އާންމު ރައްޔިތުންނަށް ބެލުމެއްނެތި އިޒްރޭލުން ގާޒާއަށް ދޭ ކޮންމެ ބޮމުގެ ހަމަލާއަކަށް އިޒްރޭލުގެ ރަހީނަކު ކަތިލާނެކަމުގައި ހަމާސް ޖަމާއަތުގެ އަލް-ގައްސާމް ބްރިގޭޑުން ބުނެފިއެވެ.
އެ ބްރިގޭޑްގެ ތަރުޖަމާން އަބޫ އޮބެއިދާ މި އިންޒާރު ދީފައިވަނީ އިޒްރޭލުން ގާޒާގެ އާންމުންނަށް ބެލުމެއްނެތި ބޮމުގެ ހަމަލާތައް ދޭން ފެށުމުންނެވެ.
އޭނާ ބުނެފައިވަނީ ކުށެއްނެތް އާންމުންނަށް ދެން ދެވޭ ކޮންމެ ހަމަލާއެއްގެ ނަތީޖާއަކަށްވާނީ ރަހީނަކު ކަތިލުން ކަމަށެވެ.
ހަމާސްއިން މިހެން ބުނެފައިވާއިރު ހަމާސްގެ އަތް ދަށުގައި އިޒްރޭލަށް ނިސްބަތްވާ 100 އަށްވުރެ ގިނަ ރަހީނުން އެބަ ތިއްބެވެ. މިރޭ އިޒްރޭލުންވެސް ވަނީ އެކަން ހާމަކޮށްފައެވެ.
ހަމާސް އެ ފަރާތްތައް ރަހީނުކޮށްފައިވަނީ ގާޒާގެ ތެރޭގައެވެ.
ހަމާސް އިން މި އިންޒާރު ދިން ނަމަވެސް އިޒްރޭލުގެ ފޮރިން މިނިސްޓަރު އެލީ ކޮހެން މިރޭ ބުނެފައިވަނީ އެ ރަހީނުން ތިއްބަސް ހަމަލާތައް ދިނުން ނުހުއްޓާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް