މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގަ ބާރަށް ގުގުރުމުގެ ސަބަބުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
މިރޭ އިރު އޮއްސުނު ފަހުން ވަރަށް ބާރަށް ގުގުރައި ބޯކޮށް ވާރޭވެހިފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބާރަށް ގުގުރުމާއި ގުޅިގެން ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓާއި ފެން ކެނޑުނު ކަމަށެވެ. ހިދުމަތްތައް މެދުކެނޑުނީ މާގިނައިރަށް ނޫން ކަމަށް ފުލުހުން ބުނެ އެވެ.
ބާރަށް ގުގުރުމާއި ގުޅިގެން ހިނގި ހާދިސާތަކުގައި އެއްވެސް މީހަކަށް އަދި އެއްޗަކަށް ގެއްލުން ވެފައެއް ނުވެ އެވެ.
ކަރަންޓު ދިޔަ ޓަވަރުތަކުގެ ތެރޭގައި އެޗް2، އެޗް 8 އަދި އެޗް12ގެ އިތުރުން އެޗް15 ހިމެނެ އެވެ. އެ ޓަވަރުތަކުން ކަރަންޓު ކެނޑުނީ ބައެއް ފްލޯތަކުންނެވެ. އެކަމަކު ބައެއް ޓަވަރުތައްކުން އެއްކޮށް ފެނުގެ ހިދުމަތް ކެނޑުނެވެ.
ބައެއް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި ހިޔާ ފްލެޓު ސަރަހައްދަށް މިރޭ ހޮނު އެޅި އެވެ. އެކަމަކު އެފަދަ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މިއީ ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށީ ފަހުން ހުޅުމާލެއަށް އެހާ ބާރަށް ގުގުރި ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް