ޓްރާންސިޝަން މުއްދަތުގެ ތެރޭގައި ވަޒީފާތަކަށް މީހުން ނަގާތީ ކަންބޮޑުވާ ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
ފިރުޒުލް މިހެން ވިދާޅުވީ އިންތިގާލީ މަރުހަލާގެ އަދާހަމަ ހިއްސާކުރެއްވުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފިރުޒުލް ވިދާޅުވީ، ސިވިލް ސާވިސް ކޮމިޝަނުން ދައުލަތުގެ އިދާރާތަކަށް ސިޓީ ފޮނުވައި، މުވައްޒަފުން ވަޒީފަތަކަށް ނެގުމާއި އިދާރާތަކުގައި ވަޒީފާ އުފެއްދުން ވަކި އުސޫލަކުން އަމަލު ކުރަމުން ގެންދިއުމަށް އަންގާފައި ވާނެ ކަމަށެވެ.
ނަމަވެސް ބައެއް ކުންފުނިތަކުން ވަޒީފާތަކަށް މީހުން ނަގަމުން ގެންދާކަމުގެ މައުލޫމާތު ލިބޭކަމަށް ފިރުޒުލް ވިދާޅުވިއެވެ. މީގެ އިތުރުން ވަޒީފާތައް އުފެއްދުޟާއި މަގާމުގެ ކުރިއެރުން ދިނުން ފަދަ ކަންކަންވެސް ބައެއް ކުންފުނިތަކުން ކުރިއަށް ގެންދާކަމަށް ފިރުޒުލް ފާހަގަ ކުރެއްވިއެވެ.
މިއަދު މަޖިލިސް އެޖެންޑާގައި ހިމަނައިގެން، ދެ ގައުމަކަށް ސަފީރުން އައްޔަނު ކުރުމަށް ރައީސް އެދިވަޑައިގެންފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އެއީ ރައީސްއަށް ލިބިގެންވާ ބާރެއްކަން ގަބޫލުކުރައްވާކަމަށާއި ނަމަވެސް އެއީ ޓްރާންސިޝަން މަރުހަލާގެ ރޫހާ ހިލާފުކަމެއް ކަމަށް ގަބޫލު ކުރައްވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ވެރިކަން ބަދަލު ވުމުގެ މަރުހަލާގެ ތެރޭގައި ވަޒީފާތަކަށް މީހުން ނުނަގަން ސިވިލް ސާވިސް ކޮމިޝަނުން ވަނީ އަންގާފައެވެ..
އެ ކޮމިޝަނުން ސަރުކާރުގެ އޮފީސްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، ވެރިކަން ބަދަލު ވުމުގެ މަރުހަލާ އަމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، މި މުއްދަތުގެ ތެރޭގައި ކޮންމެހެން ބޭނުންވާ ވަޒީފާތަކަށް ނޫނީ މީހުން ނުނަގަން އެދޭ ކަމަށެވެ.
އެގޮތުން އެ ސާކިލުއާގައި ވަނީ، މީހުން ވަޒީފާތަކަށް އައްޔަނު ކުރުމާއި މަގާމުގެ ކުރިއެރުން ދިނުމުގެ އިތުރުން އިދާރީ އޮނިގަނޑު އެކުލަވާލުމަށް އަމަލު ކުރަންވީ ގޮތް ބަޔާންކޮށްފައެވެ.
އެގޮތުން ޑޮކްޓަރުންނާއި ޓީޗަރުންނާއި އިމާމުން ފަދަ، މެދުނުކެނޑި ހިދުމަތްދޭ ވަޒީފާތަކުގައި މިހާރެކޭވެސް އެއްގޮތަށް މީހުން ނަގަމުން ދިއުމަށް ވަނީ ސާކިއުލާގައި އެދިފައެވެ.
ނަމަވެސް އެ ނޫން މަގާމުތަކަށް މި މުއްދަތުގައި މީހުން ނަގާ ނަމަ، އެކަމުގެ ހުއްދަ ނަގަން ޖެހޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް