ކޮރޯނާއަށް ވެސް އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ގެއްލިއްޖެ

ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ސެވިއްޔާ އަށް ކުޅެމުން އަންނަ މެކްސިކޯ ވިންގާ ޖީސުސް ކޮރޯނާއަށް ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ގެއްލިއްޖެއެވެ. ކޮރޯނާގެ ފައިގެ ކުޑަ ހުޅަށް އަނިޔާވެފައި...

08 Nov 2022 | 21:27

ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ސެވިއްޔާ އަށް ކުޅެމުން އަންނަ މެކްސިކޯ ވިންގާ ޖީސުސް ކޮރޯނާއަށް ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ގެއްލިއްޖެއެވެ.

ކޮރޯނާގެ ފައިގެ ކުޑަ ހުޅަށް އަނިޔާވެފައިވަނީ ނިމިގެން ދިޔަ އޮގަސްޓުމަސްތެރޭ ސެވިއްޔާއިން ކުރިޔަށް ގެންދިޔަ ފަރިތަުރުންތަކުގެ ތެރެއިންނެވެ. މި އަނިޔާއަށް ފަހު ސާޖަރީއެއްވެސް މިހާރު ހަދާފައިވާ ކޮރޯނާއަށް އަނިޔާއިން ރަނގަޅުވެ މިމަހުގެ 14 ވަނަ ދުވަހު އަލުން އެނބުރި މެކްސިކޯގެ ޓީމާއި ގުޅޭނެ ކަމަށް މެކްސިކޯގެ މެޑިކަލް ޓީމުން ކުރިން ވަނީ ބުނެފައެވެ. ނަމަވެސް ފަހުން ހެދި މެޑިކަލް ޓެސްޓުތަކަށް ފަހު މިހާރު މެޑިކަލް ޓީމުން ލަފާކޮށްފައިވަނީ ކޮރޯނާ ވޯލްޑް ކަޕަށް ފިޓު ނުވާނޭކަމަށެވެ. އަދި އަނިޔާއިން ރަނގަޅުވެ އޭނާއަށް އަލުން އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް މިހާރު ލަފާކޮށްފައި ވަނީ އަންނަ ޑިސެމްބަރުމަސްތެރޭގައެވެ.

ސެވިއްޔާގެ ހުނަރުވެރި ވިންގާ މެކްސިކޯގެ ގައުމީ ޓީމަށް 71 މެޗު ވަނީ ކުޅެދީފައެވެ. އަދި 10 ގޯލު ވަނީ ޖަހައި ދީފައެވެ.

ވޯލްޑް ކަޕްގައި މެކްސިކޯ މި މަހުގެ 22 ވަނަ ދުވަހު ނުކުންނާނީ ޕޯލަންޑާއި ދެކޮޅަށެވެ.

މެކްސިކޯ ފުޓުބޯޅަ ފެޑެރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޮކްޓޫބަރު މަހުގައި ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއާ ގުޅިގެން ކުރިން ބެލެވުނު ތާރީޚަށް ކޮރޯނާ ފިޓު ނުވާނެކަން ފަހުން ހެދި މެޑިކަލް ޓެސްޓުތަކުން ކަށަވަރުވެފައި ވާ ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ވޯލްޑް ކަޕްގައި ކޮރޯނާ އަށް ނުކުޅެވޭނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕް މުބާރާތައް މެކްސިކޯ އިން ނެގި ސްކޮޑްގައި ވެސް ކޮރޯނާ ހިމެނުނެވެ. އަދި އެ މުބާރާތުގައި އޭނާ ވަނީ ކުޅެފައެވެ.

ކޮރޯނާގެ އިތުރުން ވުލްވްސް އަށް ކުޅެމުން އަންނަ 31 އަހަރުގެ ފޯވާޑް ރައުލް ޖިމެނޭޒް ވެސް ހުރީ އަނިޔާގައެވެ. އޭނާ އަށް ވެސް ވޯލްޑް ކަޕް ކުޅެވިދާނެ ކަމުގެ ސުވާލު ވަނީ އުފެދިފައެވެ. ނަމަވެސް މެކްސިކޯ ޓީމުގެ މެޑިކަލް ޓީމުގެ ރިޕޯޓުތަކަށް ބަލާއިރު، ޖިމެނޭޒް ވޯލްޑް ކަޕުގެ ކުރިން ފިޓްވާނެކަމަށް ވަނީ ބެލެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް