ސްޓެލްކޯގެ މުވައްޒަފުންނަށް ޗައިލްޑްކެއަރ ސެންޓަރެއް ސްޓެލްކޯގެ މައި އިމާރާތުގައި ހުޅުވައިފިއެވެ.
ސްޓެލްކޯއިން މައުލޫމާތުދެއްވާގޮތުގައި މި ޗައިލްޑް ޗެއަރ ސެންޓަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދުރުވިސްނުންފުޅާއި، އިސްނެންގެވުމާއި އެއްގޮތަށް ސްޓެލްކޯގެ މެނޭޖްމަންޓުން ސްޓެލްކޯގެ މުވައްޒަފުންނަށް މަސައްކަތު ގަޑީގައި މުވައްޒަފުންގެ ދަރިން ތިބޭނެ ރައްކާތެރި، އިތުބާރުކުރާ މާހައުލެއް ހޯދައިދިނުމުގެ ގޮތުން ގާއިމުކުރެވުނު ތަނެކެވެ.
ޗައިލްޑް ކެއަރ ސެންޓަރުގައި ހިދުމަތްދެވޭ އުމުރުފުރައަކީ ފަސް އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިން ކަމަށާއި ހުޅުވިފައި ހުންނަ ގަޑިތަކަކީ ސަރުކާރުގެ ރަސްމީ މަސައްކަތްކުރާ ދުވަސްތަކުގެ ހެނދުނު 08:15 އިން ހަވީރު 4:00 އަށްކަމުގައި ސްޓެލްކޯއިން ބުނެއެވެ. އަދި ސްޓެލްކޯ ޗައިލްޑް ކެއަރ ސެންޓަރުގައި ހިދުމަތް ހޯދާ ކުދިން ބެލެހެއްޓުމުގައި ތިބޭނީ ކަމަށް ގާބިލު، ކުދިން ގެންގުޅމުގެ ހުނަރު ހުރި މުވައްޒަފުން ކަމަށާއި މިގޮތުން ކުދިންގެ އުމުރާއި ގުޅޭ ތަފާތު ގިނަ މަޖާ ހަރަކާތްތަކާއި، ކުޅިވަރުގެ ތެރެއިން އުނގެނުމަށްވެސް އިސްކަންދެވޭނެ ކަމުގައިވެސް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯގެ، މި ޗައިލްޑް ކެއަރ ސެންޓަރު ހުޅުވައިދެއްވީ އެ ކުންފުނީގެ ޗެއާމަން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އިބްރާހިމް ދީދީއެވެ.
ޗައިލްޑްކެއަރ ސެންޓަރު ހުޅުވުމަށްފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެ ސެންޓަރަކީ ސަރުކާރުން މުވައްޒަފުންނަށް ދެއްވި ހަދިޔާއެއް ކަމަށާއި، އެ ހަދިޔާ ބަލައިގަންނަކަން މުވައްޒަފުން ދައްކަންވާނީ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުންކަމަށެވެ. ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ހިދުމަތް ދިނުމަށް މުވައްޒަފުންގެ ކިބައިން އެމްޑީ އެދިލެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް