ކޮޅަށް ހުރެ ކެއުމުން ފަލަވުމަށް މަގުފަހިވޭ!

ކޮޅަށްހުރެ ކެއުމުން ފަލަވާން މަގުފަހިވާކަމަށް ޔޫކޭގެ ޔުނިވާސިޓީ އޮފް ސުރީ އިން ހެދި ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާއިން ދައްކާގޮތުގައި ކޮޅަށްހުރެ ކެއުމުން އެކާއެއްޗަކީ ލުއިކާނާއެއްގެ ގޮތުގައި ތ...

08 Nov 2017 | 22:01

ކޮޅަށްހުރެ ކެއުމުން ފަލަވާން މަގުފަހިވާކަމަށް ޔޫކޭގެ ޔުނިވާސިޓީ އޮފް ސުރީ އިން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާއިން ދައްކާގޮތުގައި ކޮޅަށްހުރެ ކެއުމުން އެކާއެއްޗަކީ ލުއިކާނާއެއްގެ ގޮތުގައި ތިމާއަށް ބެލެވެއެވެ. އަދި އިށީންދެގެން އިނދެ ކާއިރު ކާއެއްޗެއްސަށް ސަމާލުކަންދެވި ބޮޑު ނާސްތާއެއް ކުރެވުނުކަމަށް ވިސްނި، ބަނޑު ފުރުމުގެ އިހުސާސް ގެނެސްދޭކަމަށް މި ދިރާސާއިން ވަނީ ދައްކާފައެވެ. އަދި މިހެން އިހުސާސް ކުރެވުމުގެ ސަބަބުން ދެން އިތުރު ކާއެއްޗެއް ކާވަގުތު ފަސްކޮށްލެވި ކާމިންވަރު މަދުވެގެންދެއެވެ.

މީގެ އިތުރުން ކާއިރު ބޭނުންކުރެވޭ ތައްޓާއި އުލާއި ސަމުސަލުގެ ބާވަތުންވެސް ފަލަވާން މެދުވެރިވާކަމަށް މިދިރާސާއިން ވަނީ ދައްކާފައެވެ. ޕްލާސްޓިކް ތައްޓާއި އުލާއި ސަމުސަލުން ކެއުުމުގެ ސަބަބުން އެކެވެނީ ލުއިކާނާއެއް ކަމުގައި ވިސްނި އަދި އިތުރަށް ކެއުމަށް މަގުފަހިވެގެންދެއެވެ. އަދި ދަގަނޑު އުލާއި ސަމުސަލާއި ބިއްލޫރި ތަށީގައި ކެއުމުން އެކުރެވެނީ ނާސްތާއެއްކަމުގައި ވިސްނި ބަނޑުފުރޭކަމުގެ އިހުސާސް ކުރެވޭ ކަމަށް މިދިރާސާއިންވަނީ ދައްކާފައެވެ.

ޔުނިވާސިޓީ އޮފް ސުރީ މި ދިރާސާ ހަދާފައިވަނީ ކާއިރު މީހާ ހުންނާ ހާލަތާއި ކުރާ ކަންކަމާއި ކާތަކެއްޗާއި މެދު ވިސްނޭގޮތާއި އޮންނަ ގުޅުން ދެނެގަތުމެވެ. މި ދިރާސާއިން ދައްކާ ނަތީޖާގެ ސަބަބުން ފޯނާއި ކުޅެމުން ނުވަތަ ޓީވީ ބެލުން ފަދަ ކަންކަން ކުރަމުން ކެއުމުގެ ސަބަބުންވެސް ފަލަވާން މަގުފަހިވާނެކަމަށް ލަފާކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް