އަޖްހަދު މުހައްމަދު: ދިވެހި ދަރިއެއް އިންޑިއާގައި ތާށިވެފައި ހުންނަތާ 13 އަހަރު – ހަތަރު ވެރިކަން ނިމުނު އިރު އިންސާފު ނުލިބުނު !

އެންމެ ފުރަތަމަ ތިރީގައި މި ހިމަނާލަނީ މިކަމުގެ ފަސްމަންޒަރު ދުވަސް ނޫހާ ހިއްސާ ކުރުމަށް، ގދ. ތިނަދޫ، އަޖުހަދު މުހައްމަދު ހިއްސާކުރި ބައެއް މައުލޫމާތެވެ. "ދިވެހި  ދަރިޔަކަށްވެ  ހުރެ،  2012  ވަނަ  އަހަ...

09 Oct 2024 | 06:09

އެންމެ ފުރަތަމަ ތިރީގައި މި ހިމަނާލަނީ މިކަމުގެ ފަސްމަންޒަރު ދުވަސް ނޫހާ ހިއްސާ ކުރުމަށް، ގދ. ތިނަދޫ، އަޖުހަދު މުހައްމަދު ހިއްސާކުރި ބައެއް މައުލޫމާތެވެ.

"ދިވެހި  ދަރިޔަކަށްވެ  ހުރެ،  2012  ވަނަ  އަހަރު  ކަންފަތެއްގައި  ރިއްސާ،  އެކަންފަތަށް  އަޑު  ނީވޭތީ  އަޅުގަނޑު  އަޖްހަދު  މުޙައްމަދު  ،  އައ.ޑީ.ކާޑު  ނަންބަރ    (A304343)އިންޑިޔާއަށް  އައީ  ޑޮކްޓަރަށް  ދައްކާށެވެ.  ނަމަވެސް  އެދަތުރުގައި  އިންޑިޔާގައި  24  ގަޑިއިރު  ނުވަނީސް  ވާނުވާނޭނގޭ  ނުކުރާ  ކުށެއްގައި  ބެދި  މިއަދާއި  ހަމައަށް  މިހުރީ  ރާއްޖެ  ނުދެވި  އިންޑިޔާގައެވެ.

މިމައްސަލައިގާ  ކަންހިނގިގޮތް  ކުރުގޮތަކަށް  ބަޔާންކޮށްލާނަމެވެ.  އެއީ  2012  ވަނަ  އަހަރުގެ  ފެބްރުއަރީމަހުގެ  ފަސް  ވަނަ  ދުވަހުގެ  ހަވީރު  ވަގުތެވެ.   އަޅުގަނޑުގެ  ޢުމުރުން  އޭރު  23  އަހަރެވެ.  އިންޑިޔާއަށް  ޑޮކްޓަރަށް  ދައްކަން  އައިސް  އިންޑިޔާގެ  އެއަރޕޯޓަށް  ފޭބިތަނުން  އަޅުގަނޑުގެ  އެހީތެރިއެއްގެ  ގޮތުގައި  ދިމާވީ،  އަޅުގަނޑުގެ  ޅިޔަނެއްގެ  އިންޑިޔާ ރައްޓެއްސެކެވެ.  އޭނައާއިއެކު  ހޮޓަލެއްގައި  އެރޭ  ނިދާފަ،  ހޭލާ  އަނެއްދުވަހު  ހެނދުނުގެ  ވަގުތު  ހޮޓަލުގެ ލޮބީގައި  އަޅުގަނޑު  އިންދާ  ސިފައިންގެ  ބަޔަކު  ބޭރުން  މީހަކު  ގޮވައިގެން  އައިސް  އަޅުގަނޑުމެން  ތިބި  ކޮޓަރި  ޗެކުކޮށް  ބޭރުން  އައި  މީހާ  އަތުން  ޑްރަގު  ފެނިގެން  އަޅުގަނޑުގެ  އެހީތެރިޔާއާއި  އެމީހާ  ގެންދަމުން  އެމީހުންގެ  ބަހަށް  އަޅުގަނޑު  ޖަލަށް  ގެންދިޔައެވެ.  އަދި  އަޅުގަނޑަށް  ވާނުވާނޭނގި  ހުއްޓާ  އިންޑިޔާގެ  ކަރުނަޓަކާ  ބަހުން  ލިޔެފައިވާ  ލިޔުމެއްގައި  މަޖްބޫރުން  ސޮއިކޮށް  ކޯޓަށްގޮސް  ބަހެއް  ނުބުނުމަށް  ބުނެ  ކޯޓަށް  ގެންގޮސް  މުއްދަތެއް  ނެތްގޮތަށް  ޖަލުގައި  ބަންދުކުރިއެވެ.

ޖަލުގައި  ހުއްޓާ  މައްސަލައިގެ  ރިޕޯޓް  އައިއިރު،  އޭގައި  ބަޔާންކޮށްފައިވާ  ގޮތުން  އަޅުގަނޑު  މައްސަލައިގާ  ބަންދުކުރީ  އަޅުގަނޑަކީ  އިންޑިޔާއިން  ޑުރަގް  ހިފައިގެން  ރާއްޖެދާން  އައި  މީހާގެ  ގޮތުގައި  ބަލާފައެވެ.  އެއަށްފަހު  30.04.2013  ގައި  މައްސަލަ  ދަށުކޯޓުން  އިސްތިޢުނާފުކޮށް  އާއިލާއިން  ފައިސާ  ދައްކައިގެން  ކަފާލާތުގެ  ދަށުން  ޖަލުން  ނެރުނެވެ.  ނަމަވެސް  ރާއްޖެ  ނުދެވި  އިންޑިޔާގައި  ހުއްޓާ،  މިމައްސަލައިގާ  ހިމެނޭ  ކުރީ  ދެންނެވި  ޑްރަގު  ގެންގުޅުނު  މީހާ  ޑްރަގުގެ  އެހެން  މައްސަލައެއްގައި  ބެދުމާއިއެކު،  ކުރީގެ  މައްސަލައަކީވެސް  ސާބިތުވާ  މައްސަލައެއް  ކަމަށް  ބަލާ،  އިންޑިޔާގެ  ދެމީހުންނާއިއެކު  އަޅުގަނޑަށްވެސް  ޖަލަށް  ހުކުމްކުރިއެވެ.

އެއަށްފަހު  ޖަލުގައި  ހުއްޓާ  އަޅުގަނޑަށް  ޓީބީ  ޖެހިގެން  ބަލި  ޙާލަތު  ހުރިގޮތުން  ޖަލުގައި  ބަހައްޓާ  ފަރުވާދެވެންނެތުމާއިއެކު  މައްސަލަ  އިސްތިޢުނާފުކޮށް  ބައްޔަށް  ފަރުވާ  ކުރުމަށް  25.10.2016  އަޅުގަނޑުގެ  ޢާއިލާއިން  ކުރި  މަސައްކަތުން  އަޅުގަނޑު ޖަލުން  ނެރުނެވެ.  އެދުވަހުން  ފެށިގެން  މައްސަލައިގެ  އިތުރު  އަޑު  އެހުމެއް  ކުރިޔަށް  ނުގޮސް،  މައްސަލަ  ނުނިމި،  މިއަދާއި  ހަމައަށް  އަޅުގަނޑު  މިހުރީ  ރާއްޖެ  ނުދެވިފައެވެ.  ހިތާމައާއިއެކު  ދަންނަވަން  ޖެހެނީ  ދިވެއްސަކަށްވެ،   ނުކުރާ  ކުށެއްގައި  ބެދި  ރާއްޖެ  ނުދެވި  ބޭރުގައުމެއްގައި  ޙާލު  ޖެހި،   ހައްޔަރުވެފައި   ހުންނަތާ  މިވަނީ  13  އަހަރެވެ.

ދިވެއްސަކަށްވެ  ހުރެ،   އަޅުގަނޑުގެ  މައިންބަފައިންނާއި  އަނބިމީހާއާއި  ދަރިން  ތިބިއިރު،  އެމީހުންނާއި  ދުރުގައި،  ނުކުރާ  ކުށެއްގައި  ބެދި  ބޭރު  ގައުމެއްގައި  އެއްވެސް  ޙިދުމަތެއް  ނުލިބި  މިހޭދަކުރާ  ދުވަސްތަކަކީ  ހިތްދަތި  ވޭންހުރި  ދަތި  ދުވަސްތަކެކެވެ.  މިވަގުތު  އަޅުގަނޑު  ދިރިމިއުޅެނީ  އިންޑިޔާއަށް  ޑޮކްޓަރަށް  ދައްކަން  އަންނަ  ދިވެހި  ރައްޔިތުންނަށް  ޑޮކްޓަރަށް  ދެއްކުމުގައި  އެހީތެރިވެދީގެން  ލިބޭ  މަދު  ފައިސާ  ކޮޅަކަށެވެ.  މީހަކު  ޑޮކްޓަރަށް  ދައްކަން  ނުލިބޭ  ހާލަތުގައި  މިހުންނަނީ  ނުކައި  ނުބޮއެވެ.  ނިދަނީ  އިންޑިޔާގެ  ރައްޓެއްސަކު  ކުއްޔަށް  ދިފައިވާ  ކުޑަކުޑަ  ކޮޓަރިއެއްގައެވެ. "

އަޖުހަދަށް އިންސާފު ނުލިބި ހަތަރު ސަރުކާރު ނިމިދިޔައިރުވެސް ކޮންމެ ފާއިތުވި ކޮންމެ ސަރުކާރަކަށްވެސް އަޖުހަދުގެ އާދޭހުގެ ސިޓީތައް ވަނީ ފޮނުވާފައެވެ. އެ ސިޓީތަކާއި އެ ސިޓީތަކުގެ ޖަވާބުތައް ދުވަސް ނޫހާ އަޖުހަދު ހިއްސާކޮށްފައިވެއެވެ.

ރައީސް އޮފީހަށް ސިޓީ ފޮނުވުމުން އެއް ސަރުކާރަކުން ތިޔައީ ފޮރިން މިނިސްޓްރީން ބަލަންޖެހޭ ކަމެއް ކަމަށްބުނެ ޖަވާބު ދެއެވެ. އިންޑިއާގައި ގާއިމްކޮށްފައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ދާ ކޮންމެ ފަހަރަކުވެސް މައްސަލަ އެބަ ބަލާކަމަށްބުނެ އަނބުރާ ފޮނުވާލަނީއެވެ. އެހެންނަމަވެސް ފާއިތުވި 13 އަހަރުގެ ތެރޭގައިވެސް އަޖުހަދަށް އިންސާފެއް ލިބިފައެއް ނުވެއެވެ.

އަޖުހަދު މިހާރު ވަނީ މި ސަރުކާރަށްވެސް، ރައީސް އޮފީހަށް ސިޓީ ފޮނުވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބެންގަލޫރުގައި ތިބި ދިވެހިންނާއި ބައްދަލުކުރައްވާނެ ކަމުގެ މައުލޫމާތު ލިބުމުން އަޖުހަދު މިއަދު އެ ހުންނަނީ ރައީސާއި އިންޑިއާއިން ބައްދަލުވެ އޭނާގެ ތަކުލީފާއި ހާލަތާއި އުފުލި ވޭނުގެ ވާހަކަ ރައީސާ ހިއްސާ ކުރުމަށް ތައްޔާރަށެވެ. އަޖުހަދު އުންމީދު ކުރަމުން އަންނަނީ 13 އަހަރާ ހަތަރު ސަރުކާރު ނިމިގެންދިޔައިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އިންސާފު ލިބި ރާއްޖެ އެނބުރި އާއިލާގެ ކައިރިއަށް އާދެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް