ވޯލްޑް ކަޕް 2022 ޓީމް ޕްރޮފައިލް: ސައުތު ކޮރެއާ (ގުރޫޕް އެޗް)

އޭޝިއާ ބައްރުން ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރުމުގެ ހަމައެކަނި ޝަރަފު އޮތް ގައުމަކީ ސައުތު ކޮރެއާއެވެ. އަދި މިހާތަނަށް އޭޝިޔާގެ ގައުމުތަކުން އެންމެ ގިނަ ވޯލްޑް ކަޕަށް ކޮލިފައި ވުމުގެ ...

09 Nov 2022 | 10:20

އޭޝިއާ ބައްރުން ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރުމުގެ ހަމައެކަނި ޝަރަފު އޮތް ގައުމަކީ ސައުތު ކޮރެއާއެވެ. އަދި މިހާތަނަށް އޭޝިޔާގެ ގައުމުތަކުން އެންމެ ގިނަ ވޯލްޑް ކަޕަށް ކޮލިފައި ވުމުގެ ޝަރަފު އޮތް ގައުމަކީ ވެސް ކޮރެއާ ރިޕަބްލިކެވެ.

ބައްރު: އޭޝިޔާ

ފީފާ ރޭންކިން: 28

މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 10

ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1954

އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018

ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: 4 ވަނަ 2002

ކޯޗު

ނަން: ޕައުލޯ ބެންޓޯ

ގައުމު: ޕޯޗުގަލް

އުމުރު: 53 އަހަރު

އުފަންތާރީޚް: 20 ޖޫން 1969

ޓީމާ ހަވާލުވީ: 2018 ވަނަ އަހަރު

ޕައުލޯ ބެންޓޯއަކީ ކުރީގެ ޑިފެންސިވް މިޑްފީލްޑަރެކެވެ. ޕޯޗުގަލްގެ އެންމެ ބޮޑު 3 ކްލަބްގެ ތެރެއިން 2 ކްލަބަކަށް އޭނާ ކުޅެފައިވެއެވެ. ކުޅުންތެރިއެއްގެ ގޮތުގައި ހޭދަކުރި 15 އަހަރުގެ ކެރިއަރުގައި، ޕޯޗުގަލްގެ 1 ވަނަ ޑިވިޝަންގައި 11 ސީޒަނުން 284 މެޗު ކުޅެ 16 ލަނޑު ޖަހާފައިވެއެވެ. އަނެއް 4 ސީޒަން ހޭދަކުރީ ސްޕެއިންގައެވެ. ޔޫރޯ 2000 އާއި ވޯލްޑް ކަޕް 2002 ގައި ޕޯޗުގަލް ޓީމުގައި ހިމެނިގެން ކުޅުމުގެ ފުރުސަތު އޭނާއަށް ލިބިފައިވެއެވެ.

ބެންޓޯ ކޯޗިންގ ކެރިއަރު ފެށީ 2005 ވަނަ އަހަރު ސްޕޯޓިންގ ސީޕީ އިންނެވެ. އެ ކްލަބާއެކު 4 އަހަރު ހޭދަކުރިއިރު، އޭގެ ފަހުން ޕޯޗުގަލްގެ ގައުމީ ޓީމަށް ވެސް އޭނާ ވަނީ ކޯޗުކަން ކޮށްދީފައެވެ. އޭނާގެ އިރުޝާދުގެ ދަށުން 2012 ގެ ޔޫރޯގެ ސެމީ ފައިނަލާ ހަމައަށް ޕޯޗުގަލް ދަތުރުކުރިއިރު، 2014 ގެ ވޯލްޑް ކަޕުން ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ބެންޓޯ ސައުތު ކޮރެއާގެ ގައުމީ ޓީމާ ހަވާލުވީ 17 އޮގަސްޓް 2018 ގައެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް 52 މެޗު ކުޅުނުއިރު، މެޗަކަށް ޖެހޭ އެވްރެޖް ޕޮއިންޓަކީ 2.13 އެވެ.

މުހިންމު ކުޅުންތެރިން:

ސޮން ހުއެން މިން

ސޮން އަކީ މިހާރު ކޮރެއާ ޓީމުގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާއެވެ. އަދި އެ ގައުމުގެ ކެޕްޓަން ވެސްމެއެވެ. އިންގްލެންޑްގެ ޓޮޓެންހަމް ހޮޓްސްޕާސްއަށް ކުޅޭ ފޯވާޑް ސޮން އަކީ މި ދިޔަ ސީޒަންގައި ޕްރިމިއާ ލީގުގެ ޓޮޕް ސްކޯރަރ އެވެ. އަދި މިހާތަނަށް ގައުމީ ޓީމަށް 3 ވޯލްޑް ކަޕްގައި ކުޅެފައިވާއިރު، މިފަހަރުގެ މުބާރާތުގައި އޭނާ އެންމެ ލަނޑެއް ކާމިޔާބުކުރިއަސް، ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކޮރެއާގެ ކުޅުންތެރިޔާގެ ޝަރަފު އޭނާއަށް ލިބޭނެއެވެ. ސޮން އަށް މި ސީޒަންގެ ފެށުން ދަށްކޮށް ދިޔަ ނަމަވެސް، މިހާރު ހުރީ ރަނގަޅު ފޯމެއްގައެވެ. މި ސީޒަންގައި ޓޮޓެންހަމްއަށް ކުޅުނު 13 މެޗުން އޭނާ ވަނީ 3 ލަނޑު ޖަހާ 2 އެސިސްޓް ހަދާފައެވެ. ގައުމީ ޓީމަށް އޭނާ މިހާތަނަށް 105 މެޗު ކުޅެފައިވާއިރު، ޖުމްލަ 35 ލަނޑު ކާމިޔާބުކޮށްފައިވެއެވެ.

އިމް-ބިއޮމް ހުވާން

އޮލިމްޕިއާކޮސް އަށް ކުޅޭ އުމުރުން 26 އަހަރުގެ ހުވާން އަކީ މި ފަހަރުގެ މުބާރާތުގައި ކޮރެއާ ޓީމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ އެއް ކުޅުންތެރިޔާކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ތަފާތު ގިނަ މަގާމުތަކަކަށް ކުޅުމުގެ ގާބިލްކަން ލިބިފައިވާ މި ކުޅުންތެރިޔާއަކީ ޑިފެންސް ކުރުމާއި އެޓޭކް އުފެއްދުމުގައި ވެސް ހުނަރުވެރި، ޓީމު ބެލެންސް ކޮށްދޭ ކުޅުންތެރިއެއް ކަމަށް ފާހަގަކުރެވެއެވެ. އޮލިމްޕިއާކޮސް އަށް މި ސީޒަންގެ ލީގުގައި މިހާތަނަށް ކުޅުނު 9 މެޗުން 2 އެސިސްޓް ހަދާފައިވާއިރު، ކޮރެއާގެ ގައުމީ ޓީމަށް މިހާތަނަށް 37 މެޗުން އޭނާ ވަނީ 4 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް