ސްރީލަންކާގައި މިއަދު ފެށި މަހިންދަ ރާޖަޕަކްސަ ޓްރޮފީ ނުވަތަ ފޯރ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މުބާރާތުގެ ފުރަތަމަ މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
ރާއްޖެއާއި ލަންކާ ބައްދަލު ކުރި މި މެޗު ނިމުނީ 4-4 ން އެއްވަރުވެގެން ނެވެ.
ރާއްޖޭގެ ގައުމީ ޓީމާ އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ހަވާލުވިފަހުން ކުޅުނު ފުރަތަމަ މެޗުގައި ފުރަތަަމަ ލަނޑުޖަހާ ލީޑު ނެގީވެސް ރާއްޖެއިން ނެވެ.
ކޮލަމްބޯ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރާއްޖެއިން ޖެހި ހަތަރު ގޯލުގެ ތެރެއިން 3 ގޯލު ޖަހާފައިވަނީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ ފުރަތަމަ ނުވަ މިނެޓު ތެރޭގައި ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި އަލީ ފާސިރު (ސެންޓޭ) ގެ ދެ ގޯލުން ރާއްޖެ ކުރި ހޯދި އިރު، 34 ވަނަ މިނެޓުގައި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްދީފަ އެވެ.
މި ލީޑާއެކު ދެވަނަ ހާފު ފެށި އިރު، 57 ވަނަ މިނެޓުގައި ދަގަނޑޭ ވަނީ ރާއްޖެއަށް ހަތަރު ވަނަ ގޯލެއް ޖަހައިދީ ލީޑު އިތުރަށް ފުޅާކޮށްދީފަ އެވެ.
އެހެންނަމަވެސް ލަންކާ އިން ވަނީ އެޓޭކު ވަރުގަދަކޮށް ރާއްޖޭގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެގޮތުން ލަންކާގެ އަހުމަދު ވަސީމް ރަޒީކް ވަނީ ލަންކާގެ 4 ލަނޑު ޖަހައިދީފަ އެވެ.
މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ލިބުނީ ވެސް ވަސީމަށެވެ.
މިއަދުގެ މެޗު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ ބައިވެރިވެ ވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް