ޖަރުމަނު ބުންޑެސް ލީގާގައި ރޭ ބަޔާން މިއުނިކުން ވާޑާ ބްރެމެން އާއި ދެކޮޅަށް ކުޅެ 1-6 އިން މޮޅުވި މެޗުގައި ސެނެގާލްގެ ތަރި ސަޑިއޯ މާނޭއަށް އަނިޔާވެ ގަތަރު ވޯލްޑް ކަޕް މުބާރާތުގައި ނުކުޅެވިދާނެ ކަމުގެ ބިރުވީވެއްޖެއެވެ.
ރޭ ބްރޭމެން އާއި ދެކޮޅަށް ބަޔާން ކުޅުނު މެޗުގެ 20 ވަނަ މިނެޓުގައި ކަކުލަށް ލިބުނު އަނިޔާ އާއި ގުޅިގެން މާނޭ ވަނީ ބަދަލުކޮށްފައެވެ. މާނޭއަށް ލުބުނު މި އަނިޔާގެ ސަބަބުން އޭނާ ބަދަލުކުރަން ޖެހުނު އިރު، މާނޭގެ ބަދަލުގައި ކުޅެން އެރުވީ ލިރޯއީ ސާނޭއެވެ.
މާނޭގެ އަނިޔާއާއި ގުޅިގެން މެޗަށް ފަހު މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެމުން ބަޔާންގެ ކޯޗު ނަގެލްސްމަން ބުނީ މެޗަށް ފަހު މާނޭ އާއި ދިމާ ނުވާ ކަމަށާއި، މާނޭއަށް ލިބުނު އަނިޔާއަކީ މާ ސީރިއަސް އަނިޔާއަކަށް ނުވާނޭ ކަމަށް އުންމީދު ކުރާ ކަމަށެވެ. މިވަގުތު އަނިޔާއާއި ގުޅޭ ގޮތުން އެއްޗެއް ބުނަން ނޭންގޭ ކަމަށާއި މާނޭގެ އަނިޔާއާއި ގުޅޭ ގޮތުން އެއްޗެއް ބުންނަ އެނގޭނީ މިއަދު ހަދާ މެޑިކަލް ޓެސްޓުތަކަށް ފަހުގައި ކަމަށް ނަގެލްސްމަން ބުންޏެވެ. އަދި މިއަދުގެ ވަގުތެއްގައި މާނޭގެ އަނިޔާގެ ތަފްޞީލް ހާމަކުރާނެ ކަމަށް ވެސް ނަގެލްސްމަން ބުނެފައިވެއެވެ.
'މާނޭގެ އަނިޔާއާއި ގުޅޭ ގޮތުން އަދި އެއްވެސް އެއްޗެއް ބުނަން ނޭންގޭ. އުންމީދު ކުރަނީ އަނިޔާ ސީރިއަސް ނުވާނޭ ކަމަށް. މެޑިކަލް ޓެސްޓުތަކަށް ފަހު މާދަމާ މާނޭގެ އަނިޔާގެ އަޕްޑޭޓެއް ދޭނަން." ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ނަގެލްސްމަން ބުންޏެވެ.
ވޯލްޑް ކަޕަށް އެންމެ 13 ދުވަހަށް ގާތްވެފައި ވަނިކޮށް މާނޭއަށް އަނިޔާވެ، ވޯލްޑް ކަޕް ގެއްލުމުގެ ބިރު މިހާރު އެބައޮތްއިރު، މާނޭއަކީ ސެނެގާލްގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާއެވެ. މާނޭއަށް ވޯލްޑް ކަޕް ގެއްލިއްޖެ ނަމަ ވެގެންދާނީ ސެނެގާލް އަށް ފޫބައްދަން އުނދަގޫ މައްސަލައަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް