ދައުލަތުގެ ދަރަނި އަހަރުން އަހަރަށް ކުޑަކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ބަޖެޓު ބަހުސްގައި މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި މިއަދު މެންބަރުންނާ މުހާތަބް ކުރައްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ޑެފިސިޓް ހުރީ 13.8 އިންސައްތައިގައި ކަމަށެވެ. އަދި މިއަހަރު ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ޑެފިސިޓް ހުރީ 14.3 އިންސައްތައިގަ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ނަމަވެސް މިއަންނަ އަހަރު ދަރަނި ހުންނާނެ ކަމަށް ލަފާ ކުރެވެނީ 8.4 ބިލިއަން ރުފިޔާގައި ކަމަށާއި އެއީ ޖީޑީޕީގެ ނިސްބަތުން 8.1 އިންސައްތަ ކަމުގައިވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ އަމީރު ވިދާޅުވީ މިދުވަސްވަރަކީ ބޭރު ޤައުމުތަކާއި ރާއްޖޭގެ އިގްތިސޯދަށްވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ވަގުތެއް ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑް19ގެ ބަލިމަޑުކަމާއި މިއަހަރު ފެށުނުއިރު ކުރިމަތިވި ޔުކްރޭން އަދި ރަޝިޔާގެ ހަނގުރާމައިގެ ސަބަބުން އިގްތިސޯދަށް އިތުރު ލޮޅުންތަކެއް އަރާފައިވާކަން ވެސް އަމީރު ފާހަގަ ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް