ފީފާ ވޯލްޑް ކަޕް އެ ގައުމެއްގައި އެންމެ ފުރަތަމަ ބޭއްވުނު އަދި ވޯލްޑް ކަޕްގެ އެންމެ ފުރަތަމަ ޗެމްޕިއަނުންގެ ޝަރަފުއޮތް ގައުމަކީ އުރުގުއޭ އެވެ. 2 ފަހަރު ވޯލްޑް ކަޕްގެ ތަށި އުފުލާލާފައިވާ އުރުގުއޭއަށް އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައި ދެވުނީ ކުއާޓާ ފައިނަލާ ހަމައަށެވެ.
ބައްރު: ދެކުނު އެމެރިކާ
ފީފާ ރޭންކިން: 14
މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 13
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1930
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ޗެމްޕިއަން 1930، 1950، ސެމީ ފައިނަލް 1954، 1970
ކޯޗު
ނަން: ޑިއޭގޯ އެލޮންސޯ
ގައުމު: އުރުގުއޭ
އުމުރު: 47 އަހަރު
އުފަންތާރީޚް: 16 އޭޕްރިލް 1975
ޓީމާ ހަވާލުވީ: 2021 ވަނަ އަހަރު
އެލޮންސޯއަކީ ކުރިން އުރުގުއޭގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ފޯވާޑެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި 16 އަހަރުގެ ކެރިއަރުގައި އޭނާ ވަނީ އާޖެންޓީނާ، ސްޕެއިން، މެކްސިކޯ އަދި ޗައިނާ ލީގުގައި ވެސް ކުޅެފައެވެ. އެތުލެޓިކޯ މެޑްރިޑާއެކު 2001-02 ސީޒަންގެ ދެ ވަނަ ޑިވިޝަން ކާމިޔާބުކުރިއިރު، އެލޮންސޯއަކީ ޓޮޕް ސްކޯރަރ އެވެ. 1999 ވަނަ އަހަރުގެ ކޮޕާ އެމެރިކާގައި އުރުގުއޭގެ ގައުމީ ޓީމަށް ވެސް އެލޮންސޯ ކުޅުނެވެ.
އެލޮންސޯ ކޯޗިންގ ކެރިއަރު ފެށީ 2011 ވަނަ އަހަރުގައެވެ. އުރުގުއޭ، ޕެރެގުއޭ އަދި އެމެރިކާގެ ކްލަބްތަކަށް ވެސް ކޯޗުކަން ކޮށްދިންއިރު، 2016-17 ސީޒަންގެ ކޮންކާކަފް ޗެމްޕިއަންސް ލީގުގެ ތަށި ކްލައުސުރާ އާއެކު ހޯދިއެވެ. 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އުރުގުއޭގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވުމަށްފަހު، އެލޮންސޯގެ އިރުޝާދުގެ ދަށުން އުރުގުއޭ 9 މެޗު ކުޅެފައިވާއިރު، މެޗަކަށް އެވްރެޖްކޮށް ޖެހޭ ޕޮއިންޓަކީ 2.44 އެވެ.
މުހިންމު ކުޅުންތެރިން:
ފެޑެރީކޯ ވަލްވާޑޭ
ގިނަ މަގާމުތަކަކަށް ކުޅުމުގެ ގާބިލްކަން ލިބިފައިވާ އުމުރުން 24 އަހަރުގެ ވަލްވާޑޭ އަކީ އުރުގުއޭ ޓީމުގައި މި ވަގުތު ހުރި އެންމެ މުހިންމު މިޑްފީލްޑަރެވެ. އެޓޭކިންގ ވިންގަރެއްގެ މަގާމުގައި ވެސް މޮޅު ކުޅުމެއް ދައްކާ ވަލްވާޑޭ ސްޕެއިންގެ ރެއާލް މެޑްރިޑާއެކު މި ސީޒަންގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ސްޕެނިޝް ލީގުގައި ކުޅުނ 13 މެޗުން 6 ލަނޑު ޖަހާ 2 އެސިސްޓް ހަދާފައިވާއިރު، ޗެމްޕިއަންސް ލީގުގައި ކުޅުނު 5 މެޗުން އޭނާ ވަނީ 2 ލަނޑު ޖަހާ 2 އެސިސްޓް ހަދާފައެވެ. އޭރިއާ ބޭރުން ނުރައްކާތެރި ބާރު ހަމަލާތައް ފޮނުވާލުމުގައި ގާބިލް ވަލްވާޑޭއަށް އުރުގުއޭގެ ގައުމީ ޓީމުން ޖާގަ ލިބެން ފެށީ 2017 ވަނަ އަހަރުގައެވެ. މިހާތަނަށް ގައުމީ ޓީމަށް 44 މެޗު ކުޅުނުއިރު، 4 ލަނޑު ކާމިޔާބުކޮށްފައިވެއެވެ.
ލުއިސް ސުއަރޭޒް
އުމުރުން 35 އަހަރުގެ ތަޖުރިބާ ކާރު ފޯވާޑް ލުއިސް ސުއަރޭޒަށް މިއީ 4 ވަނަ ވޯލްޑް ކަޕެވެ. އަދި މިއީ އޭނާ ކުޅޭނެ އެންމެ ފަހު ވޯލްޑްކަޕަށް ވުން ވަރަށް ގާތެވެ. މީގެ ކުރިން ލިވަޕޫލް އާއި ބާސެލޯނާގައި މޮޅު ކުޅުމެއް ދެއްކުމަށްފަހު، އެތުލެޓިކޯ މެޑްރިޑްގައި ވެސް ދުވަސްކޮޅަށް ހޭދަކުރި ސުއަރޭޒް މިހާރު ކުޅެނީ އޭނާގެ އުފަން ގައުމު އުރުގުއޭގެ ކްލަބް ނޭސިއޮނަލް އަށެވެ. ނޭސިއޮނަލް އާއެކު އުރުގުއޭގެ ފުރަތަމަ ޑިވިޝަންގެ މި ސީޒަންގައި ސުއަރޭޒް މިހާތަނަށް 13 މެޗު ކުޅުނުއިރު، 6 ލަނޑު ޖަހާ، 3 އެސިސްޓް ހަދާފައިވެއެވެ. އުރުގުއޭގެ ގައުމީ ޓީމުގެ ކެޕްޓަންގެ މަގާމުގައި ހުރި ސުއަރޭޒް މިހާތަނަށް ގައުމީ ޓީމަށް 134 މެޗު ކުޅެދީފައިވާއިރު، 68 ލަނޑު ޖަހާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް