ވާހަކަ: އެދެވޭތީ އަދު ބުނަމޭ – ހަތްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ކައިވެނީގެ ހުތުބާ ކިޔަމުން ދިޔައިރު ރޫބީ ކަނުލައި އަޑުއަހަމުން ދިޔައެވެ. އެ ހުތުބާއިން އޭނާއަށް ކުރެވެމުން ދިޔައީ ތަފާތު އިހުސާސެކެވެ. ކައިވެނީގެ ގުޅުމަކީ ކިހާ ވަރުގަދަ ގުޅުމެއ...

07 Nov 2021 | 04:54

ކުރީގެ އަދަދާއި ގުޅޭ...

ކައިވެނީގެ ހުތުބާ ކިޔަމުން ދިޔައިރު ރޫބީ ކަނުލައި އަޑުއަހަމުން ދިޔައެވެ. އެ ހުތުބާއިން އޭނާއަށް ކުރެވެމުން ދިޔައީ ތަފާތު އިހުސާސެކެވެ. ކައިވެނީގެ ގުޅުމަކީ ކިހާ ވަރުގަދަ ގުޅުމެއްކަމާއި ފިރިމީހާގެ މުހިންމުކަން ކިޔައިދެމުން ދިޔައިރު ކޮންމެ ގޮތަކުންވިޔަސް އެކައިވެނި ދަމަހައްޓަން ރޫބީގެ ހިތުގައި އަޒުމު ކަނޑައެޅިއެވެ. އަނބި އަޤުދު ކޮށްދީފީމޭ ބުނިވަގުތު އެންމެންގެ ނަޒަރު ހުއްޓުނީ އާކިން އަށެވެ. އެތަނުން މީހަކު އާކިން ކައިރީގައި ސިއްރުން އަނބި ޤަބޫލުކޮށްފީމޭ ބުނުމަށް އެދުނެވެ. އެހެންނަމަވެސް އާކިން އިނީ މުޅިން ހިމޭންވެފައެވެ. އާކިންގެ ފަހަތުގައި ހުއްޓި ހުރި އައްބާސް އާކިންގެ ދެކޮނޑުގައި އަތްއަޅައިލަމުން ކަންފަތް ދޮށައް ގުދުވެލާފައި ގޮވައިލިއެވެ. އާކިންއަށް ހޭވެރިކަމެއްވީ ދެނެވެ.

" އަނބި ޤަބޫލު ކުރަން އެބުނީ.." އައްބާސް ތަންކޮޅެއް މަޑުން ބުންޏެވެ. އާކިން ފުންނޭވައެއް ދޫކޮށްލިއެވެ. ނަޖުވާގެ މޫނު ސިފަވެގެން ދިޔަ ހިނދު އާކިންއަށް ހިންދިރުވައިލެވުނެވެ. އުމުރަށް ނަޖުވާ ގެއްލުނީކަން އިހުސާސްވި ހިނދު މެޔަށް ތޫނު ތަދެއް އިހުސާސްވެގެން ދިޔައެވެ.

" އަނބި ޤަބޫލުކޮށްފިން...." އާކިން ހިތްވަރުކޮށްލާފައި ބުންޏެވެ. އެވަގުތު މުޅި ތަން ގުގުމައިގެން ދިޔައީ ހޫނު ތަރުހީބުގެ އަޑުންނެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާއަށް އުފާވެރިކަމެވެ. ރީނާ މުއީންގެ އަތުގައި ހިފަހައްޓައިލި ވަގުތު މުއީންގެ ދެލޮލުން އޮހެން ފެށީ އުފާވެރިކަމުގެ ކަރުނައެވެ. އަނެއްކޮޅުން އައްބާސްވެސް މުއީންގެ ކޮނޑުގައި ފިރުމައިލަމުން ގަޔާ ކައިރިކޮށްލިއެވެ.

ރަން ހަވާލުކުރުމަށްފަހު އަލަތު ކައިވެނީގެ އައު ދެމަފިރިންނަށް މަރުހަބާ ކިޔަމުން ކައިވެނީގެ މަޖިލިސް ނިންމައިލިއެވެ. ގާޒީއާއި އޭނާގެ ޓީމު ގޮވައިގެން މުއީނާއި އައްބާސް ހިނގައިގަތީ ކައިވެނީގެ ވަލިމާ ހަމަޖެހިފައި އޮތް ތަނާ ދިމާލަށެވެ. ގޮނޑިން ތެދުވި ރޫބީ ގައިގައި އެންމެ ފުރަތަމަވެސް ބައްދައިލީ ޒޫނީއެވެ. ރޫބީއަށް މަރުޙަބާ ކިޔާފައި ޒޫނީ ދުރަށްޖެހިލި ވަގުތު ރޫބީއާ ދިމާލަށް އަންނަ ހުޜާޝާ ފެނުނެވެ. ރޫބީގެ ހިތަށް ނުތަނަވަސްކަން ވެރިވެގެން ދިޔައީ އެއްވެސް އިޙްތިޔާރެއް ނެތިއެވެ. ހުރާޝާ އޭނާއާ އަރައި ހަމަކުރުމުގެ ކުރިން ރޫބީ އަނެއްފަރާތަށް އެނބުރެމުން ކައިރީގައި ހުރި ރީނާ ގައިގައި ބައްދައިލިއެވެ.

" މަންމާ! އަހަރެންނަށް ރަނގަޅީ ހުރާޝާ އަހަރެންނާ ވާހަކަ ނުދައްކައިފިއްޔާ.." ރޫބީ މަޑުމަޑުން ރީނާގެ ކަންފަރްދޮށުގައި ބުނެލިއެވެ. ރީނާގެ ތުންފަތްމަތީގައިވާ ހިނިތުންވުން ފަނޑުވީ ރޫބީ އެހެންބުނީ ކޮން ސަބަބަކާހުރެކަން އެނގޭތީއެވެ.

" ﷲއަށް ޓަކައި ބުނަން ރޫބީ.. މިހާރު އެއީ ރޫބީގެ މައިދައިތަ.. ރޫބީގެ ފިރިމީހާގެ މަންމަ.. ހުރާޝާއަކީ ގޯސްމީހެއް ނޫން.. ވެދިޔަ ކަންތައް ހަނދާން ނައްތާލާފަ އާ ފެށުމަކުން ފަށަންވީ ވަގުތު މީ.." ރީނާވެސް މަޑުމަޑުން ބުންޏެވެ. ރޫބީއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ހުރާޝާ އައިސް ރޫބީގެ އަތުގައި ހިފައިލިއެވެ. ހިތާ ދެކޮޅަށް ނަމަވެސް ރޫބީއަށް މަޖުބޫރުވީ ހުރާޝާއާ ދިމާލަށް އެނބުރޭށެވެ.

" އާއިލާއަށް މަރުޙަބާ ރޫބީ.. " ލުއިގޮތަކަށް ރޫބީ ގައިގައި ބައްދައިލަމުން ހުރާޝާ ބުންޏެވެ. ހުރާޝާގެ އެއަމަލުން ރޫބީއަށް އުނދަގޫވިނަމަވެސް އޭނާ ކެތްތެރިވިއެވެ.

" ވެލްކަމް ޓު ދަ ފެމިލީ ރޫބީ... " އަމްރާވެސް ރޫބީ ގައިގައި ބައްދައިލިއެވެ.

" ވަލީމާއަށް މީހުން އަންނަން ފަށައިފި.. ހިނގާދާން.." ހުރާޝާ ރޫބީގެ އަތުގައި ހިފައިލަމުން ބުންޏެވެ. ހުޜާޝާ ރޫބީ ގެންގޮސް އާކިން ކައިރީ ބެހެއްޓުމަށްފަހު ހިނިތުންވެލިއެވެ.

" މާޝާﷲ... މާތް ﷲ ތިދެކުދިންނަށް ރަޙުމަތް ލައްވަވާ މިކައިވެނީގައި ބަރަކާތް ލައްވަވާށި.. އާމީން!" ރޫބީއާއި އާކިންގެ ކޮނޑުގައި ފިރުމައިލަމުން ހުރާޝާ ބުންޏެވެ. އާކިން ހިތާދެކޮޅަށް ނަމަވެސް ހިނިތުންވާން މަސައްކަތް ކުރިއެވެ. ނަމަވެސް ރޫބީއަށް ހުރާޝާގެ ކުރިމަތީގައި ހިނިތުންވާން އުނދަގޫވިއެވެ. ރޫބީ އިސްޖަހައިލީ އޭނާގެ މޫނަށް ވެރިވި ކުލަވަރު ހުރާޝާއަށް ފޮރުވުމަށްޓަކައެވެ.

އެކި ފަރާތް ފަރާތުން ރޫބީއާއި އާކިންގެ ފޮޓޯ ނަގަމުން ދިޔައިރު އާކިން އާއި ރޫބީގެ މޫނުމަތިން ފެންނަމުން ދިޔައީ ފުސްކަމެވެ. ރޫބީ ހުރީ އާކިންގެ މޫނަށް ބަލައިލަންވެސް ނުކެރިފައެވެ. ރޫބީ ކައިރީގައި ހުންނަން ޖެހުމުން އާކިންއަށް ބުނަން ނޭނގޭ އުނދަގޫތަކެއް ވަމުން ދިޔައެވެ. އޭނާއަށް ވެގެން ވާނަމަ ރޫބީ ފެންނަ ހިސާބަށްވެސް ނާންނާނެއެވެ. މިހާރު ރޫބީ އެއީ އޭނާގެ އަނބިމީހާއޭ ހިތަށް އަރާ ކޮންމެ ފަހަރަކު އާކިންގެ ހިތް ރޫބީއަށްޓަކައި ނަފްރަތުން ފުރިގެން ދެއެވެ. ކިތަންމެ ދުވަހަކު ރޫބީ އޭނާގެ އަނތްބެއްގެ މަގާމުގައި ހުއްޓަސް އޭނާގެ ހިތުން ރޫބީއަށް އެމަޤާމު ދޭކަށް އޭނާ ބޭނުމެއް ނޫނެވެ. ރޫބީއަށްޓަކައި އޭނާގެ ހިތުގައިވަނީ ހަމައެކަނި ނަފްރަތެވެ.

ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގެ ދޮށުގައި އިން އަމްރާގެ ނަޒަރު ހުއްޓިފައިވަނީ އާކިން އާއި ރޫބީއަށެވެ. އެދެމީހުންގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުން އެމީހުން ތިބީ އުފަލުން ނޫން ކަމުގައި އަމްރާއަށް އިހުސާސް ވަމުން ދިޔައެވެ. ނޫނީ އެއީ އޭނާއަށް ހީވާ ގޮތްބާއޭ ހިތަށް އަރަމުން ދިޔައެވެ. އަރީކާއި ޒޫނީ އައިސް އެމޭޒު ދޮށުގައި އިށީނީ އަމްރާ އެފަދަ ވިސްނުމަކަށް ގެއްލިފައި އިންދައެވެ.

" ރިކީ! އެމީހުންނަށް ބަލައިލާފައި ހިޔެއްނުވޭތަ އެދެމީހުން ތިބީ ހިތްހަމަނުޖެހިފަހެން..." އަމްރާ އަހައިލިއެވެ. އެވަގުތު އަރީކް އާއި ޒޫނީ، އަމްރާގެ ނަޒަރު ހުއްޓިފައި ދިމާލަށް ބަލައިލިއެވެ.

" ނޫން އަހަރެންނަކަށް ހިޔެއް ނުވޭ.." އެނބުރި އަމްރާއާ ދިމާލަށް ބަލައިލަމުން އަރީކް ބުންޏެވެ.

" ފުރަތަމަ ފަހަރަށް އެކަހަލަ ކަމެއް ތަޖުރިބާ ކުރަން ޖެހުނީމަ އާވެފައި ކަންނޭނގެ އެތިބީ.." ޒޫނީ އޭނާއަށް ހީވާގޮތް ހާމަކުރިއެވެ.

" އެކަމަކު ތިދެމީހުންގެ ވެޑިން ރޭގައި ނުލާހިކު މަޖާ.. ގޮތްގޮތަށް ފޮޓޯ ނަގަ ނަގާފައި ކިހާ މަޖާ އެޕާޓީ.." އަމްރާ ބުންޏެވެ.

" އަހަރުމެން ކުރީ ލަވް މެރިޖެއްނު.. އެރޭންޖްޑް މެރިޖެއްވީމަ އެހެންވެދާނެ.." ޒޫނީ ބުންޏެވެ. ޒޫނީ އާ ބައިވެރިވުމުގެ ގޮތުން އަރީކްވެސް ބޯޖަހައިލިއެވެ. އަމްރާ އެކަމާ ވަކި އެއްޗެއް ނުބުނެއެވެ. ނަމަވެސް އާކިން އާއި ރޫބީ ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތަށް ވެރިވާ ނުތަނަވަސްކަން ފިލައިގެން ނުދެއެވެ.

**************

މެހެމާނުންތައް މަދުވަމުން ގޮސް އެއްކޮށް ޕާޓީ ނިމުނުއިރު ރޭގަނޑު އެގާރަ ޖަހަން ގާތްވެއްޖެއެވެ. އެއަށްފަހު ދެއާއިލާގެ މީހުން އެއްމޭޒެއްގެ ދޮށުގައި ތިބެ ކެއުމަށް އިންސާފުކުރަމުން ދިޔައެވެ.

" މިރޭ ފަތިހުގެ ފްލައިޓުން މާލެ ދާން ފުރަން ޖެހޭ.... އެހެންވީމަ ހުރިހާ ކުދިންވެސް ތައްޔާރުވެގެން ތިބޭތި.." އައްބާސް ބުންޏެވެ.

" ވަޓް..؟ އެހާ އަވަހަށް... އަދި ހަފްތާއެއް ފަހުންނެއްނު ފުރުން އޮތީ.. " އަމްރާ ހައިރާންވެފައި ބުންޏެވެ.

" ކުރިން އޮތީ ހަމަ ތިގޮތަށް.. އެކަމަކު މާދަން އެޓެންޑް ވާން ޖެހޭ ވަރަށް މުހިންމު މީޓިންއެއް އޮތީމަ ދާން އެބަޖެހޭ.. ރިކީއާއި އާކި ސައިން ކުރަންޖެހޭ މުހިންމު ލިޔެކިޔުންތަކެއް ހުރީމަ ތިކުދިން ބަހައްޓާފައި ދެވޭކަށްވެސް ނެތް... މީޓިންގައި ވެސް ރިކީއާއި އާކި ތިބުން ވަރަށް މުހިންމު.. " އައްބާސް ބުންޏެވެ. އަރީކް ބޯޖަހައިލީ އެއީ ކުރިން އޭނާއަށް އެނގިފައި އޮތް ކަމަކަށް ވާތީއެވެ.

"އައި ކާންޓް ވެއިޓް ޓު ގެޓް ބެކް ޓު ވަރކް.." އާކިން ބުނެލިއެވެ.

" ނޯ އާކީ.. އާކި އެޓެންޑް ވާނީ ހަމައެކަނި މީޓިންގްއަށް.. އެވެސް ވަރަށް މުހިންމު ވީމަ.. އޭގެފަހުން އާކިއަށް ޓޫ މަންތްސް ލީވްއެއް ދީފަ އިންނާނީ.. " އައްބާސް ބުންޏެވެ. އާކިން ހިތްހަމަނުޖެހުނު ނަމަވެސް އެންމެން ތެރޭގައި އެއްޗެކޭ ބުނާކަށް ނުކެރުނެވެ.

އެންމެ ބޮޑު ހާސްކަމެއް ލިބެމުން ދިޔައީ ރޫބީއަށެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާގެ މައިންބަފައިން ދޫކޮށް ފުރަން ޖެހޭތީ އޭނާ ކަންބޮޑުވިއެވެ. އެއީ އެއްގޮތަކަށްވެސް އޭނާ ބޭނުންވާ ކަމެއް ނޫނެވެ. އެހެންނަމަވެސް މީހަކާ އިނުމަށްފަހު އޭނާ އުޅެން ޖެހޭނީ ފިރިމީހާ ދެއްކި ތަނެއްގައިކަން އެއީ ޤަބޫލުކުރަން ޖެހޭ ހަޤީގަތެކެވެ. ރޫބީއަށް ބަލައިލެވުނީ މުއީންއަށެވެ. އެވަގުތު އޭނާގެ ދެލޯ ފުރިގެން އައެވެ. އެފަދަ ޙާލަތެއްގައި މުއީން ދޫކޮށްލާފައި ދާކަށް އަމުދުން ރޫބީގެ ހިތެއް ނޭދެއެވެ.

" އައްދެ.. ރޫބީ ރޮނީތަ؟... " ރޫބީ ކައިރީގައި އިން ޒޫނީ ބުންޏެވެ. އެއަޑަށް އާކިން ފިޔަވައި އެތާތިބި އެންމެންގެ ނަޒަރު ރޫބީއަށް ހުއްޓުނެވެ. އިހުސާސްތައް ކޮންޓްރޯލް ނުކުރެވި ރޫބީގެ ލޮލުން ފޭބި ކަރުނަތައް އޭނާގެ ދެކޯތާފަތް ތެންމައިލިއެވެ. އިންތަނުން ތެދުވެގެން ހެދުން ކުޑަކޮށް މައްޗަށް ނަގައިގެން ދުވަމުން ގޮސް ރޫބީ ގޭތެރެއަށް ވަނެވެ.

" ފުރާ ވާހަކަ ދެއްކީމަ މާބޮޑަށް ދެރަވީ ކަންނޭނގެ..." ރޫބީ ދިޔަ ދިމަލާށް ބަލަހައްޓައިގެން އިނދެފައި ހުރާޝާ ބުންޏެވެ.

" އަހަރެން އެބައަންނަން ބަލައިލާފައި .." އިންތަނުން ތެދުވެ ހިނގައިގަންނަމުން ރީނާ ބުންޏެވެ. ރީނާގެ ފަހަތުން މުއީންވެސް ހިނގައިގަތެވެ.

' އެޓެންޝަން ސީކަރ.. ' ހިތާހިތުން އާކިން ކިޔައިލިއެވެ.

' އަހަރެންގެ ނަޖް ކޮބައިބާ.. އެކަކުވެސް ނަޖްގެ ނަންވެސް ނުގަނޭ.. ކޮބައިތޯވެސް ބަލައިނުލާ..' އަނެއްކާވެސް އާކިންގެ ހިތްބުނެލިއެވެ.

" ކޮބާތަ މިގޭ އުޅޭ އަނެއްކުއްޖާ.. އައި މީން ނަޖުވާ... ނުފެންނަތާ ތިން ވަރަކަށް ދުވަސް ވެދާނެކަންނޭނގެ ދޯ.." އަމްރާ އެވަގުތު ބުނެލިއެވެ.

" އާނ.. އަހަރެންނަކަށްވެސް ނުފެނޭ.. އެއީ ރޫބީގެ ބެސްޓީއެއް ނޫންތަ؟ ރޫބީއަށް މިހާ ހާއްސަ ރެއެއްގަ ކީއްވެބާ އެމަންޖެ ނެތީ؟" ޒޫނީވެސް ބުނެލިއެވެ.

" އޭނާ މަންމަ ގޮތަށް ފިލައިގެން ދިޔައީ ކަންނޭނގެއެއްނު.." މަލާމާތުގެ ރާގަކަށް ހުރާޝާ ބުންޏެވެ. އާކިންގެ ދަތްތަކަށް ބާރުވެގެން ދިޔައީ އެއްވެސް އިޙްތިޔާރަކާނުލައެވެ. ހުރާޝާ ނޫން އެހެންމީހަކު ނަމަ އޭނާ ޖަވާބު ދިނީސްކަން ކަށަވަރެވެ.

" ހުރާޝާ.. އަހަރެން ބުނީމެއްނު ތިގޮތަށް ވާހަކަ ނުދައްކާށޭ.." އައްބާސް ހިތްހަމަނުޖެހިފައި ބުންޏެވެ. ހުރާޝާ ވަކިއެއްޗެއް ނުބުނެ ކެއުމައިގެން ކުރިއަށް ދިޔައެވެ.

އިރުކޮޅަކުން ރީނާއާއި މުއީން ދެފަރާތުގައި ތިބެގެން ރޫބީ ގޮވައިގެން އައިސް އާކިން ކައިރީގައި ބޭންދިއެވެ. އާކިންއަށް ލިބުނީ އިތުރު ފޫހިކަމެކެވެ. ދެއްކުންތެރި އަންހެނެކޭ ހިތަށް އެރިއެވެ. އެއަށްފަހު ރީނާއާއި މުއީންގޮސް އެމީހުން ތިބި ގޮނޑީގައި އިށީނެވެ.

" އައްބާސްމެންގެ، ޙާއްސަކޮށް އާކިންގެ މައްސަލައެއް ނެތިއްޔާ މިރޭ ރޫބީ މިގޭގަ މަޑުކުރިޔަސް އެންމެ ރަނގަޅުތަ؟" ރޫބީގެ އެދުން އެންމެންގެ ކުރިމަތީގައި ފާޅުކުރީ މުއީނެވެ.

" އަހަރެމެންނަށް އެއްވެސް މައްސަލައެއް ނެތް.. ނޫންތަ ދަރިފުޅާ.." އާކިން އަށް ބަލައިލަމުން އައްބާސް ބުންޏެވެ.

" އަހަރެންނަށް ރަނގަޅީ ތިއަންހެނާ އެއްގޮތަކަށްވެސް ނައިއްޔާ..." އެބަސްތައްވީ އާކިންގެ ހިތުގައެވެ. އޭނާ ވަކި އެއްޗެއް ނުބުނެ ހަމަ އެކަނި ބޯޖަހައިލިއެވެ.

***************

މެންދަމުން އަނބުރާ ދެގަޑި ބައިވިއިރުވެސް ރޫބީއަށް އޮތީ ނުނިދިފައެވެ. މުއީން އާއި ރީނާ އެނދުގައި ތިބިއިރު ރޫބީ އޮތީ ތިރީގައި ގޮދަޑިއެއް އަޅައިގެންނެވެ. އޭނާގެ ގޮދަޑި ކައިރީގައި ދަތުރަށް ތައްޔާރު ކުރެވިފައިވާ އޭނާގެ ފޮށި ހުއްޓެވެ. އެފޮއްޓަށް ބަލައިލެވޭ ކޮންމެ ފަހަރަކު އޭނާގެ ހިތަށް ވެރިވަނީ ނުތަނަވަސް ކަމެކެވެ. މުއީން އާއި ރީނާ ނިދީތޯ ޔަގީންކޮށްލުމަށްޓަކައި ރޫބީ ބޯދިއްކޮށްލާފައި ބަލައިލިއެވެ. އެދެމީހުން ތިބީ ގަދަ ނިދީގައި ކަން ޔަގީން ވުމާއެކު ރޫބީ އޮތްތަނުން ތެދުވިއެވެ. ބާލީސް ކައިރީގައި އޮތް ފޯނު ހިފައިގެން ގޮދަޑިމަތިން ތެދުވެގެން މަޑު ފިޔަވަޅުތަކެއް އަޅަމުން އޭނާ ގޮސް ކޮޓަރިން ނިކުތެވެ. ރޫބީގެ މިސްރާބު ހުރީ ގެއިން ނިކުތުމަށެވެ. ވަކި ހިސާބަކަށް ގޮސްފައި ރޫބީ ހުއްޓުނެވެ. އޭނާ ބަލައިލީ އޭނާ އާއި ނަޖުވާގެ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރާ ކައިރިވެލަމުން އޭނާ ތަޅުގައި ހިފައިލިއެވެ. ނަމަވެސް ހުޅުވާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ފުރުމުގެ ކުރިން ނަޖުވާއާ ބައްދަލުކޮށްލަން ބޭނުންވިޔަސް ނަޖުވާގެ ކުރިމައްޗަށް އަރާނީ ކޮންމޫނަކައިގެން ހެއްޔެވެ؟ ރޫބީ ތަޅުފަތުން ދޫކޮށްލުމަށްފަހު ދުރަށް ޖެހުނެވެ. އަނެއްކާވެސް އޭނާ މިސްރާބު ޖެހީ ގެއިން ނިކުތުމަށެވެ. ގޭތެރެއިން ނިކުތުމަށްފަހު ފައިވާނަށް އަރައިގެން ގޮސް ގޭގެ ދޮރުވަށި ހުޅުވާލާފައި ބޭރަށް ނިކުތެވެ. މުޅި ހިސާބަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ. ފަންޏެއް ރޯލާ އަޑުވެސް އެހިސާބުން ނީވެއެވެ. އެއްވެސް ޖެހިލުމެއް ނެތި ރޫބީ މަގު އޮތްގޮތަށް ކުރިއަށް ހިނގައިގަތެވެ. އާންމު ކޮށް ސައިފްއާއި ބައްދަލު ކުރަން ދާ މަގުން އޭނާ ކުރިއަށް ދިޔައިރު ދެލޮލުން އޮހެމުން ދިޔައީ ހޫނު ކަރުނައެވެ. ރަށުގެ ތުނޑިއާ އަރާ ހަމަވީއިރު ދޮންވެލިގަނޑަށް ރާޅުބީއްސާ ހިތްގައިމު އަޑުއިވެން ފަށައިފިއެވެ. ގަސްތަކުގެ ތެރެއިން ވަދެގެން ތުނޑިއަށް ނިކުތް ރޫބީއަށް ހުއްޓެވުނެވެ. އޭނާ ހަނދާންވީ އޭނާގެ އިންތިޒާރުގައި އެތަނުގައި ސައިފް ހުންނަ ގޮތެވެ. އަނެއްކާވެސް ކުރިއަށް ދަމުން ރޫބީ ހުއްޓުނީ ރާޅުޖަހާ ފަށުގައެވެ. މޫދުން ނަގާ ކުދި ރާޅުތައް އޭނާގެ ފައި ތެންމަމުން ދިޔަ ނަމަވެސް އޭނާގެ ފަރުވާލެއް ނެތެވެ. ޖެހޭ މަޑު ވައިރޯޅިތައް އެއްވެސް ހުރަހެއް ނެތި އޭނާގެ ހަށިގަނޑުގައި ބީހެމުން ދިޔައެވެ. ނަމަވެސް އެކަމުން އޭނާގެ ހިތަށް އެއްވެސް ހަމަޖެހުމެއް ނުލިބެއެވެ.


ނުނިމޭ.... ވާހަކައިގެ އާ ބައެއް، އިންޝާﷲ، ނުވައެއް، ނޮވެމްބަރު ވާ އަންގާރަދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް