އިޒްރޭލުން ގާޒާއަށް މިހާރު ދެމުން އަންނަ ހަމަލާތައް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރިކޮށްފިއެވެ.
އެ ޕާޓީން އެކަން ކުށްވެރިކޮށްފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޔަހޫދީން އަޅުވެތިކޮށްފައިވާ ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ މުސްލިމް އަޚުންނާއި އުޚްތުންނާ ދެކޮޅަށް އިސްރާޢީލުގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ފަލަސްޠީނުގެ ކުށެއް ނެތް މުސްލިމުން ޝަހީދު ކޮށް، އެ މީހުންގެ ލޭއޮހޮރުވައިލުމަށް އިސްރާޢީލުން ބަރުހަތިޔާރު ބޭނުންކޮށްގެން ދެމުންދާ ހަމަލަތައް އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.
"މި ޕާޓީއަކީ ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންގެ މިނިވަން ކަމަށް ވަކާލާތުކޮށް، އެ މީހުންގެ ހައްޤުތައް ހިމާޔަތް ކުރަން ތާއަބަދު ގޮވައިލަމުންދާ ޕާޓީއެކެވެ. އަދި، ފަލަސްޠީނުގެ މިނިވަން ކަން ކަށަވަރު ކޮށްދިނުމަށް އ.ދއިން ފާސްކޮށްފައިވާ ޤަރާރުތަކަށް އިޙުތިރާމުކޮށް، އެ ޤަރާރުތައް ތަންފީޒު ކުރުމަށް އިސްރާޢީލަށް ގޮވައިލަމުންދާ ޕާޓީއެކެވެ. އަދި، ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ، އެ މީހުން އަޅުވެތިކޮށް، ބައިތުލްމަޤްދިސްގައިވާ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ އަލް-އަޤްޞާއަށް އަތްގަދަކުރުމާ ދެކޮޅަށް އަޑުއުފުލަމުންދާ ޕާޓީއެކެވެ." އެ ޕާޓީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީން އިތުރަށް ބުނެފައިވަނީ އެ ޕާޓީއަކީ ސުލްޙައާއި ހަމަޖެހުމަށް ވަކާލާތުކުރާ، މަޝްވަރާގެ އުސޫލުގެ ދަށުން ދެބަސްވުންތައް ހައްލު ކުރަން ބާރުއަޅާ ޕާޓީއެއް ކަމަށާއި އަދި އެ ޕާޓީއަކީ އިންސާނީ ހައްޤުތަކަށް އިޙުތިރާމުކޮށް، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ހަމަތަކުގެ މަތިން އެ ހައްޤުތައް ކަށަވަރު ކޮށްދިނުމަށް ވަކާލާތުކުރާ ޕާޓީއެއް ކަމަށެވެ. ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނާ ދެކޮޅަށް އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ އުދުވާންތަކާއި ޖަރީމާތައް ބައިނަލްއަޤުވާމީ ހަމަތަކުގެ މަތިން ވަގުތުންވަގުތަށް ހުއްޓައިލަން އެމްޑީޕީން ގޮވާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް