ބައްރު: އޯސެނިއާ
ފީފާ ރޭންކިން: 38
މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 5
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1974
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ގަދަ 16 ވަނަ ބުރު ( 2006 )
ކޯޗު
ނަން: ގްރަހަމް ޖޭމްސް އާނޯލްޑް
ގައުމު: އޮސްޓްރޭލިއާ
އުމުރު: 59 އަހަރު
ޓީމާ ހަވާލުވީ: 2018 ވަނަ އަހަރު
އޮސްޓްރޭލިއާގެ ކޯޗު ގްރަހަމް ޖޭމްސް އާނޯލްޑް އަކީ އޮސްޓްރޭލިއާގައި މަޝްޙޫރު ތަޖުރިބާކާރު ކޯޗެކެވެ. ގްރަހަމް އާނޯލްޑް ކޯޗިންގެ ދާއިރާ އަށް ވަނީ 1989 ވަނަ އަހަރެވެ. އޭނާ ވަނީ މީގެ ކުރިން އޮސްޓްރޭލިއާގެ ގިނަ ކުލަބުތަކަކަށް ކޯޗުކަން ކޮށްދީފައެވެ. އަދި މީގެ އިތުރުން އޭނާ ވަނީ އޮސްޓްރޭލިއާގެ 23 އަހަރުން ދަށުގެ ޓީމަށް ވެސް ކޯޗުކަން ކޮށްދީފައެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ ގްރަހަމް އާނޯލްޑްގެ އިރުޝާދުގެ ދަށުން އޮސްޓްރޭލިއާ ކުޅޭ ފުރަތަމަ ބައިނަލްއަޤުވާމީ ބޮޑު މުބާރާތެވެ. ގްރަހަމް އާނޯލްޑް އޮސްޓްރޭލިއާގެ ކޯޗުކަމާ ހަވާލުވީ ޖުލައި 2018 ގަ އެވެ.
ގްރަހަމް ޖޭމްސް އާނޯލްޑްގެ ކޯޗުކަމުގެ ދަށުން އޮސްޓްރޭލިއާ މިހާތަނަށް 33 މެޗު ކުޅެފައިވާއިރު، ބަލިވެފައިވަނީ އެންމެ ހަ މެޗުންނެވެ. އެއްވަރުވެފައިވަނީ ހަތަރު މެޗުންނެވެ.
މުހިންމު ކުޅުންތެރިން:
އަޖްދީން ހުރުސްޓިކް
އިޓަލީގެ ހެލަސް ވެރޯނާއަށް ކުލެމުން އަންނަ އުމުރުން 26 އަހަރުގެ އަޖްދީން ހްރުސްޓިކް އަކީ އޮސްޓްރޭލިއާ ޓީމުގައި މިވަގުތު ހުރި އެންމެ އިތުބާރު އެޓޭކިން މިޑްފީލްޑަރެވެ. ޖަރުމަނުގެ އައިންޓްރަކްޓް ފްރެންކްފަޓް ގައި ދެ ސީޒަނެއް ހޭދަކުރުމަށް ފަހު އިޓަލީގެ ވެރޯނާއަށް ހްރުސްޓިކް ބަދަލުވީ މި އަހަރުގެ ފުޓްބޯޅަ ސީޒަނަށެވެ. މީގެ ކުރިން ނެދަލެންޑްސްގެ ކުލަބުތަކަށް ވެސް ކުޅެފައިވާ ހްރުސްޓިކް އޮސްޓްރޭލިއާ ސީނިއަރ ޓީމަށް ކުޅެން ފެށީ 2017 ވަނަ އަހަރުގައެވެ. އޭނާ ވަނީ މިހާތަނަށް އޮސްޓްރޭލިއާ ޓީމަށް ކުޅެދިން 19 މެޗުގައި ތިން ގޯލުޖަހައިދީފައެވެ.
މެތިއު ރަޔާން
އޮސްޓްރޭލިއާގެ ކެޕްޓަން އަދި ގޯލްކީޕަރު މެތިއު ރަޔާން އަކީ އޮސްޓްރޭލިއާ ޓީމުގެ އެންމެ ތަޖުރިބާކާރު ގޯލްކީޕަރެވެ. ރަޔާން ވަނީ ޔޫރަޕްގެ މަޝްހޫރު ގިނަ ކުލަބުތަކަކަށް ވެސް ކުޅެފައެވެ. އޭނާ ކުޅުނު ކުލަބުތަކުގެ ތެރޭގައި ސްޕެއިންގެ ވެލެންސިއާ، ރެއާލް ސޮސިއެދާދް، އިނގިރޭސި ޕްރިމިއާ ލީގުގެ ބަރައިޓަން، އާސެނަލް، ބެލްޖިއަމްގެ ކުލަބް ބްރޫޖް ހިމެނެއެވެ. ރަޔާން މިހާރު ކުޅެމުން އަންނަނީ ޑެންމާކްގެ ކޯޕަންހޭގަން އެފްސީއެވެ.
ރަޔާން އޮސްޓްރޭލިއާގެ ގައުމީޓީމަށް ކުޅެން ފެެށީ 2012 ވަނަ އަހަރުގައެވެ. މިހާތަނަށް އޮސްޓްރޭލިއާގެ ގައުމީޓީމާއި އެކު 94 މެޗު އޭނާ ވަނީ ކުޅެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް