ޕަބްލިކް ސްޕީކިންގެ ހުނަރުތަކާއި އުކުޅުތައް ދަސްކޮށްދީ އެކަމުގެ ގާބިލްކަން އިތުރުކޮށްދޭ ޓްރެއިނިން ޕްރޮގްރާމެއް އަންނަ ނޮވެމްބަރު ހަތަރުވަނަ ދުވަހު މާލޭގައި ބާއްވަން ރެޒުމޯ މޯލްޑިވްސް އިން އިއުލާންކޮށްފި އެވެ.
މި ޓްރެއިނިން ނަންގަވައިދެއްވާނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެތައް ޕްލެޓްފޯމްތަކެއްގައި ޕަބްލިކް ސްޕީކަރެއްގެ ގޮތުގައި މަޝްހޫރުކަން ހޯއްދަވާފައިވާ އެ ދާއިރާގެ ތަޖުރިބާކާރު އަފީފް ހުސެއިން އެވެ.
ވާހަކަދެއްކުންތެރިންނާއި، ޓްރެއިނަރުންނާއި، ޓީޗަރުންނާއި، ފެސިލިޓޭޓަރުންނާއި، މި ރޮނގުތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ އެއް ދުވަހުގެ މި ޓްރެއިނިން ފުރިހަމަ ކުރާ ފަރާތްތަކަށް ސެޓްފިކެޓެއް ލިބޭނެ އެވެ. އަދި ދުނިޔޭގެ މަޝްހޫރު މޯޓިވޭޝަނަލް ސްޕީކާ ޖޯން މެކްސްވެލްގެ "16 ލޯސް އޮފް ކޮމިއުނިކޭޝަން" މި ފޮތް ލިބޭނެ އެވެ.
މިއީ މި ދާއިރާގެ ތަޖުރިބާކާރުންގެ އިތުރުން އަލަށް ފަށައިގަންނަ މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް،" ރެޒޫމޯގެ އޮފިޝަލަކު ބުންޏެވެ. "މި ޕްރޮގްރާމުގައި ބައިވެރިންނަށް ސެޝަނުގެ ތެރެއިން ވާހަކަ ދެއްކުމާއި، މުއާމަލާތުކުރުމުގެ ހުނަރު ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަން ދެނެގަނެވޭނެ. އަދި ދުނިޔޭގެ ފެންވަރުގައި ވާހަކަ ދައްކާ މޮޅެތި މީހުންގެ ކޭސް ސްޓަޑީސް ދިރާސާކޮށް އެކަމުގެ ގާބިލުކަމާއި ހުނަރުތައް ދެނެގަނެ، އެކަންކަން އެޑޮޕްޓްކޮށް ދަސްކުރެވޭނީ ކިހިނެއްތޯ ކިޔައިދޭނެ."
ވާހަކަދެއްކުން ނުވަތަ ޕަބްލިކް ސްޕީކިން ރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުން އަންނަނީ އަދަބީ ކަމެއްގެ ގޮތުގަ އެވެ. އެކަން އޮންނަނީ ޕޯޑިއަމެއް ކައިރި އަށް ހުއްޓި، ކަނޑައެޅިފައި އޮންނަ ވަކި ތަށްގަނޑަކަށް ވާހަކަދެއްކުމުގަ މައްޗަށެވެ. އެކަމަކު މިހާރު ޕަބްލިކް ސްޕީކިން އަކީ އަދަބީ ކަމަކަށް ވުރެ ބޮޑަށް، އިންސާނީ ވަސީލަތްތައް ބިނާކުރުމަށް ބޭނުންކުރާ މީޑިއަމެކެވެ.
އެގޮތުން ކިޔަވައިދިނުމާއި، ތަމްރީން ދިނުމާއި، ކޯޗުކުރުމާއި، މޯޓިވޭޓްކުރުމާއި، ޕްރޮޑަކްޓް ލޯންޗުކުރުމަށާއި، ފަންނީ މައުލޫމާތު ދިނުމަށް، ޕަބްލިކް ސްޕީކިން އަކީ ދުނިޔޭގައި މަގުބޫލު މީޑިއަމެކެވެ. އަދި އެކަން މިހާރު ކުރަނީ ކުރިން އޮންނަ ރަސްމީ އުސޫލުތަކަށް ވުރެ ބޮޑަށް ސްޓޭޖް މައްޗާއި އޯޑިއަންސުގެ ތެރޭގައި ހަރަކާތްތެރިވެ، އޯޑިއަންސް ވެސް ބައިވެރިކޮށްގެންނެވެ. އަޑުއަހާ މީހުންގެ އިހުސާސްތަކާ ކުޅެލުމަށާއި ޝައުގުވެރިކަން އިތުރުކުރުމަށް، ޕަބްލިކް ސްޕީކަރުން ވާހަކަދައްކަނީ ސަމާސާގެ ރަހަތަކާ ވެސް އެކު އެވެ.
ރާއްޖޭގެ ސްކޫލްތަކުން ދަރިވަރުން އަދި ކުންފުނިތަކުން މުވައްޒަފުންގެ ހުނަރާއި ވިސްނުން ތަރައްގީކުރަން ފަހަކަށް އައިސް އަންނަނީ ގިނަ އިވެންޓްތައް ބާއްވަމުންނެވެ. އަދި ރާއްޖޭގައި ކޮންމެ އަހަރަކު ވެސް އެކި ދާއިރާތަކުގެ ކޮންފަރެންސްތައް އަންނަނީ ބާއްވަމުންނެވެ. އެއާއެކު ޕަބްލިކް ސްޕީކަރުންގެ ޑިމާންޑް ރާއްޖޭގައި އަންނަނީ ބޮޑުވަމުންނެވެ.
އަފީފަކީ ދުނިޔޭގެ އެތައް ގައުމެއްގައި، ބައިނަލްއަގްވާމީ އެތައް ކޮންފަރެންސެއްގައި ވާހަކަދައްކާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ދުނިޔޭގެ އެއް ވަނަ ލީޑާޝިޕް ކޯޗު، ވާހަކަދެއްކުންތެރިޔާ އަދި ލިޔުންތެރިޔާ ޖޯން މެކްސްވެލް ޓީމުގެ އެގްޒެކެޓިވް ކޯޗެކެވެ.
އަފީފް ވަނީ ބައިނަލްއަގްވާމީ އެތައް ކޮންފަރެންސްތަކާއި އިވެންޓްތަކުގައި ކީނޯޓް ތަގުރީރު ދެއްވައި ސެޝަންތައް ނަގައިދެއްވައިފަ އެވެ. އެޗްއާރް ސްޓްރެޓެޖީ އާއި ކަސްޓަމާ އެކްސްޕީރިއަންސް އާއި ލާނިން އެންޑް ޑިވެލޮޕްމަންޓް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަފީފަކީ ލީޑާޝިޕާއި ޕާސަނަލް ޑިވެލޮޕްމަންޓުގެ ދާއިރާގެ އެގްޒެކެޓިވް ކޯޗެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.
މިއީ ރާއްޖޭގެ ފާހަގަކޮށްލެވޭ ފާމެއް ކަމަށްވާ ރެޒޫމޯ އިން މި އަހަރު ބާއްވާ މިފަދަ ތިން ވަނަ ޕްރޮގްރާމެވެ. އެ ކުންފުނިން ވަނީ ފެބްރުއަރީ މަހު، އަމިއްލަ ނަފްސުގެ ގާބިލްކަން އިތުރުކޮށް، ކާމިޔާބު މީހަކަށް ވުމަށްޓަކައި ގެންގުޅެން ޖެހޭ ވިސްނުން ތަރައްގީކުރާނެ ގޮތްތަކާ ބެހޭގޮތުން، އަފީފްގެ އިވެންޓެއް ބާއްވައިފަ އެވެ. މި އިވެންޓުގެ އެކި ދާއިރާތަކުން 200 އެއްހާ މީހުން ބައިވެރިވި އެވެ. އަދި މިދިޔަ އޮގަސްޓް މަހު ވަނީ "ވޯލްޑް ކްލާސް ސާވިސް އެންޑް މައިންޑްސެޓް" އާ ގުޅޭ އަފީފުގެ ސެޝަނެއް ވެސް ބާއްވައިފަ އެވެ.
މި ޓްރެއިނިންގައި ބައިވެރިވާން ބޭނުންވާ މީހުންhttps://shorturl.at/jlnv0 މި ލިންކުގައިވާ ފޯމް ފުރުމުން ބައިވެރިވެވޭނެ އެވެ. އިތުރު މައުލޫމާތު ބޭނުންވާ މީހުން 7912444 އާ ގުޅުއްވުން އެދެމެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް