ގާޒާގައި އެ ތިބީ އިންސާނުންގެ ސިފައިގާ ތިބި ޖަނާވަރުން: އިޒްރޭލު

ގާޒާގައި ތިބީ އިންސާނުން ނޫން ކަމަށާއި އެއީ އިންސާނުންގެ ސިފައިގައި ތިބި ޖަނަވާރުންތަކެއް ކަމުގައި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ ގާޒާއެއްކޮށް ބަންދު...

09 Oct 2023 | 14:43

ގާޒާގައި ތިބީ އިންސާނުން ނޫން ކަމަށާއި އެއީ އިންސާނުންގެ ސިފައިގައި ތިބި ޖަނަވާރުންތަކެއް ކަމުގައި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ގާޒާއެއްކޮށް ބަންދުކޮށްލަނީކަން އިއުލާނުކުރަމުންނެވެ.

އެގޮތުން އޭނާ ބުނެފައިވަނީ ގާޒާއަށް ހުރިހާ ހިދުމަތެއް ހުއްޓާލަން އަމުރުކޮށްފައިވާނެކަމަށާއި ކަރަންޓާއި ފެނާއި ކާބޯ ތަކެއްޗާއި ތެޔޮ ދެން ނުލިބޭނެ ކަމަށެވެ. އެއްކޮށް ބަންދުވީ ކަމަށެވެ.

"އަހަރެމެން ހަނގުރާމަ މި ކުރަނީކީ އިންސާނުންނަކާ ނޫން، އެއީ އިންސާނުންގެ ސިފައިގާ ތިބި ޖަނަވާރުން" އިޒްރޭލު ޑިފެންސް މިނިސްޓަރު ބުނެފައިވެއެވެ.

އޭނާ މިހެން ބުނެފައިވާއިރު އިޒްރޭލުން ފަލަސްތީނުގެ ގާޒާ ބަންދުކޮށްގެން އުޅޭތާ މިހާރުވެސް ގާތްގަނޑަކަށް 17 އަހަރު ވަނީއެވެ. ފަލަސްތީނުގެ ބިންތަކަށް ޔަހޫދީން ވަޒަންވެރި ކުރުވަމުން ފަލަސްތީނުގެ ބިންތަކަށް ވެރިވަމުން އަންނަތާ 75 އަހަރު ވަނީ އެވެ.

ހަމާސް އިން ހޮނިހިރު ދުވަހު ދިން ހަމަލާތަކަކީ ހުއްޓުމެއްނެތި މުސްލިމުންނާއި މުސްލިމުންގެ މުގައްދަސް ބިންތަކާއި ބިނާތަކަށް މެދުކެނޑުމެއްނެތި އިޒްރޭލުގެ ޔަހޫދީން ކުރަމުންދިޔަ ފުރައްސާރައާއި ދެމުންދިޔަ އަނިޔާތަކަށް ކެތްތެރިކަން ކޮޅުންލާ އެކަންކަމުގެ ބަދަލެއްގެ ގޮތުގައި ދިން ހަމަލާއެއްކަމުގައި ހަމާސް އިން ބުނެފައިވެއެވެ.

ހޮނިހިރު ދުވަހު ހެނދުނު އިޒްރޭލަށް ދިން ވަރުގަދަ ހަމަލާއަށްފަހު އިޒްރޭލުގެ ބިމުގައި ހަމާސް އިން އަދިވެސް އަންނަނީ އިޒްރޭލުގެ ފައުޖުތަކާއި ހަމަލާތައް ބަދަލުކުރަމުންނެވެ.

އޭގެ ބަދަލުގައި އިޒްރޭލުން ވަނީ ގާޒާއަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށާފައެވެ.

ދެ ފަރާތުން ބަދަލުކުރަމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އިޒްރޭލުގެ 800 މީހަކު ފަލަސްތީނުގެ 510 މީހަކު މަރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް