މުއްޔާއި ފޮނަދޫގައި ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑްކުރުމަށް ބަޔަކާ ހަވާލުކޮށްފި

މ. މުލީ އަދި ލ.ފޮނަދޫ ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށްޓަކައި ލައިކޯ ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްފިއެވެ. މިއަދު ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެންވ...

09 Nov 2022 | 16:47

މ. މުލީ އަދި ލ.ފޮނަދޫ ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށްޓަކައި ލައިކޯ ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ  ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އަންސާރުއެވެ. ލައިކޯ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޔާޒެވެ.

މިއަދު ހަވާލުކުރި މި ދެ މަޝްރޫއުގެ އަގަކީ ޖުމްލަ 6,965,213.17 ރުފިޔާ އެވެ. މިގޮތުން  މ.މުލީ ސެންޓަރު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އަގަކީ, 4,228,307,82 ރުފިޔާ އަދި އަދި ލ. ފޮނަދޫ ގެ މަސައްކަތުގެ އަގަކީ 2,736،905.35 ރުފިޔާ އެވެ. މި ދެ މަޝްރޫއު ނިންމާލެވޭނެ ކަމަށް ބެލެވެނީ މަސައްކަތް ފަށާ ތާރީޚުން ފެށިގެން ގާތްގަނޑަކަށް 180 ދުވަސް (ހަ މަސް ދުވަސް) ތެރޭގަ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީއިން މަޢުލޫމާތު ދީފައިވާގޮތުން އެ މަޝްރޫޢު ނިމުމުން، މި ދެރަށުގައިވެސް ރަށުފެންވަރުގައި ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒުގައި (ޑަބްލިއުއާރްއެމްސީ) ކުނި ވަކިކޮށް، އަލުންބޭނުން ހިފޭ ކުނި ރައްކާކޮށް، އަދި ނައްތާ ނުލެވޭ ޒާތުގެ ކުނި ކަނޑައެޅިފައިވާ ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒަކަށް ގެންދިއުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން މި ދެރަށުގައިވެސް ކުނި މެނޭޖްކުރާ މަރުކަޒުގައި ފަނާވާ ޒާތުގެ ކުނި ޓްރީޓް ކުރުމަށްޓަކައި، އެނެރޯބިކް ޑައިޖެސްޝަން ޕްލާންޓެއް ބެހެއްޓުމަށްވެސް ހަމަޖެހިފައިވާކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ވުމާއެކު، މުލީ އަދި ފޮނަދޫގެ ކުނި މެނޭޖުކުރާ ނިޒާމް ހަރުދަނާ ކުރުމަށް މި މަޝްރޫޢުތައް  ހަމަ ޔަޤީނުންވެސް އެހީތެރިވެދޭނެއިރު، މި ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒާއެކު އެ ދެ ރަށުގައި ކުނި އެންދުމާއި، ކުނި މާ ގިނައިން ރަށުގައި ޖަމާވެ ދިމާވާ މައްސަލަތަކަށް  ޙައްލެއް ލިބިގެންދާނެ ކަމުގައި އެންވަޔަރުމަންޓް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ރަށު ފެންވަރުގައި އެފަދަ މަރުކަޒެއް ޤާއިމުވުމުން ސިއްޙަތަށާއި ތިމާވެއްޓަށް ލިބިދޭ ފައިދާގެ އިތުރުން އިޤްތިސާދަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ ކަމަށެވެ.

މި މަޝްރޫޢުގެ ތެރެއިން ޤާއިމުކުރެވޭ ކުނި މެނޭޖްކުރާ މަރުކަޒުތަކަކީ ޒަމާނީ ފެންވަރަށް ތައްޔާރުކުރެވޭ މަރުކަޒުތަކެކެވެ. މިގޮތުން އަލަށް ޑިޒައިން ކުރެވިފައިވާ މި މަރުކަޒުތަށް ޖާގައިގެ ގޮތުން ތަަނަވަސް ވެފައި މި މަރުކަޒުތައް ހިންގުމަށް ބޭނުންވާ އޮފީހެއްގެ އިތުރަށް، ފާހާނާ، ސްޓޯރޭޖް، ކުނި ބައިބަޔަށް ވަކިކޮށްފައި ބަހައްޓާނެ ޖާގަ، އަދި ނުރައްކާތެރި ކުނި ބެހެއްޓުމަށް ހާއްސަ ޖާގައެއް ހިމެނެއެވެ. އަދި ހަމަ އެއާއެކު މި މަރުކަޒުތަކަށް ގެނެވޭ ކުނީގެ ބަރުދަން ބެލުމަށް ވެއިންގ ސްކޭލްވެސް އަވަސް މުސްތަޤުބަލެއްގައި ބެހެއްޓިގެންދާނެއެވެ.

މި ދެ މަޝްރޫޢު ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޝޭންޖް އެންޑް ޓެކްނޯލޮޖީ އިން  ޒޯން 2، 4 އަދި 5 ގައި ތަންފީޒް ކުރަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަޓް ޕްރޮޖެކްޓް މެދުވެރިކޮށް ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް