ގަސްތަކުގެ ތެރެއިން ވަދެގެން ތުނޑިއަށް ނިކުތް ރޫބީއަށް ހުއްޓެވުނެވެ. އޭނާ ހަނދާންވީ އޭނާގެ އިންތިޒާރުގައި އެތަނުގައި ސައިފް ހުންނަ ގޮތެވެ. އަނެއްކާވެސް ކުރިއަށް ދަމުން ރޫބީ ހުއްޓުނީ ރާޅުޖަހާ ފަށުގައެވެ. މޫދުން ނަގާ ކުދި ރާޅުތައް އޭނާގެ ފައި ތެންމަމުން ދިޔަ ނަމަވެސް އޭނާގެ ފަރުވާލެއް ނެތެވެ. ޖެހޭ މަޑު ވައިރޯޅިތައް އެއްވެސް ހުރަހެއް ނެތި އޭނާގެ ހަށިގަނޑުގައި ބީހެމުން ދިޔައެވެ. ނަމަވެސް އެކަމުން އޭނާގެ ހިތަށް އެއްވެސް ހަމަޖެހުމެއް ނުލިބެއެވެ. އެއަށްވުރެ ބޮޑަށް ހިތުގައި އަޅަމުން ދިޔަ ވޭނުން މުޅި ހަށިގަނޑުގައި ރިއްސާ ކަހަލައެވެ. ކުއްލިއަކަށް މުޅި ހަޔާތް އެފުށް މިފުށައް ޖެހިފައިމިވާ ގޮތް އަދިވެސް ޤަބޫލުކުރަން ދައްޗެވެ. އެންމެ ބޮޑު ހިތްދަތިކަމެއް ލިބެނީ ބަލައިބޮޑު ކުރި އުފަން ބައްޕައަށް ޖެހިފައިވާ ނުރައްކާތެރި ބަލީގެ ސަބަބުންނެވެ. އެބައްޕައަށްޓަކައި ނެގި ބޮޑު ފިޔަވަޅެއްގެ ސަބަބުން އޭނާ މިވަނީ އެންމެ ލޯބިވާ މީހުންނާ ވަކިވާން ޖެހިފައެވެ. ކުޑައިރުއްސުރެން އެންމެ ގާތް ކޮށް އުޅުނު ކޮއްކޮއެއް ފަދައިން ދެކުނު އެންމެ ގާތް ރަހުމަތްތެރިޔާގެ ހިތް އޭނާ ހަލާކުކޮށްލީ އޭނާއަށް މަޖުބޫރުވެގެންނެވެ. އެނޫން ގޮތެއް އޭނާއަށް ނެތީއެވެ. އޭނާ ކަންތައްކުރީ އޭނާއަށް ފެނުނު އެންމެ ރަނގަޅަކަށެވެ. ދެން ހުރީ ސައިފެވެ. އޭނާ ސައިފަށްވެސް ބޭވަފާތެރިވާން މިޖެހުނީ މަޖުބޫރަކުންނެވެ. އެހެންމީހަކާ އޭނާ އިންކަން ސައިފަށް އަދި ނުވެސް އެނގޭނެއެވެ. ނަމަވެސް އެނގޭ ހިނދު ސައިފްގެ ހިތް ކުދިކުދި ވާނެއެވެ. ހަމައެހެންމެ އޭނައަށް އިންތިހާއަށް ނަފްރަތުވެސް ކުރާނެއެވެ. ރޫބީ ރޮމުން ރޮމުން އިންތަނަށް ތިރިވިއެވެ. ހިތަށް އަޅަމުން ދިޔަ ވޭނުން ކެތްނުވެ މެއާ ދިމާލުން ހެނދުން އަތަށް ބޮނޑިކޮށްލެވުނެވެ. މޫދުން ނަގަމުން ދިޔަ ރާޅުތައް އޭނާގެ ހަށިގަނޑު ތެންމަމުން ދިޔައިރު އެކަންވެސް އޭނާއަށް އިހުސާސް ނުވާ ފަދައެވެ. އެތައް އިރަކު އެގޮތަށް ރޯން އިނުމަށްފަހު ޖީބުގައި އޮތް ފޯނު އޭނާ ނެގިއެވެ. ސައިފްގެ އަތަށް އޭނާގެ ފޯނު ލިބުނުހާ އަވަހަކަށް ގުޅާނެކަން ޔަގީނެވެ. ސައިފް އޭނާގެ ފޯނަށް ގުޅާހިނދު އެފޯނު ނުނަގާ ހުންނާކަށް އޭނާއަށް ކެތެއް ނުވާނެއެވެ. ނަމަވެސް ނަގައިފިނަމަ ސައިފަށް އޭނާ ދޭނީ ކޮންޖަވާބެއް ހެއްޔެވެ. ވާހަކަ ދައްކާނީ ކީކޭ ކިޔާފަ ހެއްޔެވެ؟ އެހެންނޫނަސް މިހާރު އޭނާއަކި މީހެއްގެ އަނތްބެކެވެ. ކައިވެނިކުރެވުނީ ކޮންމެ ހާލަތެއްގައިވިޔަސް ފިރިމީހާއަށް ވަފާތެރިކަން މަތީގައި ހުރުމަކީ އޭނާގެ ވާޖިބެކެވެ. ސައިފް މަތިން އުމުރަށް ހަނދާން ނައްތައިލުން ނޫން ގޮތެއް ނެތެވެ. ރޫބީ އޭނާގެ އަތުގައި އޮތް ފޯނަށް ބަލައިލިއެވެ. އެފޯނުގައިވާ ސައިފް ނަމްބަރު ޑިލީޓްކޮށްލުމަކުން ސައިފްގެ ހަނދާންތައް ފޮހެވިގެން ނުދާނެއެވެ. އޭނާ އާއި ސައިފްގެ އެތައް ހަނދާނެއް އެފޯނުގައި ރައްކާކުރެވުފައިވާނެއެވެ. ފޯނަށް ބަލަހައްޓައިގެން ހުރެ ރޫބީ އިންތަނުން ތެދުވިއެވެ. އެއަށްފަހު ދެލޯ މަރައިލަމުން އަތުގެ ކޮޅަށް ފޯނު އެއްލައިލިއެވެ.
ރޫބީ އެނބުރި ގެއަށް އައިސް ވަނީ ފަތިސް ނަމާދަށް ބަންގި ގޮވަން ތައްޔާރުވެފައި ވަނިކޮށެވެ. ގެއަށް ވަންގޮތަށް އެންމެ ފުރަތަމަވެސް ރޫބީއަށް ބަލައިލެވުނީ ނަޖުވާގެ ކޮޓަރިއާ ދިމާލަށެވެ. އޭނާގެ ހިތް އެދި ގޮވަމުން ދިޔައީ ފުރުމުގެ ކުރިން އެންމެ ފަހު ފަހަރަށް ނަމަވެސް ނަޖުވާ އާ ބައްދަލުކުރުމަށެވެ. ވެދިޔަ ކަންތަކަށް ނަޖުވާ ކައިރީގައި މައާފަށް އެދުމަށެވެ. ވެދިޔަ ކަންތަކަށްފަހު އޭނާއަށް މައާފު ހައްޤު ނޫން ކަން ޙުދު އޭނާވެސް ޤަބޫލުކުރެއެވެ. އެހެންނަމަވެސް އެކުވެރިޔާ ކައިރިން މައާފަށް އެދުމަކީ އޭނާގެ ވާޖިބެކެވެ. ދެވިސްނުމެއްގައި ހުރެފައި ރޫބީ ކޮޓަރީގެ ދޮރުހުޅުވައިލިއެވެ. ނަމަވެސް ކޮޓަރިތެރެއިން އޭނާއަށް ފެނުނީ ހުސްކަމެކެވެ. އެނދުގައި މީހަކު އޮތް ކަމުގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ. ފާހަނައާ ދިމާލަށް ބަލައިލިއިރު ފާހަނައިގެ ލައިޓުވެސް ހުރީ ނިއްވާލާފައެވެ. އިތުރަށް ޔަގީން ކުރުމުގެ ގޮތުން ރޫބީ ގޮސް ފާހަނައިގެ ދޮރުވެސް ހުޅުވާފައި ބެލިއެވެ. ކޮޓަރީގެ އެއްވެސް ދިމާލަކުން ނަޖުވާ ފެންނަން ނެތުމުން ރޫބީ ހައިރާންވިއެވެ. ނަމަވެސް އެހައިރާންކަން ނުތަނަވަސްކަމަށް ބަދަލުވީ ޑެރެސިންގް ޓޭބަލް މަތީގައި ހުރި ނަޖުވާގެ އެއްވެސް ސާމާނެއް ނެތުމުންނެވެ. ރޫބީގެ ހިތުގައި އުފެދުނު ޝައްކު ޔަގީނަށް ބަދަލުވީ އަލަމާރި ހުޅުވައިލިއިރު ނަޖުވާގެ އެއްވެސް އަންނައުނެއްވެސް އަލަމާރީގަ ނެތުމުންނެވެ. ނަޖުވާ ގެ ދޫކޮށްފައި ދިޔައީހެއްޔެވެ؟ އެކަން ރީނާއާއި މުއީނަށް އެނގޭބާއެވެ؟ ކޮޓަރިން ނިކުމެގެން ރޫބީ މިސްރާބު ޖެހީ ރީނާ ކައިރިއަށް ދިއުމަށެވެ. ހަމައެވަގުތު އާފުރެމުން ކޮޓަރިން ނިކުތް ރީނާ ފެނި ރޫބީ މަޑުޖެހުނެވެ.
" މަންމާ.. މަންމާ ނަޖޫ.." ރީނާ ކައިރިއަށް ދަމުން ރޫބީ ބުންޏެވެ.
" ނަޖޫ ކިހިނެއްތަވީ؟" ނިދިބަރުވެފައި އަޑަކުން ރީނާ އަހައިލިއެވެ.
" ނަޖޫ ނެތް ކޮޓަރިއަކު.. މިބުނީ ނަޖޫގެ އެއްވެސް އެއްޗެއްވެސް ނެތް ކޮޓަރިއަކު.." ރޫބީ އަވަސްވެފައިވާ ހިތަކާއެކު ބުންޏެވެ. ރޫބީ ހީކުރިގޮތާ ހިލާފަށް ރީނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުނުވުމުން ރޫބީއަށް ލިބުނީ ހައިރާންކަމެކެވެ. ހަމަ އެހިނދުގައި ރީނާއަށް އެކަން މާކުރިންވެސް އެނގޭކަން ރޫބީއަށް އެނގިގެން ދިޔައެވެ.
" މީގެ ދެދުވަސް ކުރިން ނަޖުވާ ގެއިން ނިކުމެގެން ހިނގައްޖެ.." ރޫބީއާ ނަޒަރު ވަކިކޮށްލަމުން ރީނާ ބުންޏެވެ. ރޫބީ އަށް ލިބުނު ސިހުމުން ބުނާނެ އެއްޗެއް އޭނާއަކަށް ނޭނގުނެވެ.
" މަންމަ ކީއްވެ އަހަރެން ކައިރީގައި ނުބުނީ.. ؟" ރޫބީ ޝަކުވާ ކޮށްލިއެވެ.
" އަހަރެން ކީކޭ ރޫބީ ކައިރީގައި ބުނާނީ... ނަޖުވާ ދިޔައީ އަހަރެންނަށްވެސް އެނގުމަކާ ނުލާ.. ނަޖުވާ ބައްދަލުކުރީ ހަމައެކަނީ މުއީނާ.. މުއީނު ކައިރީގައި ނަޖުވާ ބުނީ އިތުރަށް ކިޔެވުމަށްޓަކައި ރާއްޖެއިން ބޭރަށް ދާ ވާހަކަ.. މުއީން ހީކުރަނީ އެކަން އަހަރެންނާއި ރޫބީއަށްވެސް އެނގޭކަމަށް.. އެހެންވެ މިބުނަނީ ﷲ އަށްޓަކައި ދެން ތިވާހަކަ ނުދައްކާ... އިރުކޮޅަކުން މުއީން ނިކުންނާނެ.. އަހަރެމެން މިފަދަ ވާހަކައެއް ދައްކަނިކޮށް އޭނާއަށް އަޑުއިވިއްޖިއްޔާ ރަނގަޅެއް ނުވާނެ.." ވީހާވެސް މަޑުން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުން ރީނާ ބުންޏެވެ. އެވަގުތުވީ މުއީންވެސް ގަމީހުގެ ގޮށްތައް އަޅުވަމުން ކޮޓަރިން ނިކުތް ވަގުތަށެވެ.
" ކޮބާ ރޫބީ ދަރިފުޅާ އަވަސް ކުރޭ... އިރުކޮޅަކުން އެއަރޕޯޓަށް ދާންޖެހޭނެ..." ރޫބީ ފެނުމުން މުއީން ބުންޏެވެ. ފެންކަޅިވެފައިވާ ރޫބީގެ ދެލޯ ފެނުމުން މުއީން ހުއްޓުނެވެ.
" އަދިވެސް ރޮނީތަ ދަރިފުޅު.. ދެން ހުއްޓާލާ ދަރިފުޅު.. ބައްޕަ ބޭނުމީ ދަރިފުޅު ހެވިފައި ހުރެ މިގެއިން ދާން.. ތިކަހަލަ މޫނެއް ދައްކައިގެން މިގެއިން ދިއުމުން ބައްޕަމެންނަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭނެ.. " ރޫބީގެ އިސްތަށިގަނޑުގައި ފިރުމައިލަމުން މުއީން ބުންޏެވެ. ކަރުނަތައް އެތެރެއަށް ހިންދައިލަން މަސައްކަތް ކުރަމުން ރޫބީ ހިނިތުންވެލިއެވެ.
************************
އައްބާސްގެ އާއިލާ އަށް މާލެދެވުނުއިރު ހެނދުނު އަށެއް ޖަހައި ބޮޑުވެއްޖެއެވެ. އެންމެންވެސް ގެއާ ދިމާލަށް މިސްރާބުޖެހީ އެމީހަކަށް ހާއްސަ ކުރެވިފައިވާ ކާރުގައެވެ. ރޫބީ އާއި އާކިން އެއްކާރެއްގައި ތިބިއިރު ނުދަންނަ ދެމީހުން ފަދައެވެ. ކާރަށް އެރީއްސުރެން އާކިން އިނީ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. ރޫބީ އިރުއިރުކޮޅާ އާކިން އާ ދިމާލަށް ބަލައިލަނީ ވާހަކައެއް ދައްކަން ބޭނުންވެގެން އުޅޭ ފަދައަކުންނެވެ. ނަމަވެސް އެހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ގޭޓުން އެތެރެއަށް ކާރު ވަނުމާއެކު ރޫބީއަށް އިނީ އެސްފިޔަ ޖަހައިލަންވެސް ނޭނގިފައެވެ. އެހާ ފުރިހަމަ ގެއެއް މީގެ ކުރިން އޭނާއަށް ފެނިފައިވަނީ ފިލުމުތަކުންނެވެ. ކުރިއަށް އޮތް މަގުގެ ދެފަރާތުގައި ވަނީ އެކިވައްތަރުގެ މާގަސްތަކުން ފުރިފައެވެ. އެތަނުގައި ނެތްވައްތެރެއްގެ މަލެއް މަދުވާނެކަން ޔަގީނެވެ. ކޮންމެ ފަރާތެއްގައިވެސް މާގަސްތަކުގެ މެދުގައި ފެން އަރުވާ ވަޑާމެއް ހުއްޓެވެ. އެފަދަ ކަމެއްވެސް ރޫބީއަށް ފެނުނީ ފުރަތަމަ ފަހަރު ކަހަލައެވެ. ގޭގެ ޕޯޓިކޯގައި ކާރު މަޑުކޮށްލުމާއެކު ޑްރައިވަރު އައިސް ރޫބީ އިން ދިމާލުން ކާރުގެ ދޮރު ހުޅުވައިލައި ދިނެވެ. އޭގެ މާކުރިން އާކިން އަމިއްލަ އަށް ދޮރުހުޅުވައިގެން ނިކުމެއްޖެއެވެ. ރޫބީ ކާރުން ފޭބި ވަގުތު އާކިން ގޭތެރެއަށް ވަދެގެން ދިޔަތަން ރޫބީއަށް ފެނުނެވެ. އަމްރާގެ ކާރު އައިސް މަޑުކޮށްލީ ރޫބީ ގޭގެ ދޮރާ ދިމާލަށް ބަލަހައްޓައިގެން ހުއްޓައެވެ. ރޫބީ އެކަނި ހުރިތަން ފެނުމުން އަމްރާ ހުރީ ހައިރާންވެފައެވެ.
" ރޫބީ.. ކީއްވެ އެތެރެއަށް ނުވަދެ ތިހުންނަނީ؟ ކޮބާ އާކި؟ " ރޫބީ ކައިރިއަށް އައިސް ހުއްޓެމުން އަމްރާ އޯގާތެރިކަމާއެކު އަހައިލިއެވެ.
" ވަދެއްޖެ އެތެރެއަށް.. އަހަ.. އަހަރެން މާގަސްތައް ބަލައިލަން މިތާ މަޑުކޮށްލީ.." ރޫބީއަށް ދޮގެއް ހަދައިލަން މަޖުބޫރުވިއެވެ.
" އެހެންތަ!! ހިނގާ އެތެރެއަށް.." އަމްރާ ރޫބީ ގޮވައިގެން އެތެރެއަށް ވަނެވެ. ދޮރުން އެތެރެއަށް ވަނުމާއެކު ރޫބީހުރީ ހައިރާންވެ އަންތަރީސް ވާ ވަރުވެފައެވެ. ދޮރުން ވަންނައިރަށް އެންމެ ފުރަތަމަވެސް ލޮލުގައި އަލައިގަންނަނީ ގޭގެ މެދުގައި އެލުވާފައި ހުރި ބޮޑު ޗާންދަލިޔާއެވެ. އޭގެއާ ދިމާލުން ތިރީގައި ބޮޑު ސޯފާސެޓެއް ހުރިއިރު ފަހަތުން މައްޗަށް އަރަން ބޮޑު ސިޑިއެއް ހުއްޓެވެ. ސިޑީގެ ދެފަރާތުގައި ގޭތެރޭގައި ބަހައްޓާކަހަލަ ރީތި ދެގަސް ހުއްޓެވެ. ސޯފާސެޓުގެ ކަނާތް ފަރާތުން ތަންކޮޅެއް އެތެރޭގައި ބަދިގެ ފެންނަހުރިއިރު ބަދިގެއާ ތަންކޮޅެއް ދުރުން އަށް ގޮނޑީގެ ކާމޭޒެއް ހުއްޓެވެ. ކާމޭޒުމަތި ފަޅުފިލުވާލާފައިވަނީ މޭޒުގެ މެދުގައި ބަހައްޓާފައިވާ އެކި ބާވަތުގެ މޭވައިން ފުރިފައިވާ ވަށިގަނޑުންނެވެ. ވާތްފަރާތަށް ބަލައިލިއިރު އެދިމާލުގައި ފާރުގައި މުޅިންވެސް ވަނީ އެގޭ މީހުން ފޮޓޯތައް ހަރުކޮށްފައެވެ. ފާރުކައިރީގައި ހުރި ހަރުގަނޑުވެސް ފުރާލާފައި ވަނީ އެކިވއްތަރުގެ ކުދި މާވަށިތަކުންނާއި ފޮޓޯ ފްރޭމް ތަކުންނެވެ.
" އާކި ކޮޓަރިއަށް ދިޔަޢީ ކަންނޭނގެ ދޯ.." އަމްރާ ގޭތެރެއަށް ނަޒަރު ހިންގައިލަމުން ބުންޏެވެ. ރޫބީ ވަކި އެއްޗެއް ނުބުނެ ކޮނޑުއަރުވައިލިއެވެ.
" ހިނގާ ދޮންތަ ކޮޓަރިއަށް ގެންގޮސްދޭނަން.." އަމްރާ ހިތްހެޔޮކަމާއެކު ބުންޏެވެ. އަމްރާގެ ފަހަތުން ރޫބީ ސިޑި ހުރަސްކުރަމުން ދިޔައިރުވެސް އޭނާއަށް ގޭގެ އެކި އެކި ދިމާލަށް ބެލެމުން ދިޔައެވެ. އާކިން ކޮޓަރީގެ ދޮރު އަމްރާ ހުޅުވައިލީ ހުއްދަ ހޯދުމެއްވެސް ނެތިއެވެ. އޭނާ ހުރީ އާކިން ރޫބީއާ މެދު ކަންތައް ކުރިގޮތުން ހިތްހަމަނުޖެހިފައެވެ. ދޮރާ ދިމާލަށް ހުރި ބޮޑު އެނދުގައި އާކިން ބަނޑުވަތަށް އޮށޯވެގެން އޮތެވެ. އަމްރާ ދެފަހަރަކު ގޮވައިލުމުންވެސް ޖަވާބު ނުދިނުމުން އާކިންއަށް އޮތީ ނިދިފައިކަމަށް ހީކުރެވުނެވެ.
" ރޫބީ ދާންވީނު ފްރެޝްވެލަން.. އިރުކޮޅަކުން މަންމަމެން އައިމަ އެންމެން އެއްކޮށް ސައިބޯނީ.." މިހެން ބުނުމަށްފަހު އަމްރާ ކޮޓަރިން ނިކުތެވެ. އަމްރާ ނިކުތުމުން ރޫބީ ފުންނޭވައެއް ދޫކޮށްލިއެވެ. އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް މިވަގުތު ރޫބީ ބޭނުންވަނި ނިދާލާށެވެ. ނަމަވެސް އާކިންއާ އެއް އެނދެއްގައި އޮންނާކަށް އޭނާއަކަށް ހިލާ ނުކުރެނޭއެވެ. އެވަގުތު ރޫބީގެ ލޮލުގައި އަޅައިގަތީ އެނދުގެ އަނެއްފަރާތުގައި ހުރި ސޯފާއެވެ. ޖެހިލުންވެފައި ހުރެ އޭނާ ގޮސް ސޯފާއަށް އަރައި އޮށޯތެވެ. މާގިނައިރުތަކެއް ނުވެ ނިދީގެ ފުންކަނޑަށް އޭނާ ޣަރަޤުވެގެން ދިޔައެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 11 ނޮވެެމްބަރ ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ.. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް