ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޚިޔާނާތުގެ މައްސަލައިގާ ތުހުމަތު ކުރާ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އޭނާ އަމީން އެވެނިއު އިން ނަގާފައިވާ ދެ އެޕާޓްމަންޓް މިރޭ ފުލުހުންނާއި ހަވާލުކޮށްފިއެވެ.
މިކަން ހާމަކުރަމުން ފުލުހުން ދެންމެ ބުނެފައިވަނީ ހުޅުމާލެ ލޮޓް ނަމްބަރު އެން 2 – 25 ގެ ބްލޮކް އޭގެ ނަމްބަރު އޭ1205 އަދި އޭ1206 އެޕާޓްމަންޓް މިރޭ 12:00ގައި ފުލުހުންނާ ހަވާލުކޮށްފައިވާކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބުނެފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޚިޔާނާތުގެ މައްސަލައިގާ ތުހުމަތު ކުރެވޭތީ ބައްސާމްގެ މިލްކިއްޔާތުގައިވާ، ހުޅުމާލެ، އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް މިއަދުގެ ކުރިން ފުލުހުންނާ ހަވާލުކުރަން ސެޕްޓެމްބަރު 28ގައި ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.
އޭގެ ފަހުން ބުނެފައިވަނީ އެޕާޓްމަންޓްތައް ހަވާލުކުރުން އޮކްޓޯބަރު 31 ވަނަ ދުވަހާ ހަމައަށް މުއްދަތު ދިނުމަށް ބައްސާމްގެ ވަކީލުގެ ފަރާތުން ސިޓީއަކުން އެދިފައިވާކަމަށެވެ.
އަދި އެއަށްފަހު އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމުގެ ގޮތުން އެ ފުރުސަތު ދޭންވެސް ފުލުހުން ނިންމިއެވެ. އެހެންނަމަވެސް ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވި އެ މައްސަލައިގާ ފުލުހުން ފަހުން ނިންމީ މުހުލަތު ދޭން ނިންމި ނިންމުން ބާތިލުކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް