45 އަހަރުން ދަށުގެ އަންހެނުންނަށް މަހްރަމަކާ ނުލައި އުމްރާއަށް ނުދެވޭ ގޮތް ހަދައިފި

45 އަހަރުން ދަށުގެ އަންހެނުން މަހުރަމަކާ ނުލައި އުމްރާއަށް ނުގެންދެވޭގޮތަށް ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލެއް އެކުލަވާލައިފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ސަރުކާރުގެ ގެޒެޓުގަ...

09 Oct 2024 | 14:34

45 އަހަރުން ދަށުގެ އަންހެނުން މަހުރަމަކާ ނުލައި އުމްރާއަށް ނުގެންދެވޭގޮތަށް ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލެއް އެކުލަވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އުސޫލުގައި ބުނެފައިވަނީ މީހުން އުމްރާއަށް ގެންދާ ފަރާތްތަކާއި، އުމްރާވެރީންގެ ހައްގުތައް ހިމާޔަތްކޮށް އުމްރާއަށް ދާން ބޭނުންވާ ދިވެހި ރައްޔިތުންގެ ފައިސާ ރައްކާތެރިކަމާއިއެކު ބެލެހެއްޓޭނެ ގޮތްތަކާއި، ފެންްވަރު ރަގަނޅު ހިދުމަތްތައް ލިބޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ މަގްސަދުގައި އެކުލަވާލައިފަވާ އުސޫލެއް ކަމަށެވެ.

އަދި އުމްރާގެ ޚިދުމަތްތައް ދޭ ކުންފުނިތަކުގެ އުމްރާގެ ހިދުމަތްތަކާއި ގުޅޭ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމަކީ އެ އުސޫލުގެ މަގްސަދެއް ކަމުގައި ވެސް ބަޔާން ކޮށްފައިވެއެވެ.

އެގޮތުން އެ އުސޫލުގައި ބުނެފައިވަނީ އުމުރުން45 އަހަރު ހަމަނުވާ އަންހެނުން މަހުރަމަކާ ނުލައި އުމްރާއަށް ގެންގޮސްގެން ނުވާނެ ކަމަށެވެ. އަދި18 އަހަރުނުވާ ފިރިހެންކުދިން ބެލެނިވެރިއަކާއި ނުލައި އުމްރާއަށް ގެންގޮސްގެން ނުވާނެ ކަމަށް ވެސް އެ އުސޫލުގައި ވެއެވެ.

މީގެއިތުރުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ނުވަތަ ސިއްހީ ގޮތުން އުމްރާގގެ އަޅުކަން އަދާކުރުމަށް ކުޅަދާނަ ވެގެންނުވާކަމަށް ކުންފުންޏަކަށް ފެންނަ ފަރާތެއް އެހީތެރިއަކާއި އެކު ގެންދާގޮތަށް ނަމަވެސް އެ ފަރާތަށް އުމްރާގެ އަޅުކަން އަދާކުރެވޭނެކަމަށް ދިވެހި ސަރުކާރު ގަބޫލުކުރާ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ދޫކޮށްފައިވާ ލިޔުމަކާއި އެކު ނޫނީ އުމްރާއަށް ނުގެންދިޔުމަށްވެސް އިރުޝާދު ދެއްވާފައި ވެއެވެ.

އަދި ހިދުމަތްތަކާއި އެކަށީގެންނުވާ އަގެއް އުމްެރާއަށް ދާ ފަރާތްތަށް އަތުން ނުނެގުމަށް ވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް