އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތު ހަވިހިރުގެ ވަގުތެއްގައި ބާއްވަން ރާވާކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
ފިރުޒުލް މިހެން ވިދާޅުވީ އިންތިގާލީ މަރުހަލާގެ އަދާހަމަ ހިއްސާކުރެއްވުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފިރުޒުލް ވިދާޅުވީ، ގާނޫނުގައި ވާގޮތުން ހުވާކުރުމުގެ ރަސްމިއްޔާތަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކަމަށެވެ. އެހެންކަމުން އެ ޖަލްސާގެ އިންތިޒާމުތައް ހަޖައްސަން ހަވާލުވެފައި ވާނީ މަޖިލީހުގެ އިދާރާއަށް ކަމަށެވެ.
ނަމަވެސް އިންތިހާބީ ރައީސްގެ ފަރާތްޕުޅުން އެދިވަޑައިގަންނަވާ ގޮތްތަކަށް ރިއާޔަތް ކުރުމަށްފަހު ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ހުވާކުރުމުގެ ރަސްމިއްޔާތަކީ ނޮވެމްބަރު 17 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތެއްކަން ފާހަގަ ކުރައްވައި ފިރުޒުލް ވިދާޅުވީ، މި އަހަރުގެ އެދުވަސް ދިމާވަނީ ހުކުރު ދުވަހަކާ ކަމަށެވެ.
އިންތިހާބީ ރައީސް ކުރިން މަޝްވަރާ ކުރައްވާފައި ވަނީ ޖުމްހޫރީ މައިދާނުގައި ހުވާ ކުުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ކަމަށާއި، މިހާރު މަޝްވަރާ ކުރައްވާފައި ވަނީ ހުވާކުރާ ގަޑިއަކަށް އެދުވަހުގެ ހަވީރުގެ ވަގުތެއް ކަނޑައެޅުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އެހެން ނަމަވެސް މޫސުމަށް އަންނަ ބަދަލުފަދަ ބައެއް ކަންކަމާ ގުޅިގެން އެ ނިންމުން ބަދަލު ކުރަން ޖެހިދާނެ ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް