މިރޭގެ މޫސުމަށް ބަލާއިރު މިރެއަކީ ވިއްސާރަ ރެއެއްކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މާދަމާގެ އިރު އެރުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިރޭ ރާއްޖޭގެ އެކި ހިސާބަށް ވިއްސާކުރާނެއެވެ. ގުގުރުން އެކަށީގެންވެއެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވެއެވެ.
މިރޭ މޫސުން ގޯސްވާނެކަމަށް ބުނެފައިވާއިރު މިވަގުތަށްވެސް އެކްޓިވް ދެ އެލާޓެއް މެޓުން ނެރެފައިވެއެވެ. އެއީ ހުދު އަދި ރީނދޫ ސަމާލެކެވެ.
ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މި ސަމާލު ނެރެފައިވަނީ މިރޭ 06:45 އިން ފެށިގެން މިރޭ 11:45 އާއި ދެމެދުގެ ވަގުތަށެވެ.
ހުދު މި ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ބާރަށް ގުގުރާނެކަމަށް ލަފާކޮށެވެ.
ރީނދޫ ސަމާލު ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މި ސަމާލު ނެރެފައިވަނީ މިރޭ 07:15 އިން ފެށިގެން މިރޭ 9:15 އާއި ދެމެދުގެ ވަގުތަށެވެ. ރީނދޫ މި ސަމާލުވެސް ނެރެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށެވެ.
މެޓުގެ މި ސަމާލުތަކާއެކު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދުރާއްޖެއާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާތީ އެކަމަށް ސަމާލުވުމަށްވެސް މެޓުން އިލްތިމާސް ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް