޭން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކާއި، އަބޫ ދާބީ ފަންޑުގެ ބޮންޑަށް ދައްކަން ޖެހޭ 100 މިލިއަން ޑޮލަރާ އެކު އެވެ.
މުއިއްޒުގެ އަމާޒަކީ 2026 ގެ ކުރިން އެކަމަށް ގޮތްތަކެއް ހޯއްދެވުމެވެ. އެމަނިކުފާނުގެ ވިސްނުންފުޅަކީ ދަރަނި ރީފައިނޭންސް ކުރުމާއި، ދަރަނި ދައްކަން ޖެހޭ މުއްދަތު ދަންމާލުމެވެ. މި ދެ ކަންތައް ކުރުމަށްޓަކައި ބޭރުގެ ވަރަށް ގިނަ ގައުމުތަކާއި، އިދާރާތަކާ މަޝްވަރާކުރަން ޖެހޭނެ އެވެ. އޭގެން އެއްވެސް ކަމެއް ހަމަޖެހޭނީ ބޮޑެތި ނެގޯސިއޭޝަންތަކަކަށް ފަހު އެވެ. އެހެންވެ ފިނޭންސް މިނިސްޓަރަކީ އެފަދަ މަޝްވަރާތައް ކުރައްވައި، އެކަން ކާމިޔާބުކުރައްވާފައިވާ ބޭފުޅަކަށް ވާން ޖެހެ އެވެ.
ދަރަނި ދައްކަން ފައިސާ ހޯއްދަވަން ޑރ. މުއިއްޒު ގެންގުޅުއްވާނެ އަނެއް ސިޔާސަތަކީ ޓެކްސް ބޭސް ބޮޑުކުރުމެވެ. މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕަސެންޖާ ޓާމިނަލް ނިންމުމާއި، ހުއްޓިފައި ހުރި ރިސޯޓުތަކުގެ މަސައްކަތް ފަށަން ފުރުސަތު ދިނުމަކީ ވެސް ސިޔާސަތަކެވެ. މި ހުރިހާ ކަމެއް ވެސް ތަންފީޒުކުރުމުގެ ޒިންމާ އޮންނާނީ ފިނޭންސް މިނިސްޓަރުގެ ކޮނޑުގައި ކަމުން، އެ މަގާމަށް ގެންނަވާނެ ބޭފުޅަކީ މިކަންކަމުގެ އިލްމާއި ހިލްމު އަދި ތަޖުރިބާ ހުންނެވި ބޭފުޅަކަށް ވާން ޖެހެ އެވެ.
ޑރ. މުއިއްޒުގެ ވެރިކަމެއްގައި ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫޢުތައް ވަރަށް ބާރު ސްޕީޑުގައި ހިނގައިގަންނާނެ ކަމާ މެދު ޝައްކެއް ނެތެވެ. އެމަނިކުފާނަކީ، ހައުސިން މިނިސްޓަރުކަން ކުރެއްވި އިރު ސިނަމާލޭ ބްރިޖާއި، ހިޔާފްލެޓާއި، މާލޭ ރިންގް ރޯޑާއި، ރަސްފަނު ފަދަ އެތައް ޕްރޮޖެކްޓެއް ހިންގެވި ބޭފުޅެކެވެ. އެހެންކަމުން އެފަދަ ޕްރޮޖެކްޓައް ސަރުކާރުން ހިންގާއިރު ފައިސާގެ ކަންކަން ބެލެހެއްޓުމަށް ކުޅަދާނަ މާލިމީއެއް ހުންނަން ޖެހެ އެވެ.
ޑރ. މުއިއްޒުގެ އަމާޒަކީ ވެރިކަމާ ހަވާލުވެ ދެ ތިން މަސް ތެރޭ ފުށިދިއްގަރު ފަޅު ހިއްކައި، ވެރިކަން ނިމުމުގެ ކުރިން އެތަނުން 70،000 މީހުންނަށް ބޯހިވާވަހިކަން ފޯރުކޮށްދިނުމެވެ. މާނައަކީ ރާއްޖޭގެ އެންމެ ބޮޑު ރަށުގެ ގޮތުގައި ފުށިދިއްގަރު ތަރައްގީކޮށް، އެތަނުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަން ބޭރުން ބޮޑު އަދަދެއްގެ މާލީ އެހީބޭނުންވާނެ ކަމެވެ. އެހެންކަމުން ފިނޭންސް މިނިސްޓަރަކަށް، ބޭރުގެ މާލީ އެހީ މީގެ ކުރިން ހޯއްދަވާފައިވާ އެކަމުގެ ޓްރެކް ރެކޯޑް ރަނގަޅު ބޭފުޅެއް ހުންނަވަން ޖެހެ އެވެ.
ސަރުކާރު އެކުލެވިފައިވާ ގޮތުން މާލީ ބޮޑެތި ނިންމުންތައް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ނަމަވެސް އާއްމު އުސޫލުން ރައީސް ގޮތްތައް ނިންމަވާނީ ޓެކްނިކަލީ ގާބިލް އަދި ޕަބްލިކް ފައިނޭންސް މެނޭޖްމަންޓުގެ ތަޖުރިބާ ހުރި މީހެއްގެ ލަފާގެ މަތިންނެވެ. އެހެންކަމުން ފިނޭންސް މިނިސްޓަރަކަށް އެ ފެންވަރުގެ ބޭފުޅަކު ލެއްވުން އެއީ މުހިއްމު ކަމެކެވެ. ހަމައެޔާއެކު ރާއްޖޭ މިއަދު މިއޮތް މާލީ ނުތަނަވަސްކަމުން އަރައިގަތުމަށްޓަކައި ކުރީގެ މާލީ ވަޒީރުންނާއި އަދި ޕަބްލިކް ފައިނޭންސް ދާއިރާގެ ތަޖްރިބާކާރުންގެ ލަފާ ހޯއްދެވުމަކީ ކޮންމެހެން ކުރައްވަންޖެހޭ ކަމެކެވެ.
ކުރީގެ ބައެއް ރައީސުންނާ ހިލާފަށް އިންތިހާބީ ރައީސް މުއިއްޒު އަކީ މާލީ ދާއިރާގެ ތަޖުރިބާކާރެއް ނޫނެވެ. އެމަނިކުފާނުގެ ތައުލީމާއި ތަޖުރިބާ ގުޅެނީ ޕްރޮޖެކްޓް މެނޭޖްކުރެއްވުމާއި، ތަންފީޒުކުރެއްވުމާ އެވެ. އެހެންވުމާ ވެސް އެކު، އެމަނިކުފާނަށް ގާބިލް ފިނޭންސް މިނިސްޓަރެއް ވަރަށް މުހިއްމެވެ. އަދި ފައިނޭންސް މިނިސްޓަރަކީ މާލީ އެކި ދާއިރާތަކުގެ ތަޖުރިބާ އާއި ތައުލީމާއި ތަމްރީން ލިބިފައިވާ ބޭފުޅަކަށް ވުން ވެސް ވަރަށް މުހިއްމެވެ.
ކުރުކޮށް ދަންނަވާނަމަ ރާއްޖެ މިއޮތީ އިގުތިސާދީ ގޮތުން އަނދަވަޅެއްގަ އެވެ. ކޮވިޑުގެ ސަބަބުން ރާއްޖެ އަށް އޮތީ ފައިސާ ޗާޕުކުރަން މަޖުބޫރުވެފަ އެވެ. އެއީ މާލީ ނިޒާމަށް ކުރިމަތިވި ބޮޑު ބުރަ އެކެވެ. އެކަންކަމުން އަނދަވަޅުން އަރައިގަތުމަށްޓަކައި، ދަރަނިތައް ރީސްޓްރަކްޗާކޮށް އިތުރު އެހީ ވެސް ހޯދައި ރާއްޖޭގެ އިގުތިސާދީ ދުވެލީގެ ސްޕީޑް ބާރުކޮށްލުމަށް ރާއްޖެ އަށް ބޭނުންވަނީ ގާބިލް ފިނޭންސް މިނިސްޓަރެކެވެ. ދައުލަތުގެ މާލީ ނިޒާމު ހިތުދަސް، އަވަސް ނިންމުންތައް ނިންމެވޭނެ ބޭފުޅެކެވެ. އެލް ބޯޑު އަޅުއްވައިގެން ހުންނެވި ބޭފުޅަކު އެ މަގާމަށް ގެންނަވައިފި ނަމަ، ރާއްޖެ އަށް އަނދަވަޅުން އަރައިގަތުމަށް ނުހަނު އުނދަގޫވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް