އަންނަ އަހަރު ނޮވެމްބަރުގައި ވޯޓަކުން ނިޒާމް ބަދަލުކުރަން ޕާޓީތަކުން އެއްބަސް: ނަޝީދު

އަންނަ އަހަރުގެ ނޮވެމްބަރު މަހު ވޯޓެއް ނަގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ނަޝ...

09 Nov 2021 | 18:21

އަންނަ އަހަރުގެ ނޮވެމްބަރު މަހު ވޯޓެއް ނަގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިމޭރުމުން ވާހަކަފުޅުދެއްކެވީ އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާއި މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ނަގަން ސިޔާސީ ޕާޓީތަކަށް އެއްބަސްވެވޭ ކަމަށެވެ.

ނަޝިދުގެ މެސެޖުގައި ވިދާޅުވީ ނޮވެމްބަރުގައި ނަގާނީ ފެންނަ ނުފެންނަ ވޯޓެއް ކަމަށެވެ. އެކަމަކު ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަނީ2023 ވަނަ އަހަރު ކަމަށެވެ.

ދާދި ފަހުން ނަޝީދު ވަނީ ސިޔާސީ ގޮތުން ދެން ކުރައްވާނެ ހުރިހާ ކަމެއްގެ އަމާޒަކީ ބަރުލަމާނީ ނިޒާމް ގެންނެވުން ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އިނގިރޭސިވިލާތުގައި ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގެން ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ކުރައްވާފައިވެ އެވެ.

އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޖޭޕީ، ޕީޕީއެމް/ ޕީއެންސީ އަދި އެމްއެންޕީ ހިމެނެ އެވެ. މި މަޝްވަރާތަކާއި ގުޅޭގޮތުން އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ބުނެފައިވަނީ ނަޝީދާއި އެކު ބޭއްވި ބައްދަލުވުމުގައި ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމުން ނޫނީ ސިޔާސީ މަޝްވަރާއެއް ނުކުރައްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.

އެހެން ކަމުން ނަޝީދާއި އެކު ނިޒާމް ބަދަލު ކުރުމުގައި އެއްބަސްވުމަކަށް އާދެވު ޕާޓީތަކުގެ ތެރޭގައި އިދިކޮޅު ނުހިމެނޭނެ އެވެ. އެހެން ޕާޓީއަކުންވެސް މިފަދަ މަޝްވަރާތަކެއް ކުރި ކަމެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް