ބައްރު: ޔޫރަޕް
ފީފާ ރޭންކިން: 4
މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 15
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1930
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ޗެމްޕިއަން ( 2018 ، 1998 ) ރަނަރަޕް ( 2006 ) ތިންވަނަ ( 1958 ، 1986)
ކޯޗު
ނަން: ޑިޑިއޭ ޑެޝޯމްޕްސް
ގައުމު: ފްރާންސް
އުމުރު: 54 އަހަރު
ޓީމާ ހަވާލުވީ: 2012 ވަނަ އަހަރު
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަކީ ކުޅުންތެރިއެއްގެ ގޮތުގައި އެ ގައުމުގެ ކުރީގެ ފުޓްބޯޅަ ތަރިއެކެވެ. ފްރާންސް އިން 1998 ގެ ވޯލްޑް ކަޕާއި 2000ގެ ޔޫރޯ ކާމިޔާބުކުރިއިރު، ފްރާންސް ޓީމުގެ ކެޕްޓަނަކީ އޭނާ އެެވެ. ޑެޝޯމްޕް ކޯޗިން ކެރިއަރު 2001 ގައި ފެށީ ފްރާންްސްގެ މޮނާކޯ އިންނެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ޔުވެންޓަސް އާއި މާސޭ އަށް ކޯޗުކޮށްދީފަ އެވެ.
ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ޑެޝޯމްޕްސް ހަވާލުވީ 2012 ވަނަ އަހަރެވެ. ފްރާންސްގެ ކޯޗުކަމާއި ހަވާލުވެ ޑެޝޯމްޕް ވަނީ ބޮޑެތި ކުރިއެރުންތަކެއްވެސް ފްރާންސް ޓީމަށް ހޯދަދީފައެވެ. ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން ފްރާންސް އެންމެ ފުރަތަމަ ތަޖުރިބާއަކީ 2014 ގެ ވޯލްޑް ކަޕެވެ. އެ މުބާރަތުން ކާމިޔާބީއެއް ނުލިބުނަސް 2016 ވަނަ އަޖަރު އަމިއްލަ ގައުމުގައި ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ފްރާންސް ގެންގޮސްދިނެވެ. ފައިނަލުގައި ފްރާންސް ބަލިވީ ޕޯޗުގަލް އާއި ވާދަކޮށް 0-1 ގެ ނަތީޖާއިންނެވެ.
އޭގެ ފަހުން ޑެޝޯމްޕްގެ އިރުޝާދުގެ ދަށުން އެންމެ ފަހުން ރަޝިއާގައި ބޭއްވުނު 2018 ގެ ވޯލްޑް ކަޕާއި ޔޫއެފާ ނެޝަންސް ލީގުގެ ތަށި ފްރާންސުން ވަނީ އުފުލާލާފައެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ފްރާންސް ނުކުންނަނީ ޑެޝޯމްޕުގެ އިރުޝާޑުގެ ދަށުން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލުމުގެ އަޒުމުގައެވެ.
މުހިންމު ކުޅުންތެރިން
ކަރީމް ބެންޒިމާ
ފްރާންސްގެ މުހިންމު ފޯވާޑެއް ކަމަށްވާ ކަރީމް ބެންޒިމާ އަށް މިއީ ދެވަނަ ވޯލްޑް ކަޕެވެ. ބްރެޒިލްގައި 2014 ގައި އޮތް މުބާރާތުގައިވެސް ބެންޒިމާ ކުޅުނެވެ. ފްރާންސްގެ ގައުމީ ޓީމަށް ބެންޒިމާ ކުޅެން ފެށީ 2007 ގަ އެވެ. އޭގެ ކުރިން އޭނާ ވަނީ ފްރާންސްގެ ޔޫތު ޓީމުތަކަށް ވެސް ކުޅެފަ އެވެ. ސްޕެއިންގެ ރެއާލް މެޑްރިޑުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ބެންޒިމާ އަށް މި ފަހަރުގެ ވޯލްޑް ކަޕަކީ އޭނާގެ ފެންވަރު ދައްކާލަން ލިބޭ ރަނގަޅު ފުރުސަތެކެވެ. ނިމިގެން ދިޔަ ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކާ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިއާގެ މަޤާމުވެސް ހޯދި ބެންޒިމާ ވަނީ މިހާތަނަށް ފްރާންސްގެ ޓީމަށް ކުޅެދިން 97 މެޗުގައި 37 ގޯލު ޖަހައިދީފައެވެ.
ކީލިއަން އެމްބާޕޭ
ފްރާންސްގެ ޔޫތު ޓީމުތަކަށް ކުޅުމަށް ފަހު، ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ ފްރާންގެ ސީނިއަރ ގައުމީ ޓީމަށް ކުޅެން ފެށީ 2017 ގަ އެވެ. 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕަށް ނެގި ފްރާންސްގެ ޓީމުގައި އެމްބާޕޭ ހިމެނުނެވެ. އަދި އެ ވޯލްޑް ކަޕް މުބާރާތުގެ ތަށި ފްރާންސް އިން އުފުލާލިއިރު، އެމްބާޕޭ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެ މުބާރާތުގައި އޭނާ ހަތަރު ލަނޑު ޖެހި އެވެ. މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބުނީ ވެސް އެމްބާޕޭއަށެވެ. ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ އެމްބާޕޭ އަކީ މި ވަގުތު ޔޫރަޕްގައި ހުރި އެންމެ ޒުވާން ހުނަރުވެރި އެއް ފޯވަޑެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް